ލިއޯން އަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ކުޅުންތެރިޔާ މޫސާ ޑެމްބެލޭ އެ ކުލަބު ދޫކޮށްލުމަށް ނިންމައިފި އެވެ.
އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ ލިއޯން އަށް ބަދަލުވީ 2018 ވަނަ އަހަރު އެވެ. ފަސް އަހަރު ދުވަހަށް އެ ކުލަބާއެކު އޭނާ އެކުލަވާލި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި ހިނގާ ޖޫން މަހުގެ ނިޔަލަށެވެ. ލިއޯން އިން އޭރު އޭނާ ހޯދީ 22 މިލިއަން ޔޫރޯ ޚަރަދު ކުރުމަށް ފަހު އެވެ. ލިއޯންއާއެކު އޭނާ އެކުލަވާލި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އޭނާ ލިއޯން ދޫކޮށްލާނީ ހިލޭ ޓްރާންސްފާއެއްގަ އެވެ. މިވަގުތު ވެސް ޔޫރަޕުގެ ގިނަ ކުލަބުތަކަކުން އަންނަނީ އޭނާ ހޯދުމަށް ޝައުޤުވެރިކަން ފާޅު ކުރަމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. ލިއޯން ގައި ހުރުމަށްފަހު، ޑެމްބެލޭ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އެތުލެޓިކޯ މެޑްރިޑަށް ކުޅެފަ އެވެ. ލިއޯން ދޫކޮށްލުމަށް އޭނާ ނިންމީ އެ ކުލަބުން އައު އެއްބަސްވުމެއް ދޭން ތައްޔާރުވެފައި ވަނިކޮށް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
ލިއޯން އަަށް ކުޅެދިން 172 މެޗުގައި އޭނާ ވަނީ 70 ލަނޑު ޖަހައިފަ އެވެ. ފުލަމް އިން 2013 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި ޑެމްބެލޭ ވަނީ ސެލްޓިކް ކުލަބަށް ވެސް ކުޅެފަ އެވެ. ޑެމްބެލޭ ވަނީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ޔޫތު ޓީމުގައި ވެސް ކުޅެފަ އެވެ. ލިއޯން އާއެކު އޭނާ ވަނީ ފްރެންޗް ލީގު ކަޕެއްގެ ފައިނަލްގައި ކުޅެފަ އެވެ. ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން ޑެމްބެލޭ ހޯދުމުގެ ޝައުޤުވެރިކަން އިނގިރޭސި ޕްރިމިއާ ލީގު އަދި ސްޕެނިޝް ލީގުގެ ކުލަބުތަކުން ވެސް ގެންގުޅެ އެވެ. އެހެން ނަމަވެސް މިހާތަނަށް އޭނާ ބަދަލުވާނެ ވަކި ކުލަބެއް ހާމަކޮށްފައެއް ނުވެ އެވެ.