މިދިޔަ އޭޕްރިލް މަހާއި މެއި މަހު ވިއްސާރައިގެ އަސަރު ކުރި ހަ ރަށަކަށް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެ އިދާރާއިން އާއްމުކޮށްފައިވާގޮތުގައި އޭޕްރިލް މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް، "ކާރިސާތަކުގައި ލިބޭ ގެއްލުން ބަޔާންކުރާ ފޯމު" 11 ރަށަކުން ހުށަހެޅި ކަމަށެވެ. އެގޮތުން، 11 ރަށަކުން 163 ފޯމު ހުށަހަޅާފައިވާއިރު، މީގެ ތެރެއިން 125 ފޯމު ހުށަހެޅި އައްޑޫ ސިޓީން ކަމަށް ބުނެފައިވެއެވެ. މިއީ ޖުމްލަ ހުށަހެޅި ފޯމުގެ 78 އިންސައްތައެވެ.
އެންޑީއެމްއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އައްޑޫ ސިޓީން އެންމެ ގިނައިން ފޯމު ހުށަހަޅާފައިވަނީ ފޭދޫއިންނެވެ. އެ ރަށުން އެކަނި 104 ފޯމު ހުށަހެޅިއެވެ. އައްޑޫގެ އިތުރުން ހއ. ތުރާކުނާއި ދ. ކުޑަހުވަދުއާއި ބ. ފެހެންދުއާއި ގއ. ދާންދޫ އަދި ގދ. މަޑަވެލިން ފޯމު ހުށަހެޅިއެވެ.
އެންޑީއެމްއޭއިން ބުނީ ފޯމު ހުށަހެޅި 11 ރަށުގެ ތެރެއިން އެހީ ދޭ ރަށްތައް ކަނޑައަޅާފައިވަނީ ކާރިސާތަކުގައި އެހީ ދިނުމުގެ މިންގަނޑަށް ބެލުމަށްފަހު ކަމަށެވެ. އެގޮތުން މި މިންގަނޑަށް ފެތޭ ހަ ރަށަކަށް 531،370 ރުފިޔާ ދޭން ވަނީ ނިންމާފައެވެ.
މާލީ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވަނީ ސ. ފޭދުއާއި ހިތަދުއާއި މަރަދުއާއި މީދުއާއި ހުޅުދޫ އަދި ގދ. މަޑަވެއްޔަށެވެ. ފޭދުއަށް އެކަނި 402،102 ރުފިިޔާގެ އެހީ ދޭން ވަނީ ނިންމާފައެވެ.
މީގެ އިތުރުން މަޑަވެއްޔަށް 57،949 ރުފިޔާގެ އެހީ ދޭން ނިންމާފައިވާއިރު އައްޑޫ ސިޓީ ހުޅުދުއަށް 8،460 ރުފިޔާ، ހިތަދުއަށް 42،255 ރުފިޔާ، މީދުއަށް 1044 ރުފިޔާ، އަދި މަރަދުއަށް 19،590 ރުފިޔާގެ އެހީ ދޭން ވަނީ ނިންމާފައެވެ.
އެންޑީއެމްއޭއިން ބުނީ އެހީގެގޮތުގައި ދޭ ޖުމްލަ ފައިސާގެ 61 އިންސައްތަ އެހީއަކީ ސްޓްރަކްޗަރަލް ގެއްލުންތަކަށް ދޭ އެހީ ކަަމަށެވެ. އަދި ބާކީ 39 އިންސައްތަ އެހީ ދީފައިވަނީ ގޭގައި ގެންގުޅޭ ޒަރޫރީ ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމަށް ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
މިހާތަނަށް އެހީ ދިން ރަށްތަކުގެ އިތުރުން ދ. ކުޑަހުވަދުއަށް ލިބުނު ގެއްލުންތަކަށް އެހީ ދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ.
މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި، ވައި ގަދަވުމުގެ ސަބަބުން ލިބޭ ގެއްލުންތަކަށް އެހީ ދިނުމަށް އެންޑީއެމްއޭއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ އިދާރާއިން އެހީ ދޭއިރު ބަލާ، "ކާރިސާތަކުގައި އެހީދިނުމުގެ މިންގަނޑު"ގެ ދަށުން, ދަނޑުބިންތަކާއި ވިޔަފާރިތަކާއި މަގުފާރާއި ގަރާޖާއި ގުދަންފަދަ ތަންތަނަކީ އެހީ ދޭ ދާއިރާތަކެއް ނޫނެވެ.