ކ. މާލެ
|
24 އޮކްޓޯބަރ 2023 | އަންގާރަ 13:56
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ
ދުނިޔޭގެ ތަފާސްހިސާބު ދުވަސް
ތަރައްޤީގެ އެއްވެސް މަސައްކަތެއް ތަފާސްހިސާބުތަކަށް ނުބަލާ ކުރިއަކަށް ނުގެންދެވޭނެ - ޝައުނާ
ޝައުނާ ވިދާޅުވީ ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދަން ރާއްޖެ އަށް ވަމުންދާ ގޮތް އެނގުން މުހިންމު ކަމަށް
އާމްދަނީ ޚަރަދު ކުރާ މިންވަރު ނޭނގި ކަންކަން ނުކުރެވޭނެ ކަމަށް ޝައުނާ ވިދާޅުވި

ތަރައްޤީގެ އެއްވެސް މަސައްކަތެއް ތަފާސްހިސާބުތަކަށް ނުބަލާ ކުރިއަކަށް ނުގެންދެވޭނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތަފާސްހިސާބު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝައުނާ ވިދާޅުވީ ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދަން ރާއްޖެ އަށް ވަމުންދާ ގޮތް އެނގުން މުހިންމު ކަމަށެވެ. އަދި މައުލޫމާތަށް ނުބަލާ، އާމްދަނީ ލިބޭ މިންވަރާއި އާމްދަނީ ޚަރަދު ކުރާ މިންވަރު ނޭނގި ކަންކަން ނުކުރެވޭނެ ކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ. އެ މައުލޫމާތުތައް ނެތް ނަމަ ރަނގަޅު ގޮތުގައި ކަންކަން ނުކުރެވޭނެ ކަަމަށާއި ސިޔާސަތު ކަނޑައެޅުމާއި، ސިޔާސަތު ތަންފީޒުކުރުމުގައި ވެސް އެކަން އޮތީ އެހެން ކަމަށް ޝައުނާ ވިދާޅުވިއެވެ.

މީގެއިތުރުން ރަސްމީ އިދާރާއެއްގެ ގޮތުގައި ތަފާސްހިސާބުތައް ބެލެހެއްޓުމަކީ އެ ދާއިރާ އަށް ލިބުނު ވަަރަށް މުހިންމު އަދި ރަނގަޅު ބަދަލެއް ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޤާނޫނީ ބާރުވެރިކަމާއެކު ތަފާސްހިސާބުތައް ބެލެހެއްޓުމުގެ މަސައްކަތް ފެށުމަކީ އެ ދާއިރާ ހަރުދަނާކުރުމަށް އެޅުނު ފިޔަވަޅެއް ކަަމަށް ވެސް ވިދާޅުވިއެވެ. އަދި ސްޓެޓިސްޓިކްސް ދުވަހުގެ ޝިއާރު ކަމަށްވާ "ސްޓެޓިސްޓިކްސް ފޯރ ގުޑް ގަވަރނަންސް" އަށް ވެސް ޝައުނާ ވަނީ އަލިއަޅުއްވާލައްފައެވެ.

ހިންގުމުގެ ދާއިރާ އާއި ތަފާސްހިސާބުތަކާއި ވަނީ ވަރަށް ބޮޑަށް ގުޅިފައި ކަމަށް ޝައުނާ ވިދާޅުވިއެވެ. މިހާރު މިސްރާބު ޖަހަމުން އަންނަ ދިމާ ރަނގަޅުކޮށް އިންފްރާސްޓްރަކްޗަރާއި ތިމާވެށި ފަދަ ދާއިރާތަކުގައި ވެސް ތަފާސްހިސާބުގެ ދައުރު ވަރަށް މުހިންމު ކަމަށް ޝައުނާ ވިދާޅުވިއެވެ. އަދި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޓަކައި ވެސް އެއީ ވަރަށް މުހިންމު ކަމެއް ކަަމަށް ޝައުނާ ވިދާޅުވިއެވެ. އަވަސް މިނެއްގައި ލިބޭ ގޮތަށް ތަފާސްހިސާބުތައް ބެލެހެއްޓުން މުހިންމު ވަނީ އެހެންވެގެންކަމަށް ޝައުނާ ވިދާޅުވިއެވެ. އަދި ފޮތެއްގެ ސިފައިގައި ތަފާސްހިސާބު އެކުލަވާލުމުގެ ބަދަލުގައި އެ މައުލޫމާތު ޕޯޓަލްއެއް މެދުވެރިކޮށް ލިބޭނެ ގޮތް ހަމަޖެހުމަކީ މައުލޫމާތު ހޯދާ ލިބިގަތުމަށް ފަސޭހަވެގެންދާނެ ކަމެއްކަން ޝައުނާ ވަނީ ފާހަގަކުރައްވާފައެވެ.

- ކޮމެންޓް