ރައްޔިތުންގެ މަޖިލީހުގައި ކޮމިޓީތައް އެކުލެވިގެންވާ ގޮތް ބަދަލުކުރުމައި މެދު އަދި އެއްބަސްވުމަކަށް ނާދެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެކަން ހާމަކުރެއްވީ ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައެވެ. މީގެ ކުރިން އަންގާރަ ދުވަހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އެ ދުވަހު މަޖިލީހުގެ ކޮމިޓީތަކަށް ގެންނަ ބަދަލުތަކާއި މެދު ވޯޓަށް އެހުން ކުރިއަށް ދާނެ ކަަމަށެވެ.
އެހެންނަމަވެސް އަންގާރަ ދުވަހުގެ ޖަލްސާގައި ވޯޓު ނެގުން ކުރިއަށް ގެންގޮސްފައި ނުވާ އިރު ވޯޓަށް ނާހާ ވަކި ސަބަބެއް ހާމަކޮށްފަ އެއް ނުވެއެވެ.
ބުދަ ދުވަހު ނަޝީދު ވިދާޅުވީ ކޮމިޓީތައް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށްޓަކައި ޕާޓީތަކާއި އެކު އަންގާރަ ދުވަހު ވެސް މަޝްވަރާކުރި ކަމަށެވެ.
އެހެންނަމަވެސް ހުރިހާ ޕާޓީއަކަށް އެއްބަސްވެވޭ ގޮތެއް ފެނިފައި ނުވާތީ ބުދަ ދުވަހުވެސް އެ މަޝްވަރާތައް ކުރައްވަން ނިންމެވީ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ކޮމިޓީތައް އެކުލެވޭ ގޮތް ބަދަލުކުރުމުގެ މަޝްވަރާތައް ކުރިއަށްދާއިރު މަޖިލީހުގައި ސިޔާސީ ޕާޓީތައް ހިއްސާވާ ގޮތަށް ވަނީ ބަދަލުތަކެއް އައިސްފައެވެ.
އެގޮތުން ބަލާނަމަ އެމްޑީޕީގެ އެއް މެންބަރަކު އެ ޕާޓީން ވަނީ ވަކިކޮށްފައެވެ. އަދި 12 މެންބަރުން ވަނީ އެ ޕާޓީން ވަކިވެފައެވެ.
އެ މެންބަރުން ޕާޓީން ވަކިވުމުގެ ކުރިން އެމްޑީޕީ އިން ވަނީ ކޮމިޓީތަކުގައި އެމްޑީޕީގެ މެންބަރުން ހިމެނޭ ގޮތް ބަދަލުކޮށްދިނުމަށް އެދިފައެވެ. ނަމަވެސް މަޖިލީހުގެ ރައީސް ނަޝީދު އެކަން ކޮށްދެއްވާފައެއް ނުވެއެވެ.
ނަޝީދު ވިދާޅުވީ ކޮމިޓީތަކުގައި މެންބަރުން އެކުލެވޭ ގޮތް ބަދަލުކުރައްވާނީ މެންބަރުންގެ ރުހުމާއި އެކުގައި ކަމަށެވެ.