ސައުދީ އަރަބިއްޔާ ލީގަކީ މޮޅު ކުޅުންތެރިން ކުޅޭ, ރަނގަޅު ލީގެއްކަމަށް އެންމެ ފަހުން ބެލޮންޑިއޯ އެވޯޑް ހޯދި ފޯވާޑް ކަރިމް ބެންޒެމާ ބުނެފިއެވެ.
14 އަހަރަށްފަހު ރެއާލް މެޑްރިޑް ދޫކޮށް ސައުދީ ލީގުގެ ޗެމްޕިއަން އަލް އިއްތިހާދަށް ސޮއިކުރުމަށްފަހު ބެންޒެމާ ބުނީ މިއީ އޭނާގެ ކެރިއަރުގައިވެސް އައު ޗެލެންޖެއް ނަގަންވީ ވަގުތުކަމުގައި ޤަބޫލުކުރާކަމަށެވެ. ބެންޒެމާ އަގުބޮޑު އެއްބަސްވުމެއްގެ ދަށުން އަލް އިއްތިހާދަށް ސޮއިކުރީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރަނގަޅު ފޯމްގައި ހުރެ 35 އަހަރުގައި ބެންޒެމާ ރެއާލް ދޫކޮށްލަން ނިންމުން ވެގެންދިޔައީ ހައިރާންކަން ގެނުވި ނިންމުމަކަށެވެ. ސައުދީ ލީގަށް ބަދަލުވުމަށްފަހު ބެންޒެމާ ފާހަގަކުރީ އޭނާގެ ރަހުމަތްތެރިޔާ އަދި ކުރީގެ ޓީމް މޭޓް ރޮނަލްޑޯ ވެސް އެލީގުގައި ކުޅެމުންދާކަމެވެ. އޭގެން އެނގެނީ ސައުދީ ލީގު ކުރިއަށްދާކަން ކަމަށް ބެންޒެމާ ބުނެފައިވެއެވެ.
އަހަރެން މިތަނަށް މިއައީ ޔޫރަޕްގައި ކާމިޔާބު ހޯދިފަދައިން ކާމިޔާބު ހޯދަންކަރިމް ބެންޒެމާ
ބެންޒެމާ ބުނީ އޭނާގެ ކެރިއަރުގައި ސްޕެއިންއާއި ޔޫރަޕްގެ ހުރިހާ ކާމިޔާބީއެއް ހާސިލްކުރެވިއްޖެކަމަށެވެ. އެހެންކަމުން މިއީ މުޅިން އައު ޕްރޮޖެކްޓަކާއެކު އައު ޗެލެންޖެއް ނަގަންވީ ވަގުތުކަމަށެވެ. ބެންޒެމާ ރެއާލް ދޫކޮށްލީ އެކްލަބާއެކު 25 ތަށި ކާމިޔާބުކުރުމަށްފަހުއެވެ. އޭގެ ތެރޭގައި ފަސް ޗެމްޕިއަންސް ލީގާއި, 4 ލަލީގާ ހިމެނެއެވެ. 648 މެޗުން ކްލަބަށް 354 ގޯލް ޖަހައިދިނެވެ. ރެެއާލްގެ ތާރީޚުގައި އެކްލަބަށް ދެވަނައަށް އެންމެ ގިނަ ގޯލް ޖަހައިދިނީ ބެންޒެމާއެވެ. އެންމެ ގިނަ ގޯލް ޖަހައިދިން ރޮނަލްޑޯވެސް މިހާރު ކުޅެނީ ސައުދީ ލީގުގައެވެ.
ބެންޒެމާ ރެއާލްއާ ގުޅުނީ 2009 ވަނަ އަހަރު ލިޔޯންއިންނެވެ. ސައުދީ ލީގުގައި އޭނާއަށް އިރުޝާދުދޭނީ ކުރިން ވުލްވްސްއާއެކު ރަނގަޅު މަސައްކަތްތަކެއް ކުރި އަދި ފަހުން ޓޮޓެންހަމްއަށްވެސް އިރުޝާދުދިން ނޫނޯ އެސްޕިރިޓޯ ސަންޓޯއެވެ.