ކ. މާލެ
|
1 ޖޫން 2023 | ބުރާސްފަތި 13:46
މަތީ އަރުތަވެރިންގެ ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ
މަތީ އަރުތަވެރިންގެ ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ
ރައީސް އޮފީސް
މަތީ ތައުލީމުގެ ފުރުސަތު
"ދިވެހި ދައުލަތް އޮތީ ދަރިވަރުންނާއެކީގައި"
ސަރުކާރު އޮތީ ދަރިވަރުންގެ ތަޢުލީމީ ރޮނގުން ދާން ބޭނުންވި ކޮންމެ ރޮނގަކުން، ދާން ބޭނުންވި ކޮންމެ ހިސާބަކަށް ގެންގޮސްދޭން ތައްޔާރަށް

ދިވެހި ދައުލަތް އޮތީ ދަރިވަރުންނާއެކީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

2021-2020 ވަނަ އަހަރުގެ މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ޙާޞިލްކުރި ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމް" ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ދައުލަތް އޮތީ ދަރިވަރުންނާ އެކުގައި ކަމަށާއި، ދިވެހި ސަރުކާރު އޮތީ ދަރިވަރުންގެ ތަޢުލީމީ ރޮނގުން ދާން ބޭނުންވި ކޮންމެ ރޮނގަކުން، ދާން ބޭނުންވި ކޮންމެ ހިސާބަކަށް ގެންގޮސްދޭން ތައްޔާރަށް ކަމަށެވެ.

ރައީސް ވިދާޅުވީ އެއްވެސް ކުއްޖަކު ބާކީ ނުކޮށް އަދި އެއްވެސް ތަފާތުކުރުމެއް ނެތި، ސަރުކާރުން އެ ފުރުޞަތު ފަހިކޮށްދެއްވާނެ ކަމަށެވެ.

އާބާދީ ކުޑަވެގެން ނުވަތަ ކުދިން މަދުވެގެން ސްކޫލްގައި ކިޔަވައިނުދޭ އެއްވެސް ރަށެއް މިހާރަކު ނޯންނާނެ. ޘާނަވީ ނިންމުމަށް ފަހު، މަތީ ޘާނަވީއަށް ކިޔެވުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މިހާރުވަނީ ތަނަވަސްވެފައި. އަދި މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައްވެސް ބައެއް އަތޮޅުތަކުގައި މިހާރު ހުރީ ހަމަޖެހިފައި. މިއީ ތިޔަ ކުދިންނާއި ތިޔަ ކުދިންގެ ބެލެނިވެރިންގެ ކުރިމަތިން ފެންނަން ހުރި ޙަޤީޤަތްތަކެއް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ވިދާޅުވީ ފޯރުންތެރިކަން ނެތިގެން ނުވަތަ ޢާއިލާއާ ވަކިން ބޭރަށް ދާންޖެހިދާނެތީ، މަތީ ތަޢުލީމު ޙާޞިލުނުކުރެވިފައި މިހާރު ތިބޭކަށް ނުޖެހޭނެ ކަމަށެވެ. ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީ ޙާޞިލުކުރަން ބޭނުންވާ ކުދިންނަށް، ހިލޭ ޑިގްރީ ޕްރޮގްރާމްގެ ތެރެއިން އެފުރުޞަތުވެސް އޮތީ ހުޅުވިފައި ކަމަށާއި، ރާއްޖެއިން ބޭރުން އެކަން ކުރަން ބޭނުންވާ ކުދިންނަށް، ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުންވެސް އެކަން ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ލޮބުވެތި ބެލެނިވެރިންނަށް އަޅުގަނޑު އިލްތިމާސް ކުރަނީ، ތިޔަ ބޭފުޅުންގެ ލޯބިވާ ދަރިންގެ ކިބައިގައި ހުރި ހުނަރާއި ޤާބިލުކަން އިތުރަށް ތަރައްޤީކުރުމުގައި އެ ކުދިންނަށް ރަނގަޅު މަގު ދައްކަވައި ފުރުޞަތު ދެއްވުމަށް. އަދި އެ ކުދިން ޝައުޤުވެރިވާ ދާއިރާތަކުން ކުރިއަށް ދިއުމަށް ހިތްވަރު ދެއްވައި، އެހީތެރިވެދެއްވުމަށް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ވިދާޅުވީ ދިވެހި ޒުވާނުންގެ އެހީތެރިކަމާއި ބައިވެރިވުމަށް ދިވެހި ޤައުމު މިއަދު އޮތީ އެދިއެދި ކަމަށެވެ. އެއީ ޒަމާނީ ފެންވަރަށް ޤައުމު ތަރައްޤީކޮށްދިނުމަށް ކަމަށާއި، ކުރިމަގުގެ ޖީލުތަކަށް ޤައުމު ގެންގޮސްދޭން ތިބީ މިއަދުގެ ޒުވާނުން ކަމަށެވެ.

އަދި ތަހުޒީބީ އަދި ތަރައްޤީ ޤައުމެއްގެ ގޮތުގައި، ކުރިމަގުގެ ޖީލުތަކާ ހަމައަށް ރާއްޖެ ގެންގޮސްދިނުމަކީ، ޒުވާނުންގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއް ކަމަށް ރައީސް ވިދާޅުވިއެވެ.

- ކޮމެންޓް