Advertisement
ކ. މާލެ
|
31 މެއި 2023 | ބުދަ 10:00
ބަންޑާރަ ނާއިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތު
ބަންޑާރަ ނާއިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތު
ރައްޔިތުންގެ މަޖިލިސް
ބަންޑާރަ ނާއިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ
ރިފްޢަތު ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމަށް ނިންމެވުމުން މައްސަލަ ކުރިއަށް ގެންދިއުމާމެދު މެންބަރުންގެ ޚިޔާލުތަފާތުވެ މަޖިލިސް މެދުކަނޑާލައިފި
މަޖިލީހުގެ ރައީސް ވަނީ އެ މައްސަލަ ކުރިއަށް ގެންދިއުމާއި މެދު މަޝްވަރާކޮށްގެން ވީ އެންމެ އަވަހަކަށް މަޖިލީސް ފައްޓަވާނެ ކަމަށް ވިދާޅުވެފައި
މަޖިލީހުގެ މައިނޯރިޓީ ލީޑަރާއި މެޖޯރިޓީ ލީޑަރާއި މަޝްވަރާކޮށްގެން އެކަމާ މެދު ހައްލެއް ހޯއްދެވުމަށް މެންބަރަކު ހުށަހެޅުއްވި
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ މަޖިލީހުގައި މި މައްސަލަ ދިގު ދަންމާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައި

ބަންޑާރަ ނާއިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމަނިކުފާނު ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމަށް ނިންމެވުމުން، އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު މަޖިލީހުގެ މެންބަރުންގެ މެދުގައި ޚިޔާލުތަފާތުވެ މަޖިލިސް މެދުކަނޑާލައިފިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ އާއްމު ކޮމިޓީން ކަންކަން ނިންމާފައިވަނީ ރިފްޢަތު ޖަވާބުދާރީވެވަޑައިގަންނަވަން މަޖިލީހަށް ވަޑައިގަންނަވާނެ ކަމަށް ބަލައިގެން ކަމަށެވެ. އެގޮތުން ބަހުސް ފެށުމަށް 10 މިނެޓު އަދި ބަހުސްގެ މެދުތެރެއިން 10 މިނެޓު ދިނުމަށް ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އަދި ރިފްއަތު މަޖިލީހަށް ވަޑައިނުގަންނަވާ ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމަކީ އިދާރީ މައްސަލަ އެއް ދިމާވެދާނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. އޭނާ ވިދާޅުވީ އާއްމު ކޮމިޓީން ނިންމާފައި ވަނީ ބަންޑާރަ ނާއިބު މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދެއްވާއިރު އަމަލުކުރައްވާނެ ގޮތް ކަމަށެވެ. އަދި ލިޔުމުން ވަޒީރު ޖަވާބުދާރީވެވަޑައިގަންނަވާނެ ގޮތް ކޮމިޓީން ނިންމާފައި ނުވާތީ، އާއްމު ކޮމިޓީން އެކަން ނުނިންމާ މައްސަލަ ކުރިއަަށްގެންދަން ފެނިވަޑައިނުގަންނަވާ ކަމަށް މެންބަރު ހަސަން ލަތީފު ވިދާޅުވިއެވެ.

Advertisement

މި މައްސަލަ ކުރިއަށް ގެންދިއުމާމެދު ސުވާލު އުފެދެން ފެށީ މައްސަލަ ހުށަހަޅުއްވަން ފުރުސަތުދެއްވުމަށް ފަހު ކަމަށް ވާތީ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ މަޖިލީހުގައި މި މައްސަލަ ދިގު ދަންމާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވެސް ވަނީ މި މައްސަލައާ ގުޅިގެން ނިޒާމީ ނުކުތާ އެއް ނަންގަވާފައެވެ. އޭނާ ވަނީ މަޖިލީހުގެ މައިނޯރިޓީ ލީޑަރާއި މެޖޯރިޓީ ލީޑަރާއި މަޝްވަރާކުރައްވައިގެން މިކަމަށް ހައްލެއް ހޯއްދެވުމަށް ލަފާދެއްވާފައެވެ. މަޖިލީހުގެ ރައީސް ވަނީ އެ ނިޒާމީ ނުކުތާ ބަލައިގަންނަވާއެވެ.

މަޖިލީހުގެ ރައީސް ވަނީ އެ މައްސަލަ ކުރިއަށް ގެންދިއުމާމެދު މަޝްވަރާކޮށްގެން ވީ އެންމެ އަވަހަކަށް މަޖިލިސް ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް