ކ. މާލެ
|
10 ޖުލައި 2017 | ހޯމަ 08:10
ކަސްޓަމްސްގެ ބަނދަރު ސަރަހައްދު
ކަސްޓަމްސްގެ ބަނދަރު ސަރަހައްދު
މުހައްމަދު ޝަރުހާން
ކަސްޓަމްސް ތަފާސް ހިސާބު
އިމްޕޯޓު 7 އިންސައްތަ އިތުރުވެ، އެކްސްޕޯޓު ކުރި މިންވަރު 118 އިންސައްތަ އިތުރުވެއްޖެ
މިއަހަރު ޖޫންމަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 210 މިލިއަން ރުފިޔާ ލިބިފައިވޭ

ފާއިތުވި ޖޫންމަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލުގެ ސީއައިއެފް އަގު 2016 ވަނަ އަހަރުގެ ޖޫންމަހާ އަޅާބަލާއިރު 7 އިންސައްތަ އިތުރުވެއްޖެއެވެ.  

 

ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޖޫންމަހު ރާއްޖެއަށް 2.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ ޖޫންމަހު މި ޢަދަދުވަނީ 2.9 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

 

އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން  19 އިންސައްތަ  އެކުވެރި އަރަބި އިމާރާތުން އިމްޕޯޓްކޮށްފައިވާއިރު، ޗައިނާ އަދި ސިންގަޕޫރުން 15 އިންސައްތަ ، އިންޑިއާއިން 11އިންސައްތަ  އަދި 6 އިންސައްތަ ސްރީލަންކާއިން ވަނީ އެތެރެކޮށްފައިވެއެވެ.

 

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2016 ވަނަ އަހަރުގެ ޖޫންމަހާ އަޅާބަލާއިރު ހުސްވި ޖޫންމަހު  11އިންސައްތަ އިތުރުވެފައެވެ.

 

މިއަހަރު ޖޫންމަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 210 މިލިއަން ރުފިޔާ ލިބިފައިވާއިރު 2016 ވަނަ އަހަރުގެ ޖޫންމަހު ލިބިފައިވަނީ 189 މިލިއަން ރުފިޔާ ކަމަށް ހިސާބުތަކުންދައްކައެވެ.

 

 ފާއިތުވި ޖޫންމަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ މިދިޔަ އަހަރުގެ ޖޫންމަހާ އަޅާބަލާއިރު ވަނީ 118 އިންސައްތަ މައްޗަށް ގޮސްފައިއެވެ.

 

2016 ވަނަ އަހަރުގެ ޖޫންމަހު 204 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު 2017 ވަނައަހަރުގެ ޖޫންމަހު މި ޢަދަދު ވަނީ 446 މިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައި ކަމަށްވާއިރު، ރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތައްކަމަށްވާއިރު މިދިޔަ ޖޫންމަހު އެކްސްޕޯޓްކުރި މުދަލުގެ 67 އިންސައްތަ  އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް