އައިސް ޕްލާންޓުތައް ގާއިމްވެގެން ދިއުމަކީ ރާއްޖޭގެ މަސްވެރިކަމަށް ބޮޑު އިންގިލާބެއް ގެނެވޭނެ ކަމެއް ކަމަށް, ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ފ. ފީއަލީގެ އައު އިންޖީނުގެއާއި އޮފީސް އިމާރާތް، އަދި އައިސް ޕްލާންޓް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޑީ ސައީދު ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސާލިހަކީ ވައުދުފުޅުވުމަށްފަހު އެވައުދުފުޅު މަތިން ހަނދުމަފުޅުނައްތަވައިލައްވާ ބޭފުޅެއް ނޫންކަމަށާއި، އެކަން ރައްޔިތުންނަށް ސާބިތުކޮށްދެމުންދާކަމަށެވެ. ރައްޔިތުންނަށް ވަމުންދިޔަ އުނދަގޫތަކުން ރައްޔިތުން ސަލާމަތްކޮށްދެއްވާކަމަށާއި، އުނދަގޫވަމުންދާ ކަންކަން މާޒީވެ ދަނީ އެމަނިކުފާނު ރައްޔިތުން މަތިން ހަނދުމަފުޅު ހުންނާތީ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއީ އިހުލާސްތެރި ރައީސްއެއް ކަމަށެވެ.
ގާއިމްކުރެވިގެންދިޔަ އައިސް ޕްލާންޓަށް އިޝާރާތްކުރައްވައި ސައީދު ވިދާޅުވީ، އައިސްޕްލާންޓުތައް ގާއިމްވެގެން ދިއުމަކީ ރާއްޖޭގެ މަސްވެރިކަމަށް ބޮޑު އިންގިލާބެއް ގެނެވޭނެ ކަމެއް ކަމަށާއި، ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް ތަރައްގީކޮށް ޚިދުމަތްތައް ބައްޓަން ކުރައްވާނެކަމަށެވެ. އެގޮތުން މުވައްޒަފުން ތަމްރީންކުރައްވާ ކަމަށާއި، ރަށްރަށުގައި ގާއިމްކުރެވޭ އައިސްޕްލާންޓުތަކާއި، އިންޖީނުގެތަކުގައި މަސައްކަތްކުރަމުންދާނީ ގާބިލް މުވައްޒަފުން ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ދިމާވާ އެކިއެކި މައްސަލަތައް ވަގުތުން އެމުވައްޒަފުން ހައްލުކުރާނެކަމަށެވެ.
މާލެއަށް ގެންގޮސް ތިން މަސްދުވަހުގެ އަސާސީ ކޯހެއް ފުރިހަމަ ކުރުމަށްފަހު މިއަދު ގިނަ މުވައްޒަފުން މިރަށްރަށުގަ ހަރަކާތްތެރިވަނީ. ނަތީޖާއަކަށްވެގެން ދިޔައީ މި އައިސް ޕްލާންޓްތަކަށް ދިމާވާ ކުދިކުދި މައްސަލަތައް (އެރަށެއްގެ އަޅުގަނޑުމެން އިންޖީނުގެތައް ވެސް މިއޮޕަރޭޓްކުރާ ގޮތަށް އައިސް ޕްލާންޓަށް ދިމާވާ ކުދިކުދި މައްސަލަތައް) ވަގުތުން ވަގުތަށް ރަށްރަށުން ހައްލުވެގެންދިއުން. ދެ ވަނައަށް އަޅުގަނޑުމެންނަށް ކުރެވުނު ކަމަކީ މި ޚިދުމަތަށް އެދި ރައްޔިތުން މަސްވެރިން ވަރަށް ގިނަ އިންތިޒާރަކަށްފަހު ހަރަދުކޮށްލައިގެން ދިއުމަށްފަހު ވަރަށް ގިނަ ފަހަރު މާޔޫސްކަމާއެކު އެނބުރި އަންނަން ދިއުން (އައިސް ނުލިބުމުން.) އެކަން މާޒީވެ ދިޔައީ ކުރިއާލާ އައިސްއަށް އެދުނީމަ އެސަރަހައްދަކުން ދެން އޮތް ހިސާބަކަށް އެ އެޕްލިކޭޝަން މެދުވެރިކޮށް އެމީހަކަށް މެސެޖް އެބަ ލިބޭ މިވެނި ޕްލާންޓަކުން މިވެނި ދުވަހަކަށް އައިސް ލިބޭނެއޭ. އެހެންވީމަ ޔަގީންކަމާއެކު އައިސް ލިބޭނެ ރަނގަޅު އިންތިޒާމެއް އަޅުގަނޑުމެންނަށް ހަމަޖެހުނީ.އެމްޑީ، އަހުމަދު ސައީދު މުހައްމަދު
ސައީދު ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް ޚިދުމަތް ދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތައް ކުރައްވާނެކަމުގެ ޔަގީންކަން ސައީދު ދެއްވިއެވެ.