މިދިޔަ 40 އަހަރު ތެރޭގައި ބިލެތްދޫ އަށް ނުކުރެވޭ ކަންކަން މި ހަތަރު އަހަރު ތެރޭގައި އެ ރަށަށް ކޮށްދީފައިވާ ކަމަށް ފ. ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެއް) ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވީ ފ. ބިލެތްދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަަދައްކަވަމުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަކީ ބިލެތްދޫ އަށް އެންމެ ބޮޑު އިސްކަމެއް ދެއްވި ރައީސްކަމަށާއި އެކަން އާއްމުން ބަލައިގަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުދޭ އިރު ވެސް ރަށަށް ކޮށްދީފައިވާ ކަންކަން ބަލާ މިނުމަށް ފަހު އާއްމުން ވޯޓުދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބިލެތްދޫގެ ތަރައްޤީ އާއި ސަރުކާރާއި ދެމެދު އޮތް ހުރަހަކަށް ވެވަޑައި ނުގަންނަވާނެ ކަމަށެވެ.
އެހެންކަމުން ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލީހުގައި ވެސް މަސައްކަތް ކުރައްވާނީ ސަރުކާރަށް އެއްބާރުލުން ދީގެން ތަރައްްްޤީ އަށް މަގުފަހިކޮށް ދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ މި ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ. އޭނާ ވިދާޅުވީ ރައީސް މަސައްކަތްކުރައްވަނީ ވަރަށް ބޮޑަށް ކުޑަ ރަށްތަކަށް ވެސް އިސްކަން ދެއްވައިގެން ކަމަށެވެ. އަދި އެ މަނިކުފާނަކީ މުޅި ރާއްޖެ ދުށް އެންމެ އިޚުލާސްތެރި ހިތްހެޔޮ ރައީސް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ބިލެތްދޫގައިި ސަރުކާރުން ތަރައްޤީކުރެއްވި މަލްޓިޕަރޕަސް ހޯލަކީ ދައުލަތުން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން ޢިމާރާތްކުރެއްވި 500 ކުދިންގެ ޖާގައިގެ ހޯލެކެވެ.