މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިން ޕްރޮގްރާމުގެ ތެރެއިން ހިންގާ ބިންވެރިޔާ ސްކީމާއި ފްލެޓަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ގޯއްޗާއި ފްލެޓު ލިބުނު މީހުންގެ ނަންތައް މި މަހު އިއުލާނު ކުރާނެކަމަށް ޕްލޭނިންގ މިނިިސްޓްރީން ބުނެފިއެވެ.
މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ހިންގާ ބިންވެރިޔާ ސްކީމާއި، މާލޭ ރައްޔިތުންނާއި މާލޭގައި 15 އަހަރަށްވުރެ ގިނަ ދުވަހު އުޅެފައިވާ ފަރާތްތަކަށް، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުވާލި 4000 ފުލެޓަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވީއިރު 35،861 ފޯމު ހުށައަޅާފައިވެއެވެ. އެގޮތުން ދުނިޔޭގެ 64 ގައުމެއްގައި ތިބި ދިވެހިން ފޯމު ހުށަހަޅާފައިވާކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފައިވެއެވެ.
ބޮޑު އީދުގެ ކުރިން ގޯއްޗާއި ފްލެޓު ލިބުނު މީހުންގެ ނަންތައް އިއުލާނު ކުރާނެކަމަށް ނޫސްތަކުން ރިޕޯޓު ކޮށްފައިވާއިރު، އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލު ކުރުމުން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެފައިވާ ގޮތަށް، މި މަހު އެކަން އިއުލާނު ކުރާނެ ކަމަށެވެ. އީދުގެ ކުރިން އިއުލާނު ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
މިއަހަރުގެ ބޮޑު އީދު ފެށެނީ މިހިނގާ ޖޫން މަހުގެ 28 ވަނަ ދުވަހުއެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 2 ކޮޓަރީގެ ފްލެޓުތަކަށް އެދި ކުރިމަތިލާފައިވަނީ 6،208 މީހުންނެވެ. އަދި 3 ކޮޓަރީގެ ފްލެޓުތަކަށް އެދި 14،489 މީހުން ކުރިމަތިލާފައިވާކަމަށާއި، ބިންވެރިޔާ ސްކީމަށް 15،164 ފަރާތަކުން ކުރިމަތިލާފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މާލެއިން ގޯތި ނުދޭތާ އެތަކެއް އަހަރުވެފައިވާ އިރު، ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ބިން ދޫކުރުމަށް ނިންމާ، އެކަމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.
ބިންވެރިޔާ ޕްރޮގްރާމުގެ މިފަހަރު ޖުމްލަ 3000 ގޯތި ދޫކުރާނެއެވެ. އެއީ ހުޅުމާލެއިން 1000 ގޯއްޗާއި ގުޅީފަޅުން 2000 ގޯއްޗެވެ. މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ދޭ މި ގޯތިތައް ދިނުމަށް ހުޅުމާލެއިން ކަނޑައަޅާފައިވާ ސަރަހައްދުތައް ސާފު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ހުޅުމާލެއިން ބިން ދޫކުރުމަށް 1،250،000 (އެއްމިލިއަން ދެލައްކަ ފަންސާސްހާސް) އަކަފޫޓުގެ ބިން ވަނީ ޕްލޭނިންގ މިނިސްޓްރީއަށް ހަވާލު ކުރެވިފައެވެ. މިއީ 62 ސަރަހައްދަކުން ލިބިފައިވާ ބިންތަކެއް ކަމަށާއި، ބިން ލިބޭ ފަރާތްތަކުގެ ލިސްޓު އާންމުކުރެވެންވާއިރަށް މި ސަރަހައްދުތައް ސާފުކޮށް ނިންމައި، ކަޑަޖަހައި، ހައްގުވެރިންނާ ހަވާލުކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.