މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވުމަށް ދުނިޔެއަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ ކަރަންޓުގެ ދާއިރާއިން ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ޚާއްސަކޮށްގެން ބާއްވާ ރިނިއުވަބަލް އެނަރޖީ އިންވެސްޓަރ ކޮންފަރެންސް (އާރްއީއައިސީ 2023) ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގައި ކަރަންޓުގެ ދާއިރާއިން ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް މަގުފަހިކޮށްދޭ ޓެކްނޮލޮޖީއަކީ އިއާދަކުރަނިވި ހަކަތަ، އަދި ވަކިން ޚާއްސަކޮށް އިރުގެ ހަކަތަ ކަމަށެވެ. އަދި އިމްޕޯޓުކުރާ ފޮސިލް ފިއުލާ އަޅައިބަލާއިރު ސޯލާއަކީ ބޮޑެތި ފައިދާތަކެއް ލިބޭ އެއްޗެއް ކަމަށެވެ. ރާއްޖޭގައި އިރުގެ އަލި ގިނައިން ލިބޭކަމަށާއި، ސޯލާ އިންސްޓޯލްކުރުމުން ހަކަތައިގެ ރައްކާތެރިކަން އިތުރުވެގެންދާނެކަމަށެވެ.
ރަނގަޅަށް ފައިނޭންސްކުރާއިރު، ސޯލާއަކީ އަގުހެޔޮ، ސަރުކާރުގެ ސަބްސިޑީ ބިލްތައް ކުޑަކުރުމަށް އެހީތެރިވެދީ، ކަސްޓަމަރުންނަށް ދޭ އަގުތައް ހެޔޮކޮށްދޭ އެއްޗެއް. ސޯލާއަކީ، އަޅުގަނޑުމެން ރާއްޖޭގަ ހުރި ފަދައިން، އެތައް ސަތޭކަ ރަށެއްގަ ފެތުރިފަ ވާ، ޑިސްޓްރިބިއުޓް ކަރަންޓް ސިސްޓަމަކަށް ވަރަށް ފުރިހަމަ ނިޒާމެއް. އަދި ސޯލާއަކީ އެމިޝަން ފްރީ އެއްޗެއް.އެންވަޔަރަމަންޓް މިނިސްޓަރު، އާމިނަތު ޝައުނާ
މިނިސްޓަރު ވިދާޅުވީ މި ހުރިހާ ސަބަބުތަކަކަށްޓަކައި، އިއާދަކުރަނިވި ހަކަތަ ގެނައުމުގެ އެންމެ ބޮޑު މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށެވެ. އަދި ބޭރުގެ ތެލުގެ ބަދަލުގައި، ރާއްޖޭގެ އިރުގެ އަލިން ހަކަތަ ލިބޭ ގައުމަކަށް ވުމަށްޓަކައި، އުންމީދީ ޕްލޭންތަކަށް ބޮޑެތި އިންވެސްޓްމަންޓްތައް ކުރަން އެބަޖެހޭ ކަމަށެވެ. އަދި ޕަބްލިކް ސެކްޓަރ ފަންޑިންގއަކީ ހަމައެކަނި އުންމީދުތައް ހަގީގަތަކަށް ހެދުމަށް ފުދޭނެ ކަމެއް ނޫން ކަމަށެވެ.
އެހެންވީމައި، ހަކަތައިގެ ބަދަލު ކުރިއަށް ގެންދިޔުމަށްޓަކައި، ޕްރައިވެޓް ސެކްޓަރަށް އެނބުރެންޖެހޭ ކަމަށެވެ. އަދި ޕްރައިވެޓް އިންވެސްޓްމަންޓަށް ބޭނުންވާ ފަހި މާހައުލެއް ގާއިމުކުރުމަށް ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
2020 ވަނަ އަހަރު ޔުޓިލިޓީ ރެގިއުލޭޓަރީ ގާނޫނަށް އަމަލުކުރަން ފެށުމުން، ރެގިއުލޭޓަރީ މާހައުލެއް އުފެދުނު. އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ޚާއްސަ ސަމާލުކަމެއް ދީގެން 2021 ވަނަ އަހަރު ހަކަތައިގެ ގާނޫނަށް ޢަމަލުކުރުމުގެ ސަބަބުން ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް މަގުފަހިވެގެން ދިޔަ. 2022 ވަނަ އަހަރު އަޅުގަނޑުމެންނަށް ފެނުނީ ނެޓް-މީޓަރިންގެ ގަވާއިދު އަޕްޑޭޓްކޮށް، އޭގެ އަހަރެއްފަހުން ނެޓް މީޓަރުކުރުމުގެ ޕްރޮގްރާމް އިފްތިތާހުކުރުން. މީގެ އިތުރުން ގޭތެރޭގެ ސާމާނުތަކަށް އެނަރޖީ އެފިޝަންސީ ލޭބަލް ކުރުމުގެ ޕްރޮގްރާމެއްވެސް މިވަނީ ފަށާފައި. އަދި ކުދި ރަށްރަށުގައި، ސްޓޯރޭޖްއާއެކު އިއާދަކުރަނިވި ހަކަތައަށް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓްތައް ކޮށްދިނުން. ބައިނަލްއަގުވާމީ އެހީދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު އިނޮވޭޓިވް ގެރެންޓީ މެކޭނިޒަމްގެ ޒަރިއްޔާއިން ޕީ.ޕީ.އޭ މޮޑެލްވެސް މެއިންސްޓްރީމް ކުރެވިފައިވޭ.އެންވަޔަރމަންޓް މިނިސްޓަރު، އާމިނަތު ޝައުނާ
މިނިސްޓަރ ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ފެނުނު ކަމަކީ، ޕީޕީއޭ ޓެރިފް މިހާރު ހުރީ ޑީސަލް ކަރަންޓުގެ ނޮމިނަލް ކޮސްޓްގެ ދެބައިކުޅަ އެއްބަޔަށްވުރެ ކުޑަ ކަމަށެވެ. އޭގެ މާނައަކީ އިންވެސްޓަރުންނާއި ޔުޓިލިޓީ ކުންފުނިތަކަށް ފައިދާއަކަށް ބަދަލުކުރެވޭއިރު، ސަރުކާރުން ސަބްސިޑީގެ ބުރަ ކުޑަކޮށް، ގައުމީ މާލީ ހާލަތު ރަނގަޅުކުރުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އިއާދަކުރަނިވި ހަކަތައަކީ އަގާއި، ފައިދާއާއި، ސަބްސިޑީއާއި، ހަކަތައިގެ ރައްކާތެރިކަމާއި، ސާފު ވައިގެ ޒަރިއްޔާއިން ފޯރުކޮށްދޭ ހަކަތައެއް ކަމަށެވެ. އަދި ހަމައެކަނި ކަރަންޓުގެ ދާއިރާ ޑިކާބޮނައިޒް ކުރުމަކީ އަޅުގަނޑުމެން ހިތްހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. ރާއްޖޭގައި އަޅުގަނޑުމެން ބޭނުންވަނީ މުޅި އިގްތިސާދު ޑިކާބޯނައިޒް ކުރައްވަން ކަމަށެވެ.