ކ. މާލެ
|
24 މެއި 2023 | ބުދަ 07:09
ބްރެޒިލްގެ ލެބެއްގައި އިންސްޕެކްޓަރަކު ދޫނި ރޯގާގެ ސާމްޕަލް ނަގައި ޓެސްޓް ކުރަނީ
ބްރެޒިލްގެ ލެބެއްގައި އިންސްޕެކްޓަރަކު ދޫނި ރޯގާގެ ސާމްޕަލް ނަގައި ޓެސްޓް ކުރަނީ
ރޮއިޓާރސް
ދޫނި ރޯގާ
ބްރެޒިލްގައި ދޫނި ރޯގާ ފެތުރޭތީ ކުއްލި ހާލަތު އިއުލާންކޮށްފި
ކުއްލި ހާލަތު އިޢުލާނުކޮށްފައި ވަނީ ހަ މަސް ދުވަހަށް

ބްރެޒިލްގައި ދޫނި ރޯގާ ފެތުރޭތީ ކުއްލި ހާލަތު އިއުލާންކޮށްފިއެވެ.

ބްރެޒިލްގައި ކުއްލި ހާލަތު އިޢުލާނުކޮށްފައި ވަނީ ހަ މަސް ދުވަހުގެ މުއްދަތަކަށެވެ. ކުއްލި ހާލަތު އިޢުލާނު ކުރުމުގެ ބޭނުމަކީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުން ކަމުގައި ބްރެޒިލްގެ ސަރުކާރުން ބުނެއެވެ.

ދޫނި ރޯގާ ނުވަތަ އެޗް.5.އެން.1 ޖެހިފައިވާ ޖަނަވާރުތައް ފެނިފައިވާ ސްޓޭޓްތަކުގެ ތެރޭގައި އެސްޕިރިތޫ ސާންތޯއާއި ހިއޮ ޑި ޖެނެއިރޯ ހިމެނެއެވެ. އެސްޕިރިތޯ ސާންތޯއިން ބަލީގެ ހަތަރު ކޭސް ފެނިފައިވާއިރު، ހިއޯއިން އިތުރު ކޭސްއެއް ފެނިފައިވާ ކަމުގައި ބްރެޒިލްގެ އޮފިޝަލުން ވިދާޅުވެއެވެ.

ބްރެޒިލްގައި ދޫނިރޯގާ ފެތުރޭތީ ކުއްލި ހާލަތު އިއުލާންކޮށްފައިވާއިރު މީގެ ތިން މަސް ކުރިން އިންސާނީ އާބާދީގެ ތެރޭގައި ދޫނީ ރޯގާގެ ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ނުރައްކާ އެބައޮތް ކަމަށް ބުނެ، އެކަމަށް ތައްޔާރުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވެސް ވަނީ އިންޒާރު ދީފައެވެ.

އެ ޖަމިއްޔާގެ ޑައިރެކްޓަރ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވަނީ، މަންމަލި ޖަނަވާރުތަކުގެ މެދުގައި ބަލި ފެތުރެމުންދާ ގޮތް، ޤައުމުތަކުން ވީހާވެސްގާތުން މޮނިޓަރ ކުރުމަށް ގޮވާލައްވާފައެވެ.

ޖަނަވާރުތަކުގެ ކިބައިން އިންސާނުންގެ ހަށިގަނޑަށް ވައިރަސް "ފުންމާލުމުގެ" ފުރުޞަތު އަދިވެސް އުޅެނީ ދަށްކޮށް ކަމުގައި ވީ ނަމަވެސް، އެއީ އެކަން ތާ އަބަދަށް އޮންނާނެ ގޮތް ކަމަށް ބެލެން ނެތް ކަމަށާއި، އެފަދަ ހާލަތަކަށް ތައްޔާރު ވާން ޖެހޭ ކަމަށް ޑރ ޓެޑްރޯޒް ވަނީ ވިދާޅުވެފައެވެ.

ދޫނި ރޯގާ މުޅިން ކޮންޓްރޯލް ނުކުރެވޭހާ ހިނދަކު، އެ ބަލީގެ ނުރައްކާ، މުޅި ދުނިޔެއަށްވެސް އެބަ އޮތް ކަމަށް، ތަޖުރިބާކާރުން މީގެ ކުރިންވެސް ވަނީ އިންޒާރު ދެއްވާފައެވެ.

- ކޮމެންޓް