ތާރީހުގައި ފުރަތަމަ ފަހަރަށް، ޔޫރަޕުގެ ބޮޑު މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ބްރައިޓަންއަށް ލިބިއްޖެއެވެ.
ބްރައިޓަންއަށް ޔޫރޮޕާ ލީގުގެ ޖާގައެއް ކަށަވަރުވީ މި ސީޒަނުގައި ރެލިގޭޓުވާ ސައުތުހެމްޓަން ކައިރިން 3-1 ން މޮޅުވެގެނެވެ. ބްރައިޓަންގެ ޒުވާން ކުޅުންތެރިޔާ، އިވާން ފާގަސަން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހާ، ބްރައިޓަންއަށް ހަމަޖެހިލެވޭވަރުގެ ލީޑެއް ހޯދަދީފައެވެ.
ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ސައުތުހެމްޓަންގެ މުހައްމަދު އެލިއުނޫސީ ވަނީ ލަނޑެއް ޖަހާ، އެއް ލަނޑުގެ ފަރަގަކަށް ކުޑަކޮށްދީފައެވެ. އޭގެ ހަ މިނެޓު ފަހުން އެ ޓީމުގެ ތިއޯ ވޮލްކޮޓް ޖެހި ލަނޑު ވަނީ އޮފް ސައިޑް ކަމަށް ނިންމާފައެވެ. ބްރައިޓަންގެ ތިން ވަނަ ލަނޑު، މެޗުގެ 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕާސްކަލް ގްރޮސް އެވެ.
އާދިއްތަ ދުވަހު ކުޅެވުނު މެޗުނެ މޮޅުވެ، ގޯލުގެ ތަފާތު ބޮޑުކަމުން، ބްރައިޓަންއަށް ގަދަ ހަޔެއް ގައި ނިންމާލެވޭނެއެވެ. ބްރައިޓަން އޮތީ 36 މެޗު ކުޅެ، 61 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައެވެ. ހަތް ވަނައިގައި އޮތް އެސްޓަން ވިލާއަށް ބާކީ އެއް މެޗު އޮތްއިރު، ލިބިފައިވަނީ 58 ޕޮއިންޓެވެ. ގޯލުގެ ތަފާތަށް ބަލާއިރު ބްރައިޓަން އުޅެނީ 20 ގޯލުގެ ފައިދާއެއްގައެވެ. އެސްޓަން ވިލާގެ ފައިދާ ގޯލުގެ އަދަދަކީ ހަތަރެކެވެ. އެސްޓަން ވިލާއަށް ފަހު މެޗުގައި ބްރައިޓަން ބަލިކޮށް، އެ ޓީމު ފަހަތަށް ޖައްސާލުމަށް 16 ގޯލްގެ ސްވިންގްގެ ފައިދާ ނަގަން ޖެހޭނެ އެވެ. ހިސާބުގެ ގޮތުން ޖާގަ ކަށަވަރު ކުރުމަށް ބްރައިޓަންއަށް ބޭނުންވަނީ މެންޗެސްޓާ ސިޓީ އާއި ވިލާއާ އެކު ބާކީ އޮތް މެޗުތަކުން އެންމެ ޕޮއިންޓެކެވެ.
މި ސީޒަނުގައި ބްރައިޓަން އިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ބްރައިޓަން އިން ވިދާލި ބައެއް ކުޅުންތެރިން ހޯދުމުގެ މަސައްކަތް ބައެއް ބޮޑެތި ކުލަބުތަކުން މިހާރުވެސް ކުރެއެވެ.