ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވެރިކަމުގެ އައު ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންފިއެވެ.
މިރަސްމިއްޔާތު އޮތީ، ތުރުކީވިލާތުގެ ވެރިރަށް އަންކާރާގައި ހުންނަ ރިޔާސީގަނޑުވަރުގެ އެކުވެނީގައެވެ.
ތުރުކީވިލާތުގައި 28 މެއި 2023 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ތިންވަނަ ދައުރެއް ކަށަވަރުކުރައްވާފައެވެ.
ވެރިކަމުގެ އައު ދައުރަށް ރަޖަބް ޠައްޔިބް އުރްދުޣާން ހުވާކުރެއްވުމުގެ މިރަސްމިއްޔާތުގައި، ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންނާއި ސަރުކާރުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މިރަސްމިއްޔާތަށް ވަޑައިގެންނެވި ޤައުމުތަކުގެ އިސްވެރިންނާއި ވަފުދުތަކުގެ ޝަރަފްގައި ތުރުކީވިލާތުގެ ރައީސް ދެއްވާ ރޭގަނޑުގެ ފަރިއްކޮޅެއްގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ދިވެހިރާއްޖެއިން ތުރުކީވިލާތާ އެކު ސިޔާސީގުޅުން ޤާއިމްކޮށްފައި ވަނީ، 28 މޭ 1979 ގައެވެ.