ތިން އަހަރަށްފަހު އެމް7 ގްރޫޕްގެ އަހަރީ ހަފްލާ ބާއްވައިފިއެވެ.
ހުކުރު ދުވަހުގެ ރޭ ބޭއްވި މި ހަފްލާގައި އެމް7 ގްރޫޕުގެ އިސް ބޭފުޅުންނާއި ކުންފުނީގެ މުވައްޒަފުން އަދި އެ ކުންފުނީގެ ޕާޓްނަރުން ބައިވެރިވިއެވެ.
މި ހަފްލާގައި އެމް7 އަށް ގިނަ ދުވަހު ޚިދުމަތް ކޮށްދީފައިވާ މުވައްޒަފުންނާއި އެކި ގޮތްގޮތުން ފާހަގަކުރެވޭ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ވަނީ އެވޯޑު ދީފައެވެ.
އެމް7 އަކީ 1996 ވަނަ އަހަރު އެސްއެމް ސްޓޭޝަނަރީގެ ނަމުގައި އުފެއްދި ކުންފުންޏެކެވެ. ފޮޓޯ ކޮޕީ މެޝިނަކާއެކު ފެށި އެ ކުންފުނީގެ މަސައްކަތްތައް ފުޅާކޮށް ސްޓޭޝަނަރީއާއި ފޮތްތައް ވިއްކުމަށް އެމް7 ބޫކްސްގެ ނަމަށް ނަން ބަދަލު ކޮށްފައިވަނީ 2003 ގައެވެ. އަދި އެއަށްފަހު 2007 ވަނަ އަހަރު މިހާރު ގިނަ ބައެއްގެ މެދުގައި މަގުބޫލު އެމް7 ޕްރިންޓްސް އުފެދިގެން އައެވެ.
ޕްރިންޓިންގއާ ގުޅުންހުރި ތަފާތު ގިނަ ޚިދުމަތްތައް ދެމުން އަންނަ އެމް7 ގެ ދަށުން ހަތަރު ވިޔަފާރިއެއް ކުރިއަށްގެންދެއެވެ އެއީ އެމް7 ޕްރިންޓްސް އާއި އެމް7 ބުކްސްޓޯރާއި އަލްފަލާހު ޕޭޕާސް އާއި އެމް7 މީޑިއާއެވެ.
އެމް7 ގްރޫޕުގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު އަބްދުއްސައްތާރު ވިދާޅުވީ ކޮވިޑާ ގުޅިގެން ފާއިތުވި 3 އަހަރު ދުވަހު އެ ކުންފުންޏަށް ގިނަ ގޮންޖެހުންތައް ކުރިމަތިވި ކަމަށާއި ނަމަވެސް އަދިވެސް ކުރިއަށްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އެކަން ކުރެވޭނީ ކުންފުނީގެ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށާއި ރާއްޖޭގެ ލީޑިންގ ބްރޭންޑެއްގެ ގޮތުގައި އެމް7 ކުރިއަށްދިއުމަކީ އުއްމީދެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަހަރީ ހަފްލާގައި ވާހަކަދައްކަވަމުން މުޙައްމަދު އަބްދުއްސައްތާރު ވަނީ އެމް7 ގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށް އޮތްތަނުގައި ލޯޔަލްޓި ކާޑެއް ތައާރަފު ކުރާނެ ކަމަށް ވިދާޅުވެފައެވެ. މި ކާޑު ބޭނުންކޮށްގެން އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަ ޑިސްކައުންޓުތައް ލިބިގެންދާނެއެވެ.
މީގެ އިތުރުން ކޮންމެ އަހަރަކުވެސް ކުންފުނީގެ ދިވެހި މުވައްޒަފުންގެ ތެރެއިން މަދުވެގެން އެއް މުވައްޒަފަކަށް އުމްރާ ދަތުރެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމް7 އިން ތަފާތު ގިނަ ޚިދުމަތްތައް ފޯރުކޮށްދެމުން އަންނައިރު އިތުރު ޕްރޮޑަކްޓުތަކާއި ޚިދުމަތްތައް ތައާރަފު ކުރުމަށް ވެސް އެ ކުންފުނިން އަންނަނީ މަސައްކަތްކުރަމުންނެވެ. އެ ކުންފުނިން ރާއްޖޭގައި ދެމުން އަންނަ ޚިދުމަތާ ގުޅިގެން 2016 ވަނަ އަހަރުގެ ގޯލްޑް 100 އެވޯޑު ވެސް އެ ކުންފުންޏަށް ވަނީ ލިބިފައެވެ.