ކ.މާފުށީގެ ނަރުދަމާގެ ޕްރޮޕޯޒަލްތައް ވަނީ ހަދާފައި ކަމަށާއި އެކަމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ން މިއަދު ބުނެފިއެވެ.
އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑަބްލިއުއެސްސީ ގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ ހޮނިހިރު ދުވަހު މާފުށްޓަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމާއި ގުޅޭ ގޮތުން އެ ރަށުގެ އާއްމު ރައްޔިތުންނާއި ވިޔަފާރިވެރިން ވެސް ބައެއް ކަންކަން ހިއްސާކުރައްވާފައިވާ ކަމަށެވެ. އެގޮތުން އެ ރަށުގެ އާބާދީ ބޮޑުވެ ގެތައް ބުރިބުރިއަށް އަޅަމުންދާ ވަރަކަށް ރަށުގައި ރަނގަޅު ފެނާއި ނަރުދަމާގެ ނިޒާމެއްގެ ބޭނުން ބޮޑުވެފައިވާ ކަމަށް ރަށުގެ ރައްޔިތުން ވެސް ފާހަގަކުރާ ކަމަށް ވިދާޅުވިއެވެ. ގޭބިސީތަކާއި ގެސްޓްހައުސްތައް ގިނަވުމުން ނަރުދަމާ ނިޒާމަށް ބާރު ބޮޑުވެފައިވާ އިރު އެ ނިޒާމަކީ 2007 ވަނަ އަަހަރު ޤާއިމްކޮށްފައިވާ ނިޒާމެއް ކަަމަށް އޭނާ ވިދާޅުވިއެވެ.
އެ ނިޒާމުގައި ބޭނުންކޮށްފައި ހުންނަނީ ހަތަރު އިންޗި ހޮޅި ކަމަށާއި އެކަމުގެ ސަބަބުން އެ ނިޒާމް ބެލެހެއްޓުމަށް ގޮންޖެހުމަކަށްވާ ކަަމަށް ޝާހު ވިދާޅުވިއެވެ. މާފުށްޓަށް ރަނގަޅު ނަރުދަމާ ނިޒާމެއް ބޭނުންވާ ކަމަށާއި، އެ ރަށުގައި ރަނގަޅު ނަރުދަމާގެ ނިޒާމެއް ނެތުމަކީ އާއްމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ޝާހު ވަނީ ވިދާޅުވެފައެވެ. ޝާހު އިތުރަށް ވިދާޅުވީ މާފުށީގެ ނަރުދަމާގެ މައްސަލައަކީ ސަރުކާރާއި އެމްޑަބްލިއުއެސްސީގެ ސަމާލުކަމަށް އައިސްފައިވާ މައްސަލަ އެއް ކަަމަށާއި އެކަން ހައްލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރުވެސް ވަމުންދާ ކަމަށެވެ. މާފުށީގެ ނަރުދަމާގެ މައްސަލަ ހައްލުކުރަން މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވާންޖެހޭ ތައްޔާރީތައް ވަމުންދާ އިރު އެ މަސައްކަތްތައް ކުރިއަށް ދަނީ ގޮންޖެހުންތަކާއި އެކުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މާފުށީގައި ޖަލުގައި ވަކިން ނަޖިސް ބޭރުކުރުމުގެ މަސައްކަތް ކުރަމުން ދާއިރު އެ ސަރަހައްދުގެ ނަރުދަމާ އަށް ވެސް ސަމާލުކަން ދޭން ޖެހޭ ކަމަށް ޝާހު ވަނީ ވިދާޅުވެފައެވެ. މާފުށީގެ ނަރުދަމާގެ މަސައްކަތް ކުރާނީ އެކަމަށް ވެސް ސަމާލުކަން ދީގެން ކަމަށް ޝާހު ވަނީ ވިދާޅުވެފައެވެ.