ދަ ޑިމޮކްރެޓްސް ޕާޓީ ހިމެނޭހެން ސިޔާސީ ޕާޓީތަކުން ގުޅިގެން އެއް ކެނޑިޑޭޓެއް ނެރެން އުޅޭ ކަމަށް ވިދާޅުވެފައިނުވާނެ ކަމަށް އެ ޕާޓީގެ ތަރުޖަމާނު އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.
އަފްޝަން އެފަދައިން ވިދާޅުވީ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ބައެއް ނޫސްތަކުން އެ ޕާޓީން އިންތިޚާބާމެދު އެކި ޕާޓީތަކާއި ވާހަކަދައްކަމުންދާ ކަަމަށް ރިޕޯޓްކޮށްފައިވާ ކަމަށާއި ބައެއް ޕާޓީތަކުން އެ ކަމާއި ގުޅިގެން ދަ ޑިމޮކްރެޓްސް ޕާޓީގެ ބަސް ވެސް އިއްވާފައިވާ ކަމަށް އަފްޝަން ވިދާޅުވިއެވެ. އެހެންނަމަވެސް އެއްވެސް ގޮތަަކަށް މި ވަގުތު އިންތިޚާބަށް އެންމެން ގުޅިގެން ކެނޑިޑޭޓެއް ނެރެން ނިންމާފައިނުވާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ.
އެހެންނަމަވެސް ޕާޓީތަކުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އެކި ޕާޓީތަކުން ކަންބޮޑުވާ މައްސަލަތައް ތަފާތު ކަަމަށް އަފްޝަން ވިދާޅުވިއެވެ. އެގޮތުން ރާއްޖެ އާއި މޮރިޝަސްއާ މެދު އިން ވަކިކުރުމުގެ މައްސަލައިގައި ބައެއް ފަރާތްތަކުން ކަންބޮޑުވާއިރު، އަނެއް ބައި ފަރާތްތަކުން ކަންބޮޑުވަނީ މަސްވެރިންނަށް ހަމައަގު ނުލިބޭތީ ކަމަށް އޭނާ ވިދާޅުވިއެވެ. ޕާޓީތަކުގެ ޚިޔާލު ތަފާތުވި ނަމަވެސް މަޝްވަރާކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ.
މީގެއިތުރުން އަފްޝަން ވަނީ އެ ޕާޓީގެ ކުރިމަގާއި މެދުގައި ވާހަކަދައްކަވާފައެވެ. އެގޮތުން ޕާޓީން ސިޔާސީ ދާއިރާ އަށް ފަރިތަ މޫނުތައް ފެނުނު ނަމަވެސް އުންމީދަކީ އައު ލީޑަރުންތަކެއް އުފެއްދުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕާޓީ އަށް މެންބަރުން ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.