އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތަށް އެހެން ބައެއް މަގުތައް ވަގުތީ ގޮތުން ބަންދު ކޮށްފިއެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީން) ބުނީ ދޮންއަދަރާދަ ހިނގުން ގުޅޭ ހިސާބުން ފެށިގެން ރަށްދެބައި ހިނގުމާއި ހަމައަށް އަމީނީމަގަށް ނިކުމެވޭ މަގުތަކާއި ގޯޅިތަށް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.
އަމީނީ މަގުގެ ބިލަބޮންގް ސްކޫލާ ހަމައަށް ތާރުއެޅުމުގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހު ފެށުމަށް އާރްޑީސީން ވަނީ ނިންމާފައެވެ. އަމީނީ މަގުގެ މަސައްކަތް ކުރިއަށް ގެންދަނީ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. މީގެތެރެއިން ފުރަތަމަ 3 ސެގްމަންޓްގައި ތާރުއެޅުމުގެ ހުރިހާ މަސައްކަތްތައް ނިންމައި، މިހާރު ދަނީ އެ ސަރަޙައްދު ބޭނުންކުރަމުންނެވެ.
އަމީނީމަގު ސެގްމަންޓް 4، 5، 6، 7، ގައި މިވަގުތު ކުރިއަށްދަނީ ފަސްގަނޑު އެއްވަރުކޮށް ކޮމްޕެކްޓް ކުރުމުގެ މަސައްކަތާއި ފިނިޝިންގެ މަސައްކަތްތައް ކަމަށް ވެސް އެކުންފުނިން ބުނެއެވެ. އަމީނީމަގު ސެގްމަންޓް 4، 5 އަދި 6 ގެ ސަބް ގެރޭޑިންގ އަދި ކޮމްޕެކްޓިންގެ %95 މަސައްކަތް އަންގާރަ ދުވަހުގެ ރެއާ ހަމައަށް ނިންމިފައިވާ ކަމަށް ވެސް ބުނެއެވެ.
އެންމެ ޒަމާނީ ފެންވަރަށް އަމީނީމަގު ޑިޒައިންކުރެވިގެންދާއިރު، މަގުގެ ފެންހިންދާ ނިޒާމް ޑިޒައިން ކުރެވިގެންދާނީ އަމީނީމަގުގެ ދެފަރާތުންވެސް، މަގު ނިމެންދެން އެއްކޮޅުން އަނެއް ކޮޅަށް ކާނު އަޅާގޮތަށެވެ. އަދި ޑިޒައިނަށް ބިނާކޮށް، އެ މަގުގައި ފެންބޮޑުވުމަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި އިތުރު ޕަމްޕް ސްޓޭޝަންތައް ބަހައްޓާނެއެވެ.
ވިއްސާރަ މޫސުންތަކުގައި މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވެ، ރައްޔިތުންނަށް ގިނަ ތަކުލީފުތަކެއް ކުރިމަތިވާ އެއް މަގުކަމަށްވާ އަމީނީމަގު ތަރައްގީކުރުމަށް ޕްލޭނިންގ މިނިސްޓްރީން އާރްޑީސީއެކު ސޮއިކުރީ، އެ މަގުގައި ތާރު އަޅައިގެން ހެދުމަށެވެ. 1.7 ކިލޯމީޓަރުގެ މި މަގު ހެދުމަށް ޚަރަދުވަނީ ޖުމްލަ އަށްޑިހަ ހަތަރު މިލިއަން ހަތަރު ލައްކަ ސާދަ ހާސް ފަސް ސަތޭކަ ސާޅީސް ހަ ރުފިޔާ، އަށްޑިހަ ތިން ލާރިއެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 210 ދުވަސް ނުވަތަ ހަތް މަސް ދުވަހުގެ ތެރޭގައެވެ.