ޒުވާނުންނާއި ސްކޫލް ކުދިންގެ މެދުގައި ވޭޕް ކުރުން އިތުރުވަމުން އަންނަ ކަމަށް ދަމަނަވެށީގެ ސީނިއަރ މެޑިކަލް އޮފިސަރު ޑރ. އަބްދުލް އަޒީޒް ހަމީދު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑރ. އަބްދުލް އަޒީޒް ހަމީދު ވިދާޅުވީ ވޭޕް ހުންނަނީ ޒުވާންނާއި ގުޅޭގޮތަށް ތައްޔާރުކޮށްފައި ކަމަށެވެ. އެހެންނަމަވެސް އޭގައި ވިހަ މާއްދާތައް އެކުލެވޭ ކަމަށް ދިރާސާތަކުން ދައްކާ ކަމަށާއި އޭގެ ސަބަބުން ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ބަލިތަކަށް މީހާ ހުށަހެޅިގެންދާ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސިނގިރޭޓު ބުއިން ހުއްޓާލުމަށް ވަރަށް ގިނަ މީހުން ވޭޕް ބޭނުންކުރާ ކަމަށެވެ. އަދި ވޭޕް ބޭނުންކުރުމަކީ ވެސް ސިނގިރޭޓު ބުއިމަކީ ވެސް ރައްކާތެރިކަމެއް ނޫން ކަމަށާއި އެ ހުރިހާ ނުބައި އާދަތަކާ މީހާ ދުރަށް ދާން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ޑރ. އަބްދުލް އަޒީޒް ހަމީދު ވިދާޅުވީ ދުންފަތާއި ބެހޭ ޤާނޫނުތައް ހެދިފައި ހުރިނަމަވެސް ޤާނޫނުގައި ހުރި ކަންތައްތައް ތަންފީޒު ނުކުރެވޭ ކަމަށާއި ތަންފީޒު ކުރޭތޯ މޮނިޓަރ ވެސް ނުކުރެވޭ ކަމަށެވެ. އަދި ޤާނޫނު ހެދިފައި ހުއްޓަސް މީހުން ދުންފަތުގެ އިސްތިއުމާލް ކުރާ މިންވަރަށް މާބޮޑު ބަދަލެއް ނާންނަ ކަމަށެވެ. އެކަން ސްޓެޕް ސަރވޭއިން ވެސް ދައްކާ ކަމަށް ވިދާޅުވިއެވެ.
ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓާލަން ބޭނުންވާ މީހަކަށް ފަންނީ ލަފާ ލިބެން ހުންނަކަން ގިނަފަހަރަށް ނޭނގޭ ކަމަށާއި އޭޑީކޭ، ދަމަނަވެށި، އައިޖީއެމްއެޗް ފަދަ ތަންތަނުން ލަފާ ލިބޭކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޑރ. އަބްދުލް އަޒީޒް ހަމީދު އިތުރަށް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓަން ބޭނުންވެގެންދާ މީހަކަށް ހުއްޓާލަން ބޭނުންވާ ތާރީހެއް ކަނޑައެޅުމަށް ފުރުސަތު ދޭ ކަމަށެވެ. އަދި މަޑުމަޑުން ހުއްޓާލުމަށްވުރެ ކުއްލިއަކަށް ހުއްޓާލުން މާ ކާމިޔާބު ކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ. ދުންފަތުގެ އެއްވެސް މިންވަރަކީ ހަށިގަނޑަށް ރައްކާތެރި މިންވަރެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ފެމެލީ ފައުންޑޭޝަންގެ ރައީސް އާފިޔާ އަބްދުލް އަޒީޒް ވިދާޅުވީ އެއްބައި މީހުންނަށް ދުންފަތުގެ އިސްތިއުމާލް ކުރުމަކީ ޓްރެންޑެއް ކަމަށް ދެކެވޭ ކަމަށެވެ. އަދި އަނެއްބައި މީހުންނަށް އެއީ އެމީހެއްގެ ހައްޤެއް ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. މީހުންގެ ވިސްނުން ބަދަލުވެގެން ނޫނީ މި ނުބައި އާދާ މީހާގެ ކިބައިން ފިލުވާ ނުލެވޭނެ ކަމަށް ވެސް އާފިޔާ ވިދާޅުވިއެވެ.