ކ. މާލެ
|
26 މެއި 2023 | ހުކުރު 10:39
އެމްއޭސީއެލްގެ ޙައްޖު ދަތުރު ލިބުނު މުވައްޒަފުންނާއެކު އެ ކުންފުނީގެ އިސްވެރިން
އެމްއޭސީއެލްގެ ޙައްޖު ދަތުރު ލިބުނު މުވައްޒަފުންނާއެކު އެ ކުންފުނީގެ އިސްވެރިން
އެމްއޭސީއެލް
އެމްއޭސީއެލް
އެމްއޭސީއެލްގެ ޙައްޖު ދަތުރު ލިބުނު މުވައްޒަފުންނާ ލިޔުން ހަވާލުކޮށްފި
މިއި ކޮވިޑަށްފަހު އެމްއޭސީއެލުން ޙައްޖު ދަތުރު ދޭ ފުރަތަމަ ފަހަރު

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަހަރުު ހައްޖަށް ދާން ހޮވުނު ފަސް މުވައްޒަފުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.

މިއީ އެމްއޭސީއެލުން އެ ކުންފުނިީގެ މުވައްޒަފުންނަށް ކޮންމެ އަހަރަކު ދެމުން އަންނަ ޙައްޖު ދަތުރުތަކެކެވެ. ނަމަވެސް ކޮވިޑް19 އާ ގުޅިގެން 2019 ގެ ފަހުން އެ ކުންފުނީގެ އަމިއްލަ ޚަރަދުގައި މުވައްޒަފުން ޙައްޖަށް ފޮނުވުން މެދުކަނޑާލިއެވެ. މިއީ އޭގެ ފަހުން މި ދަތުރުތައް ދޭ ފުރަތަމަ ފަހަރެވެ.

އެމްއޭސީއެލްގެ މުވައްޒަފުންގެ ތެރެއިން މިއަހަރު ޙައްޖަށް ދިއުމުގެ ފުރުސަތު ލިވޭ ފަސް މުވައްޒަފުންނާ އެކަމުގެ ލިޔުން ހަވާލުކޮށްފައިވަނީ ބުރާސްފަތި ދުވަހު ހުޅުލޭ އައިލަންޑް ހޮޓަލުގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެގައެވެ. މި ލިޔުންތައް ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މަހްޖޫބު ޝުޖާއުއެވެ. 

އެމްއޭސީއެލްގެ ޙައްޖު ސްޕޮންސަރޝިޕަކީ ޙައްޖުގެ އަޅުކަން އަދާކުރުމަށް، ކުންފުނީގައި ގިނަދުވަހު މަސައްކަތް ކުރަމުންދާ ހީވާގި މުވައްޒަފުންނަށް އެމީހުންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ދެވޭ ސްޕޮންސަރޝިޕެއް ކަމަށް އެ ކުންފުނިން ބުންޏެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން މެދުކެޑިފައި އޮތުމަށްފަހު ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދެވޭގޮތްވުމާއެކު، މިދިޔަ އަހަރުން ފެށިގެން ޙައްޖު ކޯޓާ ހޯދުމަށް އެމްއޭސީއެލް އިން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން އައި ކަމަށާއި އެ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މި އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒަށް، ރިޒާވްކޮށްފައިވާ ކޯޓާގެ ތެރެއިން، އެ ކުންފުންޏަށް ފަސް ޖާގަ ލިބިފައިވާ ކަމަށް ބުންޏެވެ.

އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، އިބްރާހިމް ތޯހާ ވިދާޅުވީ މުވައްޒަފުންގެ ކުރިއެރުމާއި ތަރައްގީއަށް އަދި އެހެނިހެން ފުރުސަތުތައް ހޯދައިދިނުމަށްވެސް އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަކަމަށެވެ. މުވައްޒަފުން ޙައްޖަށް ފޮނުވުމުގެ ސްޕޮންސަރޝިޕަކީވެސް އެގޮތުން ފާހަގަކުރެވޭ ކާމިޔާބީއެއްކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރު ޙައްޖު ދަތުރަށް ފުރުޞަތު ދީފައިވަނީ ކުންފުނިން ބަލާފައިވަނީ ކުންފުންޏަށް އެންމެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، ކުންފުނީގެ އުސޫލުތަކާއި އެއްގޮތައް އެކަށައަޅާފައިވާ ޝަރުތުތައް ހަމަވާ މުވައްޒަފުންނަށް ކަމަށް އެމްއޭސީއެލުން ބުންޏެވެ.

- ކޮމެންޓް