ފެނާއި ނަރުދަމާގެ ޚިދުމަތް ދޭ ނިޒާމުތައް ރަޖިސްޓަރީ ކުރުމާއި އެނިޒާމު ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.
މިގަވާއިދުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގައި ފެނާއި ނަރުދަމާގެ ޚިދުމަތްދޭ ނިޒާމުތައް ރަޖިސްޓަރީ ކުރުމާއި އެ ނިޒާމުތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމާބެހޭ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައެޅުމާއި، ސިއްހީ ގޮތުން ރައްކައުތެރި އަދި ބޭނުންކުރަން ކަމުދާ ސާފު ބޯފެނުގެ ޚިދުމަތާއި އެކަށީގެންވާ ނަރުދަމާގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ލިބިދޭކަން ކަށަވަރުކުރުމާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ގޮތްތައް ކަނޑައެޅުމުގެ އިތުރުން ފެނާއި ނަރުދަމާގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދޭކަން ކަށަވަރުކުރުމެވެ.
މިގަވާއިދުގެ އިހްތިސާސްގެ ތެރޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގެ ނިޒާމު ހިންގައި ޚިދުމަތް ދިނުމާއި، ސިނާއީ މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ތަންތަނާއި ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ހިންގައި ޚިދުމަތް ދިނުމާއި، ފެނުގެ ޚިދުމަތް ގާއިމްކޮށްފައިނުވާ ތަންތަނާއި ރަށްރަށުގައި އެތަނެއްގެ އަމިއްލަ ބޭނުމަށް ފެން އުފައްދައިގެން އެ ފެން ބޭނުންކުރުން އަދި ނަރުދަމާގެ ޚިދުމަތް ގާއިމްކޮށްފައި ނުވާ ތަންތަނާއި ރަށްރަށުގައި އަމިއްލަ ބޭނުމަށް ނަރުދަމާގެ އެއްވެސް ބައެއް ގާއިމްކޮށްގެން ބޭނުންކުރުން ހިމެނެއެވެ. އަދި ވިޔަފާރީގެ ބޭނުމަށް ފެން އުފެއްދުމާއި، ވާރޭފެން ނަގައި ރައްކައުކޮށް ދެވަނަ ފަރާތެއް ބޭނުމަށް އެ ފެން ފޯރުކޮށްދިނުން އަދި ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމުތައް ހިންގައި ޚިދުމަތް ދިނުން ހިމެނެއެވެ.
ގަވާއިދުގައި ބުނެފައިވާ ގޮތުން ފެނާއި ނަރުދަމާގެ ޚިދުމަތް އަމިއްލަ ބޭނުމަށް ބޭނުންކުރެވޭނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން ދޫކުރާ ހުއްދައެއްގެ ދަށުން ކަމަށެވެ. ފެނާއި ނަރުދަމާގެ ޚިދުމަތް ދެވޭނީ އެ އޮތޯރިޓީން ދޫކުރާ ލައިސަންސްގެ ދަށުން ކަމަށްވާއިރު، ވަގުތީ ލައިސަންސެއްގެ މުއްދަތުގައި ވަގުތީ ލައިސަންސެއްގެ ދަށުން ހުއްދަދޫކުރާ އެންމެހައި ޚިދުމަތްތަކާއި މަސައްކަތްތައް ކުރުމުގެ ފުރިހަމަ އިހްތިޔާރު ލައިސަންސްގެ ވެރިފަރާތަށް ލިބިގެންވާ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ. އަދި ގަވާއިދުގައި ވަކިކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ކަނޑައެޅިފައިވާ އެއްވެސް ކަމެއް މިގަވާއިދުގައި ކަނޑައަޅައިވާ ގޮތް ނޫން އެހެން ގޮތަކަށް ނުވަތަ އެގޮތާއި ހިލާފަށް ގޮތަކަށް ކޮށްފިނަމަ އެކަމެއް އެގޮތަށް ކުރި ފަރާތަކުން މިގަވާއިދާ ހިލާފުވެއްޖެ ކަމުގައި ކަނޑައެޅުމުގެ އިހްތިޔާރު އެއޮތޯރިޓީއަށް ލިބިގެންވެއެވެ.
މީގެ އިތުރުން ގަވާއިދުގައި ބުނެފައިވަނީ ލައިސަންސް ދޫކުރެވިފައިވާ ފަރާތުން ނުވަތަ ލައިސަންސް އެދޭ ފަރާތުން ލައިސަންސްގެ ދަށުން ދޭ ޚިދުމަތަކަށް، ޚިދުމަތް ލިބިގަންނަ ފަރާތެއްގެ އަތުން ނަގަންވާނީ އޮތޯރިޓީން އެ ޚިދުމަތަކަށް ނެގުމަށް ފާސްކޮށް އާއްމުކޮށް އިއުލާނުކޮށްފައިވާ އަގަށްވުރެ ބޮޑު ނޫން އަގެއް ކަމަށެވެ. މީގެ ތެރޭގައި ޓެރިފާއި ވަކި ޚިދުމަތްތަކަށް ނަގާ އަގު ހިމެނޭނެ ކަމަށް ވެސް ބުނެފައިވެއެވެ.