އެހެން ޤައުމުތަކާ އެއްގޮތަށް ދިވެހިރާއްޖޭގައި ވެސް ކުށްކުރާ މީހުންގެ އަދަދު މަދެއް ނޫނެވެ. ކުދި ވައްކަމުން ފެށިގެން ޤާނޫނުގައި އަދަބު ކަނޑައަޅާފައިވާ އެންމެ ބޮޑެތި ކުށްތަކަށް ވެސް އަރައިގަންނަ މީހުން އެބަތިއްބެވެ. މި ފަރާތްތަކަށް އެ ކުރާ ކުށަކަށް އަދަބު ދިނުމުގެ ގޮތުން އެހެން ޤައުމުތަކާ އެއްގޮތަށް ރާއްޖޭގައި ޤާނޫނުތަކާއި ގަވާއިދުތައް ވަނީ ހަދައިފައެވެ. އަދި އެ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ކުރުމަށް އިދާރާތައް ވެސް ވަނީ ކަނޑައެޅިފައެވެ. މިއީ އެންމެ ފުރިހަމަ އިންސާފު ގާއިމު ކުރުމަށް ކޮންމެ ޤައުމެއްގައި ވެސް، ކޮންމެ މުޖުތަމައެއްގައި ވެސް ޒަމާނުއްސުރެ ކަންކަން ރޭވިފައި އޮންނަ ގޮތެވެ.
މިފަދަ ޤާނޫނުތަކާއި ގަވާއިދުތައް ހެދިފައިވީ ނަމަވެސް ބައެއް ފަރާތްތަކުން އެއަށް އަމަލު ކުރަން މާބޮޑު ސަމާލުކަމެއް ނުދެއެވެ. އިންސާފު ކަނޑައަޅަނީ އަމިއްލައަށެވެ. އަދަބު ކަނޑައަޅަނީ އަމިއްލައަށެވެ. މިފަދަ އެތައް ހާދިސާތަކެއް ރާއްޖޭގައި ވެސް ވަނީ ފެނިގެން ގޮސްފައެވެ. ރަށުގައި މަސްތުވާތަކެތި ބޭނުން ކުރާ މީހެއްގެ އުނދަގޫ މާބޮޑުވެއްޖެ ނަމަ އެކަން ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ހައްލު ކުރުމުގެ ބަދަލުގައި އަވަށު އެންމެން އެއްކޮށްގެން އިންސާފު އަމިއްލައަށް ނިންމާލާ ހާދިސާތައް ވެސް މަދެއް ނޫނެވެ.
މިފަދަ ހާދިސާއެއް ދާދިފަހުން ވެސް މިވަނީ ފެންމަތިވެފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއެއްގައި ބަޔަކު ވެގެން މީހެއްގެ ގަޔަށް ދަވާދު އަޅާ މަންޒަރު ފެނެއެވެ. އެކަކު ދަވާދު އަޅަމުން އޭނާއަށް އަނިޔާ ކުރާ މަންޒަރުވެސް ފެނެއެވެ. މި ވީޑިއޯތަކުގައި ފެންނަނީ އަނިޔާ ލިބޭ މީހާ އެކަންޏެވެ. އެ ވީޑިއޯގައި ބުނެފައިވާ ގޮތުގައި އެ މީހާއަކީ މާލޭގެ ފިހާރައަކުން ވައްކަން ކުރި މީހެކެވެ. އެހެންވެ އަދަބެއްގެ ގޮތުގައި އޭނާ އަތުލައި، އޭނާގެ ގަޔަށް ދަވާދު އެޅުން އެއީ އަދަބެއް ކަމަށް އެކަން ކުރި މީހުން އަމިއްލައަށް ނިންމާލީއެވެ.
ވައްކަން ކޮށްފި ނަމަ އަދަބު ދޭން ޖެހެއެވެ. އެކަމަކު އެއީ އާއްމުންގެ އަތްމަތީގައި އޮތް ކަމެއް ނޫނެވެ. އާއްމުން ޖެހޭނީ އޭނާ އެފަދަ ކަމެއް ކުރިކަން އެނގޭނަމަ އެކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް އޭނާ އެބަޔަކާ ހަވާލު ކުރާށެވެ. އޭގެ ބަދަލުގައި ތިމާ އަމިއްލައަށް ގޮތް ނިންމާ އެ މީހާއަށް އަނިޔާ ކުރުމުން ވެސް އެ އަރައިގަނެވެނީ ކުށަކަށެވެ. އެއިރުން ތިމާއާއި ވައްކަން ކުރި މީހާގެ ހުރީ ކޮން ތަފާތެއްތޯއެވެ. އޭނާވެސް އަރައިގަތީ ކުށަކަށެވެ. ތިމާއަށްވެސް ތިއަރައިގަނެވުނީ ކުށަކަށެވެ.
ކޮންމެ މީހަކު އެ މީހަކު އަމިއްލައަށް އަދަބު ކަނޑައަޅައިގެން އިންސާފު ހޯދަން އުޅެގެން އެ އިންސާފު އޮންނާނީ ނުލިބިފައެވެ. އޭގެ ބަދަލުގައި އޭގެ ސަބަބުން މުޖުތަމައުގައި ހަމަނުޖެހުންތައް އިތުރުވެގެންދާނެއެވެ. މާރާމާރީ ފަދަ ކަންކަމުން ވެސް ފެނިގެންދަނީ ހަމަ މި މަންޒަރެވެ. ބަޔަކު ކުރާ ކަމަކަށް އަމިއްލައަށް އަދަބު ކަނޑައަޅައި އެ އަދަބު ދޭން ހެދުމުން މައްސަލަ ބޮޑުވެ ހާލަތު އިތުރަށް ގޯސްވަނީއެވެ.
ވައްކަން ކުރާ މީހުންނާއި ނުވަތަ އެ ނޫންވެސް ކުށެއް ކޮށްގެން އާއްމުން އަމިއްލައަށް އަދަބު ދޭ މިފަދަ ވީޑިއޯތަކަށް ކޮށްފައި ހުންނަ ކޮމެންޓުތަކުގައި އެއީ އިންސާފު ނުލިބޭތީ ވާ ކަމެއް ކަމަށް ބުނެ އެފަދަ ކަންކަން ދިފާއު ކުރަން މަސައްކަތް ކުރާ މީހުން ވެސް މަދެއް ނޫނެވެ. ނަމަވެސް އެއީ އިންސާފުވެރިގޮތްތޯ އަމިއްލަ ނަފުސާވެސް ސުވާލު ކޮށްލުން މުހިންމެވެ. ވައްކަން ކުރާ މީހެއްގެ އަދަބު ދިވެހިރާއްޖޭގެ ޤާނޫނުގައި ކަނޑައަޅައިފައިވެއެވެ. އެފަދަ ކުށެއްގެ އަދަބަކީ މީހާގެ އަބުރާއި ކަރާމާތް ނަގާލައި އެ މީހާ ފަލީހަތް ކުރުން ކަމެއް ނުވަތަ އެމީހާގެ ގަޔަށް ދަވާދު ފަދަ ނުރައްކާތެރި މާއްދާތައް އެކުލެވޭ އެއްޗެއް އެޅުން ކަމެއް އެ ޤާނޫނުގައި ބަޔާންކޮށްފައި ނުވެއެވެ.
މިފަދަ ކަންކަން އިސްލާހު ކުރެވޭނީ މިފަދަ ކަންކަމުގައި އާއްމުން ހޭލުންތެރިވެ، ޤާނޫނު ދަމަހައްޓަން ތިބޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކޮށްގެންނެވެ. އަމިއްލައަށް ނިންމާ އަދަބެއް ދީގެން އަރައިގަންނަ ކުށަށް ވެސް އަދަބު ލިބޭނެކަން ދެނެގެންނެވެ. މީހަކު ކުރި ކަމަކަށް އަދަބު ދިނުމުގެ ގޮތުން ތިމާވެސް އެދަރަޖައަށް ވެއްޓެން ނުޖެހެއެވެ.