ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ އަންސޫ ފާޓީގެ މުސްތަޤުބަލާ ގުޅޭ ގޮތުން ކުރި ސުވާލަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ސީދާ ޖަވާބެއް ދިނުމަށް ދެކޮޅު ހަދައިފި އެވެ.
ބާސެލޯނާގައި ފާޓީ އަށް ކުޅުމުގެ ފުރުސަތު ލިބެމުން އަންނަ މިންވަރު މަދުވުމުން މީގެ ކުރިން ވެސް ވަނީ އެކި ވާހަކަތައް ފެތުރިފަ އެވެ. އެކަމާ ގުޅިގެން ފާޓީގެ ބައްޕަ ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭރު ފާޓީގެ ބައްޕަ ވަނީ އޭނާ ބާސެލޯނާ ދޫކޮށްލަން އެދޭ ކަމަށް ބުނެ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. ނަމަވެސް އޭރު ވެސް ފާޓީ ވަނީ އޭނާ ބޭނުންވަނީ ބާސެލޯނާގައި ހުންނަން ކަމަށް ބުނެފަ އެވެ. އަނެއްކޮޅު އިނގިރޭސި ޕްރިމިއާ ލީގުގެ ބައެއް ކުލަބުތަކުން އޭނާ ހޯދުމުގެ ޝައުޤުވެރިކަން ގެންގުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް ފާޓީ ވަނީ ދިގު މުއްދަތަކަށް ބާސެލޯނާގައި މަޑު ކުރަން ބޭނުންވާކަން ވެސް ހާމަކޮށްފަ އެެވެ.
ބާސެލޯނާ އިން އަންނަ ސީޒަނަށް އައު ކުޅުންތެރިން ހޯދުމަށް ބޭނުންވާނީ މިހާރު ކުލަބުގައި ތިބި ބައެއް ކުޅުންތެރިން ދޫކޮށްލާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. ޚާއްސަކޮށް ކުރީގެ ކެޕްޓަން ލިއޮނަލް މެސީ އަލުން ގެނައުމަށް ކުރާ މަސައްކަތުގައި ބާސެލޯނާ އިން އެ ކުލަބުގެ މާލީ ހާލަތު ވަރަށް ބޮޑަށް ރަނގަޅު ކުރަން ޖެހެ އެވެ. ބާސެލޯނާ އިން ދޫކޮށްލަން ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ފާޓީ ހިމެނޭތޯ ސުވާލު ކުރުމުން ޒަވީ ބުނީ، ކުލަބުން އަދި ވެސް އަންނަނީ އަންނަ ސީޒަނަށް އެކި ޕްލޭންތައް ހަދަމުން ކަމަށެވެ. އެހެންކަމުން މިހާތަނަށް ދޫކޮށްލާނެ ކުޅުންތެރިޔަކު ބުނަން ދަތި ކަމަށާއި، އެކަން ބިނާވާނީ ކުލަބުގެ ފައިނޭންޝިއަލް ފެއާ ޕްލޭ އަށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އިތުރަށް އޭނާ ބުނީ ކުޅުންތެރިންގެ މުސްތަޤުބަލާމެދު ގޮތެއް ނިންމާނީ ގިނަ ކަންކަމަށް ބެލުމަށްފަހު ކަމަށެވެ.
އުމުރުން 20 އަހަރުގެ ފާޓީ އޭނާގެ ސީނިއާ ކެރިއަރު 2019 ވަނަ އަހަރު ފެށީ ވެސް ބާސެލޯނާ އިންނެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް އެކުލަބަށް 106 މެޗު ކުޅެދީ 26 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން އޭނާ ވަނީ ބާސެލޯނާއާއެކު ސްޕެނިޝް ލީގު، ކޮޕަ ޑެލް ރޭ އަދި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ.