ނިމުނު ސީޒަނަށްފަހު ބާސެލޯނާ ދޫކޮށްލަން ނިންމި އެ ޓީމުގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް، އެމެރިކާ ލީގުގެ އިންޓަ މިއާމީއަށް ބަދަލުވާން ނިންމާފައިވާކަމަށް މީޑިއާތަކުން ބުނެފިއެވެ.
ބުސްކެޓްސް އިންޓަ މިއާމީއަށް ބަދަލުވާނީ ހިލޭ ޓްރާންސްފާއެއްގައެވެ. އިންގްލެންޑުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމްގެ އިންޓަ މިއާމީއަށް ބަދަލުވާން ބުސްކެޓްސް ނިންމި މައިގަނޑު ސަބަބަކީ، އޭނާގެ ޒަމާންވީ ރަހުމަތްތެރިޔާ ކަމަށްވާ ލިއޮނަލް މެސީއާ އެއް ޓީމަކަށް ކުޅުން ކަމަށްވެސް މީޑިއާތަކުން ވަނީ ބުނެފައެވެ. އިންޓަ މިއާމީއަށް ބަދަލުވާން އޭނާ ނިންމިއިރު، ސައޫދީ ޕްރޯ ލީގުގެ ކުލަބުތަކުންވެސް ވަނީ އޭނާ ހޯދުމަށް މަސައްކަތްކޮށްފައެވެ. އިންޓަ މިއާމީން ވަނީ އެކުލަބުގެ ޓުވިޓާ އެކައުންޓު މެދުވެރިކޮށް، ބުސްކެޓްސް އެ ކުލަބާ ގުޅޭކަމުގެ އިޝާރާތެއް ކޮށްފައެވެ. އެ ކުލަބުން ހާމަކޮށްފައިވާ ވީޑިއޯގައިވަނީ؛ މެސީ، ލުކާ މޮޑްރިޗް، ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް މފަދަ މީހުން ބުސްކެޓްސްއާ ގުޅޭގޮތުން ބުނެފައިވާ ވާހަކަތަކެވެ.
އުމުރުން މިހާރު 34 އަހަރުވެފައިވާ ކުޅުންތެރިޔާ ބާސެލޯނާ ދޫކޮށްލަން ނިންމީ އެކުލަބުގައި ކާމިޔާބު 15 ސީޒަން ހޭދަކުރުމަށްފަހުއެވެ. އިންޓަ މިއާމީ ވާނީ ބުސްކެޓްސްގެ ކެރިއަރުގައި އޭނާ ކުޅޭނެ ދެވަނަ ކުލަބަށެވެ. ބާސެލޯނާއިން ސީނިއާ ކެރިއަރު ފެށި ބުސްކެޓްސްއަށް އެކުލަބުގެ ކެޕްޓަން ބޭންޑު ލިބުނީ މެސީ ކުލަބު ދޫކޮށްލަން ޖެހުމުންނެވެ. ބުސްކެޓްސް ވަނީ ބާސެލޯނާއަށް ކުޅެދިން 722 މެޗުގައި 18 ލަނޑު ޖަހާފައެވެ. އެ ކުލަބާއެކު އޭނާ ވަނީ 32 ތަށި ކާމިޔާބުކޮށްފައެވެ.
މެސީއާ ބުސްކެޓްސްއާ ދެމެދު ގާތް ގުޅުމެއް އުފެދުނީ ދެ ކުޅުންތެރިން އެކުގައި ބާސެލޯނާއަށް ކުޅުނުއިރުއެވެ. ބާސެލޯނާ ދޫކޮށް މެސީ ބަދަލުވީ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށެވެ. އެކުލަބަށް ބަދަލުވި ފަހުންވެސް މެސީ ވަނީ ދެ ފަހަރެއްގެ މަތިން ބާސެލޯނާގައި ބުސްކެޓްސްއާ ބައްދަލުކޮށްފައެވެ.