މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތަކަކީ މިނިސްޓްރީން އެއްކޮށް ބަލަހައްޓާ މައުލޫމާތެއް ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން ވިދާޅުވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ ކަމެއް ނޫން ކަމަށެވެ. އެމަނިކުފާނު އެފަދައިން ވިދާޅުވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލުތަކަކަށް ޖަވާބުދެއްވަމުންނެވެ.
މެންބަރު އިބްރާހީމް ރަޝީދު ވަނީ މިފްކޯއިން ތައިލެންޑަށް ވިއްކާފައިވާ ގަނޑުކުރި ކަޅުބިލަމަހާއި ކުދި ކަންނެލި މަހުގެ ރިޖެކްޓް ލެވެލް ފާއިތުވި 3 އަހަރު މިފްކޯގެ އިންވޮއިސްތަކުން ޑިސްކައުންޓް ކުރެވިފައިވާނަމަ ނުވަތަ ހިލޭ ދޫކޮށްލާފައިވާނަމަ އެ ފައިސާގެ ޖުމްލަ އަދަދަކީ ކޮބައިތޯ ސުވާލުކުރައްވާފައެވެ. މީގެ އިތުރުން ތައިލެންޑަށް ވިއްކާފައިވާ ގަނޑުކުރި ކަޅުބިލަމަހާއި ކުދި ކަންނެލި މަހުގެ ރިޖެކްޝަން ލެވެލް އަކީ ނުވަތަ ޝިޕްމެންޓްތަކުގެ އިންސައްތައަކީ ކިހާވަރެއްތޯ ސުވާލުކުރައްވާފައިވެއެވެ. ހަމައެހެންމެ ތައިލެންޑުގެ ބަނދަރާއި ހިސާބުން ނުވަތަ ގަންނަ ފަރާތުގެ ކޯލްޑް ސްޓޯރޭޖާއި ހިސާބުން ރިޖެކްޓްވާ ގަނޑުކުރި ކަޅުބިލަމަހާއި ކުދި ކަންނެލި މަހަށް ހައްދަވަނީ ކިހިނެތްތޯ ސާފުކުރުމަށް ވެސް ސުވާލުކުރައްވާފައިވެއެވެ.
އެކަމާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ އެ މައުލޫމާތަކީ މިނިސްޓްރީގެ ދަށުން ބަލަހައްޓާ މައުލޫމާތެއް ނޫން ކަމަށެވެ. އަދި އެ މައުލޫމާތަކީ މިފްކޯ އިން ބަލަހައްޓާ ކަމަށް ބެލެވޭ އެ ކުންފުނީގެ ވިޔަފާރި އާއި ބެހޭ މައުލޫމާތެއް ކަމަށް ވިދާޅުވިއެވެ. މިފްކޯ އަކީ އެ ވުޒާރާގެ ބެލުމުގެ ދަށުގައި ވާ ތަނަކަށް ނުވާތީ އެ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރުގެ ޖަވާބާއި ގުޅިގެން ނަޝީދު ވިދާޅުވީ އެކަމާއި މެދު މެންބަރުން ސުވާލުކުރައްވާ ސަބަބު އެނގިވަޑައިގަންނަނާ ކަަމަށެވެ. ރިޖެކްޓް މަސް އެއީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގޭ އަމަލެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބާވަތުގެ މައުލޫމާތު ތަފާސްހިސާބުތަކުގައި ނުބެލެހެއްޓިދާ ކަމަށް ވަނީ ނަމަ އެއީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އެއީ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫން ކަމަށް ވިދާޅުވި ނަމަވެސް މިނިސްޓަރުގެ ޒިންމާ ނިންމަވާނީ އަމިއްލަފުޅަށް ނޫން ކަމަށާއި އެކަން ނިންމަނީ މަޖިލީހުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެހެންކަމުން އެ މައްސަލަ ބަލާ އިރު މިނިސްޓަރުގެ މެންޑޭޓުގައި އެ މަސައްކަތް ހިމެނޭ ކަމަށް ހާމަވާނަމަ މިނިސްޓަރު ހުންނެވީ ރަނގަޅު މަގުގައި ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.