ކުރިއަރާފައި ނެތް ނަމަވެސް ސައޫދީ އަރަބިއާގެ ފުޓްބޯޅަ ލީގުގައި ކުޅެން އެ ގައުމުގެ އަލްއިއްތިހާދަށް ބަދަލުވީ އޭނާ އަކީ މުސްލިމަކަށްވެފައި، ސައޫދީގައި ދިރިއުޅެން ޝައުގުވެރިވާލެއް ބޮޑުވުމުން ކަމަށް ފޯވަޑް ކަރީމް ބެންޒެމާ ބުނެފި އެވެ.
އުމުރުން 35 އަހަރުގެ ފްރާންސްގެ ފޯވަޑް ބެންޒެމާ ސައޫދީ ލީގަށް ބަދަލުވީ ސްޕޭންގެ މަޝްހޫރު ރެއާލް މެޑްރިޑުގެ ކެޕްޓަންގެ ގޮތުގައި ހުރެފައި އެކުލަބުގައި އޭނާ މަޑުކޮށްދިނުމަށް މެނޭޖްމަންޓުން އެދެމުން ދަނިކޮށެވެ. އެވެ. ރެއާލް މެޑްރިޑަކީ އޭނާގެ އުމުރުން 21 އަހަރުން ފެށިގެން ކުޅެމުން އައި ކުލަބެވެ.
އަހަރެންނަކީ މުސްލިމެއް. ސައޫދ އަރަބިއާ އަކީ މުސްލިމް ގައުމެއް. އެންމެ މާތް ބިން. މިގައުމުގައި ދިރިއުޅުމަށް އަހަރެން ލޯބިކުރަން. އަހަރެން މި ގައުމަށް އެކި ފަހަރުތަކުގެ މަތިން އައިސްފިން. އަހަރެންނަށް މިތަނުގެ މޫސުން ކަމުދޭ. އަހަރެން ސައޫދީގައި ފުޓްބޯޅަ ކުޅެން ނިންމީ ފައިސާގެބޭނުމުގައި ނޫން. މި ގައުމުގައި ދިރިއުޅޭ ހިތްވާތީވެބެންޒެމާ
ސައޫދީ އަރަބިއާ އަކީ މުސްލިމުންގެ އެންމެ މަތިވެރި ބިނާ ކަމަށްވާ މާތްވެގެންވާ ގެފުޅު ހުންނަ ގައުމެވެ. ބެންޒެމާ އަކީ ދޭތެރެ ދޭތެރެއިން އުމްރާގެ އަޅުކަމަށާއި ހައްޖުވުމަށް ސައޫދީ އަށް ދަތުރުކުރާ ކުޅުންތެރިއެކެވެ.
އޭނާ އަށް ސައޫދީ ލީގުން ފުރުސަތު ދިނީ 258 މިލިއަން ޑޮލަރުގެ އަގުހުރި ތިން އަހަރުގެ ކޮންޓްރެކްޓަކާއެކުގަ އެވެ. އިއްތިހާދުގެ ކުޅުންތެރިއެއްގެ ގޮތުގައި ބެންޒެމާ ތައާރަފްކުރި ރަސްމިއްޔާތަށް 60000 ސަޕޯޓަރުން އެއްވި އެވެ. އަދި މި ރަސްމިއްޔާތު ކުލަގަދަ ކުރުމަށް މިދިޔަ އަހަރު ބެންޒެމާ ހޯދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށްދޭ ރަންބޯޅަ ނުވަތަ ބެލޮންޑީއޯ އެވޯޑް ވެސް ސަޕޯޓަރުންނަށް ދައްކާލި އެވެ.
ބެންޒެމާ ބުނީ ސައޫދީ ލީގަށް ބަދަލުވި ނަމަވެސް ރެއާލް މެޑްރިޑުގެ މަތިން ހަނދާން ނުނެތޭނެ ކަމަށާއި އެއީ އޭނާ މޮޅު ކުޅުންތެރިއަކަށް ހަދައިދން ކުލަބު ކަމަށެވެ.
އަހަރެންގެ އުމުރުން 21 އަހަރުގައި ފްރާންސްގައި ހުރި އަހަރެންގެ ގެއަށް (ރެއާލް މެޑްރިޑްގެ) ރައީސް ވަޑައިގެންނެވި. އޭނާ ފެނުމުން އަހަރެން ހިތަށް އެރީ މިއީ (ފްރާންސްގެ ކުރީގެ ކެޕްޓަން ޒައިނުއްދީން ޒިދާން) ޒިޒޫ އާއި (ބްރެޒިލްގެ) ރޮނާލްޑޯ ރެއާލް އަށް ގެންދިޔަ މީހާއޭ. މިހާރު އޭނާ އެއައީ އަހަރެން ބަލައޭ ރެއާލް އަށް ގެންދަން. މި ފުރުސަތު ދިންކަމަށްޓަކައި ރައީސަށް ޝުކުރު އަދާކުރަންބެންޒެމާ
އޭނާ އެކުލަބު ދޫކޮށްލިއިރު ބެންޒެމާ އަކީ ދެ ވަނަ އަށް ރެއާލް އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ.