ކ. މާލެ
|
24 މެއި 2023 | ބުދަ 22:02
ބުދަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ވާހަކަދައްކަވަނީ
ބުދަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
އެމްއާރްއެމް އުވާލި މައްސަލަ
އެމްއާރްއެމް އުވާލާފައިވަނީ ސިޔާސީ ނުފޫޒުން، އެނިންމުން ބަލައި ނުގަންނަން: ފާރިސް
 
ޕާޓީގެ މެމްބަރުން މާޔޫސްނުވުމަށް ފާރިސް ވަނީ އެދިވަޑައިގަންނަވާފައި
 
މިފަހުން ވެސް 5000ށް ވުރެ ގިނަ ފޯމް ހުށަހަޅާފައިވޭ
 
ޕާޓީ އިތުރަށް ވަރުގަދަވާނެ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމެންޓް އުވާލާފައިވަނީ ސިޔާސީ ގޮތުން އައި ނުފޫޒެއްގެ ސަބަބުން ކަމަށާއި، އެނިންމުން ބަލައި ނުގަންނަ ކަމަށް އެޕާޓީގެ ރައީސް އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އެޕާޓީ އުވާލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން ނިންމުމާއި ގުޅިގެން ކުއްލި ގޮތަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް ވިދާޅުވީ ޕާޓީ އުވާލާފައިވާކަމަށް އީސީން ނިންމި ނިންމުން ގަބޫލުނުކުރައްވާ ކަމަށާއި، އެކަން ރަސްމީ ގޮތަކަށް ލިޔުމުން އަންގާފައިނުވާ ކަމަށެވެ. އީސީގެ އެ ނިންމުމާއެކު ޕާޓީ އިތުރަށް ވަރުގަދަވާނެ ކަމަށާއި، ޕާޓީގެ މެމްބަރުން މާޔޫސްނުވުމަށް ފާރިސް ވަނީ އެދިވަޑައިގަންނަވާފައެވެ.

ފާރިސް ވިދާޅުވީ މިފަހުން ވެސް 5000ށް ވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން މިކަން ހިނގާދިޔަ ގޮތް ބަލައިދިނުމަށާއި، އެ ނިންމުން މުރާޖާ ކޮށްދިނުމަށް އީސީގެ ރައީސް ފުއާދު ތައުފީގު ދަންނަވާ ކަމަށް ފާރިސް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިމައްސަލާގައި ހައްލެއް ނުލިބިއްޖެނަމަ ކަމަށްވާނަމަ ކޯޓަށް ވެސް ދާނެ ކަމަށާއި، މިކަމުގައި އަމަލުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން އެމްއާރްއެމްގެ ގާނޫނީ ވަކީލުންގެ ޓީމުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ފާރިސް ވިދާޅުވީ އެމްއާރްއެމް މުޖޫދުގައި ބޭއްވުމަށް ބޭނުންނުވާ ސިޔާސީ ގިނަ ބަޔަކު މަސައްކަތް ކުރާ ކަމަށެވެ. އަދި މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ވަންނަވަމުންދާކަން ފާރިސް ފާހަގަކުރެއްވިއެވެ. ފާރިސް ވިދާޅުވީ އެޕާޓީން ކުރަމުން ގެންދާ އިސްލާހީ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށާއި، އެމަސައްކަތް ހުއްޓުވާނުލެވޭނެ ކަމަށެވެ. އަދި ގިނަގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް ރައްޔިތުންނާއި ގައުމުގެ ހައްގުގައި މަސައްކަތް ކުރާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.

އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެކި ފަރާތްތަކުގެ ނުފޫޒު ވަނުމުގެ ސަބަބުން މިހިސާބަށް ގޮސްފައިމިވަނީ. ސާފުކޮށް ދަންނަވާނަން ޕާޓީގެ މެމްބަރުންގެ އަދަދު މިހާރު ވެސް ހުށަހަޅާފައިވާނެ 5300ށް ވުރެ ގިނަ އަދަދެއްގެ ފޯމް. ނަމަވެސް އެކި މަރުހަލާގައި އަޅުގަނޑުމެން ޕާޓީ އެކި ބޭފުޅުން އެކި ސަބަބުތަކާއި ހުރެ ކަމަށް ބުނެ ވަކިކުރަމުން މިގެންދަނީ. އެމްއާރްއެމް މުޖޫދުގައި ބޭއްވުމަށް ބޭނުންނުވާ އެތައް ބައިވަރު ސިޔާސީ ބަޔަކު ރާއްޖޭގައި އެބަ މަސައްކަތް ކުރޭ. ހިތަމައަކީ މިނުފޫޒު ވަރަށް ހުޅުވިފައިވާ ދޮރަކުން އެކި މުއައްސަސާތަކަށް ވަދޭ. ރައްޔިތުންގެ ހައްގުގައި ހަމަހަމަކަމާއެކު އިންސާފުވެރިކޮށް އަމަލުކުރަންޖެހޭ ތަންތަން މިވަނީ ސިޔާސީ އެކިއެކި މީހުންގެ ބާރު ހިނގާ ނުފޫޒު އިތުރަށް ފުޅާކުރުމަށް ބޭނުންކުރާ ތަނަކަށްވެފައި.
އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން

މިއަހަރަކީ ރިޔާސީ އިންތިޚާބު އޮންނަ އަހަރުކަން ފާހަގަކުރައްވައި ފާރިސް ވިދާޅުވީ މިހާރުވަމުންދާ ކަންކަމާއި މެދު ރައްޔިތުން އިތުރަށް ވިސްނައި ފާރަވެރިވާންޖެހޭ ކަމަށެވެ. ފާރިސް ވިދާޅުވީ އެމްއާރްއެމްއަށް 20،000 ނުވަތަ 30،000 މެމްބަރުން އިތުރުކުރުމަކީ މަގުސަދެއް ނޫން ކަމަށާއި، ހަދިޔާދީގެން ޕާޓީއަށް މެމްބަރުން އިތުރުކުރުމަކީ ގަބޫލުކުރާ އުސޫލެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ބައެއް މީހުންނަށް ޕާޓީތަކާއި ގުޅެން މަޖުބޫރުވި ނަމަވެސް މިހާރު ރާއްޖޭގެ ގިނަ ރައްޔިތުން ސިޔާސީ ޕާޓީތަކަށް ސޮއިކުރަން ބޭނުންނުވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވާގޮތަށް އިޝާރާތް ކުރައްވައި ފާރިސް ވިިދާޅުވީ ކޮންމެ ޕާޓީއެއްގައިވެސް މަދުވެގެން 3،000 މެމްބަރުން ހަމަވާންޖެހޭ ކަމަށް އޮންނަ އުސޫލާއި، 10،000 މެމްބަރުން ހަމަކޮށްގެން މެނުވީ ދައުލަތުގެ ބަޖެޓުން ފައިސާ ނުލިބޭ އުސޫލަކީ ގާނޫނު އަސާސީން ހުއްދަ ކުރާ ކަމެއްތޯ ބަލާނެ ކަމަށެވެ. އެގޮތުން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މިމައްސަލަ ގެންދެވުމަށް ކުރެވެންހުރި މަސައްކަތްތައް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މި އުސޫލުގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުންގެ ހައްގުތައް ގެއްލޭ ކަމަށެވެ.

ފާރިސްގެ މި ތުހުމަތާއި ގުޅިގެން އީސީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
50%
0%
0%
0%
50%
0%
ކޮމެންޓް
25 މެއި 2023 | ބުރާސްފަތި 02:41
އިސްލާހީ މަސައްކަތްތެރިއާ
މިހުރިހާ ޕާޓީއަކުންވެސް މިކުރަނީ އިސްލާހީ މަސައްކަތްތައް އެކަމަކު ރައްޔިތުންނަށާ ގައުމައް ލިބޭ ކުރިއެރުމެއް މަންފާއެއް ރައްޔިތުންނައް ނުފެނޭ މީވެސް އަޖާއިބެއްކަހަލަ ކަމެއް