ޖާހު އިންވެސްޓްމެންޓުގެ ފަރާތުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ ހައުސިން މަޝްރޫއު ނިންމުމަށް 30 ދުވަހުގެ ނޯޓިސް ދީފިއެވެ.
އަރބަންކޯއިން ބުނީ 2017 ވަނަ އަހަރު ހުޅުމާލޭގައި މެދުފަންތީގެ ހައުސިންގ މަޝްރޫއު ހިންގުމަށް ޖާހު އިންވެސްޓްމަންޓާ ހަވާލުކުރެވިފައިވާ މަޝްރޫއު ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާއިރު، މި މައްސަލަ ބެލުމަށްފަހު ޖާހު އިންވެސްޓްމަންޓަށް މަސައްކަތް ނިންމުމަށް އަންގާފައިވާކަމަށެވެ.
އަދި އަރބަންކޯއަށް ދައްކަންޖެހޭ ބިމުގެ އަގު ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދީ ނޯޓިސް ހަވާލުކޮށްފައިވާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. މިގޮތަށް ނޯޓިސް ދިނުމުގެ ކުރިން، އެކި ފަހަރުމަތިން މަސައްކަތްތައް ނިންމުމަށް ގިނަ ފުރުސަތުތަކެއް ޖާހު އިންވެސްޓްމަންޓަށް ދީފައިވާކަން އަރބަންކޯއިން ވަނީ ފާހަގަކޮށްފައެވެ.
ޖާހު އިންވެސްޓްމެންޓުގެ ފަރާތުން "ދަ ގާޑަންސް"ގެ ނަމުގައި ތަރައްގީކުރަމުންއަންނަ ފްލެޓުތަކުގެ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ. އެތަނުގައި 83 އެޕާޓްމަންޓް ހަދައެވެ.
އެ އެޕާޓްމަންޓުތައް ނުނިމި ދިގުލައިގެންދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޖާހުގެ ފަރާތުން މީގެ ކުރިން ވަނީ މަސައްކަތް ނިންމަން އެކި މުއްދަތުތައް ދީފައެވެ.