ކ. މާލެ
|
30 މެއި 2023 | އަންގާރަ 13:44
ބުސްކެޓްސް ބާސެލޯނާ އަށް އަލްވަދާއު ކިޔުމަށް ބޭއްވި އިވެންޓުގެ ތެރެއިން
ބުސްކެޓްސް ބާސެލޯނާ އަށް އަލްވަދާއު ކިޔުމަށް ބޭއްވި އިވެންޓުގެ ތެރެއިން
ޓްވީޓަރ
ސާޖިއޯ ބުސްކެޓްސް
ބުސްކެޓްސް އަށް އޮތީ ތިން ހުށަހެޅުމެއް، ޔޫރަޕުގެ ކުލަބެއް ނެތް
އޭނާ ބުނީ މުސްތަޤުބަލުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ލިބޭނެހެން އޭނާ އަށް ހީނުވާ ކަމަށް

މިހާތަނަށް ލިބިފައި ވަނީ ތިން ކުލަބެއްގެ ހުށަހެޅުން ކަމަށް ސާޖިއޯ ބުސްކެޓްސް ބުނެފި އެވެ.

މި ސީޒަނަށް ފަހު ބުސްކެޓްސް ބާސެލޯނާ ދޫކޮށްލާނެ އެވެ. އެކަމާ ގުޅިގެން ސްޕެނިޝް ލީގުގައި ބާސެލޯނާ އިން އެންމެ ފަހުން ކުޅުނު މެޗުގައި އޭނާ އަށް ވަނީ އަލް ވަދާއު ކިޔުން ކުރިއަށް ގެންގޮސްފަ އެވެ. ބާސެލޯނާގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅެފައިވާ ބުސްކެޓްސް ބާސެލޯނާ ދޫކޮށްލީ އެ ކުލަބަށް ސްޕެނީޝް ލީގު ވެސް ކާމިޔާބުކޮށްދިނުމަށް ފަހު އެވެ. މުސްތަޤުބަލާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ބުސްކެޓްސް ބުނީ މިހާތަނަށް އޭނާ އަށް ލިބިފައި ވަނީ ތިން ކުލަބެއްގެ ހުށަހެޅުން ކަމަށެވެ. ނަމަވެސް އެ ތިން ހުށަހެޅުމަކީ ވެސް ޔޫރަޕުން ބޭރުގެ ކުލަބުތަކުގެ ހުށަހެޅުން ކަމަށް އޭނާ ބުންޏެވެ. އިތުރަށް އޭނާ ބުނީ މުސްތަޤުބަލުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ލިބޭނެހެން އޭނާ އަށް ހީނުވާ ކަމަށެވެ. ހަމައެއާއެކު ކުރިއަށް އޮތް ދުވަސްތަކުގައި އޭނާ ބަދަލުވާނެ ކުލަބެއް ނިންމާނެ ކަމަށް ވެސް ބުސްކެޓްސް ވަނީ ބުނެފަ އެވެ.

ބުސްކެޓްސް ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާ ތިން ކުލަބަކީ ވެސް ސައުދީ ޕްރޯ ލީގުގެ ތިން ކުލަބު ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. ނަމަވެސް މިހާތަނަށް އެކަމާ ގުޅިގެން ބުސްކެޓްސް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ބާސެލޯނާ އިން ސީނިއާ ކެރިއަރު ފެށި ބުސްކެޓްސް ވަނީ އެ ކުލަބުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފަ އެވެ. އެ ކުލަބުގައި ހޭދަ ކުރި މުއްދަތުގައި ބުސްކެޓްސް ވަނީ 722 މެޗު ކުޅެދީ 18 ލަނޑު ޖަހައިފަ އެވެ. އޭނާ ވަނީ އެ ކުލަބާއެކު 32 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. ބާސެލޯނާގެ ކެޕްޓަންގެ ޒިންމާ ބުސްކެޓްސް އަށް ހަވާލުކުރީ 2021 ވަނަ އަހަރު އެވެ. އެއީ ކުރީގެ ކެޕްޓަން ލިއޮނަލް މެސީ އެ ކުލަބު ދޫކޮށްލަން ނިންމުމުންނެވެ.

- ކޮމެންޓް