ގދ. މަޑަވެލި އަދި ހޯނޑެއްދޫ ގުޅާލުމުގެ ގޮތުން އެޅުމަށް ހަމަޖެހިފައިވާ ބްރިޖްގެ އަމަލީ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި ރަށުގައި މިހާރު ހަދާފައިވާ ކޯޒްވޭ ރޫޅާލުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ނިންމައިފިއެވެ.
މިނިސްޓްރީން އެގޮތަށް ނިންމާފައިވަނީ ބްރިޖުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ކުރަމުން ދަނިކޮށް، މޫސުން ގޯސްވުމުގެ ސަބަބުން މަސައްކަތް ކުރުމަށްޓަކައި ހަދާފައިވާ ޓެމްޕަރަރީ ބެޑް ގިރައިގެން ގޮސްފައިވާތީ މަސައްކަތް ކުރިއަށް ގެންދިއުމަށް އިތުރަށް ވެލި ބޭނުންވާކަމަށް ކޮންޓްރެކްޓަރ މިނިސްޓްރީއަށް އަންގާފައިވާތީއެވެ.
މި މަޝްރޫޢުގެ އެކި ބޭނުtތަކަށް ބޭނުންވާ ވެލި ހޯދުމަށް ރާވާފައިވަނީ ކުރިން ހަދާފައިވާ ކޯޒްވޭ ރޫޅާލުމަށް ފަހުގައެވެ.
ވުމާއެކު، ގދ. މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ މަޝްރޫޢުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި ރަށުގައި މިހާރު ހަދާފައިވާ ކޯޒްވޭ ރޫޅާލުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ނިންމައި، އެކަން މިހާރު ވަނީ ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާއަށް އަންގާފައެވެ.
އޭގެ އިތުރުން، 2023 މޭ 21 ވަނަ ދުވަހުން ފެށިގެން ކޯޒްވޭ މަޝްރޫޢުގެ މަސައްކަތް ނިމެންދެން، މަޑަވެލިން ހޯނޑެއްދޫއަށް ދަތުރުކުރުމަށް ބޭނުންކުރާ މަގު/ކޯޒްވޭ ބޭނުން ނުކުރެވޭނެ ކަމަށް އެމިނިސްޓްރީން ވަނީ އަންގާފައެވެ.
މަޑަވެލި ހޯނޑެއްދޫ ބްރިޖަކުން ގުޅާލުމަށްޓަކައި އެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާ ހަވަލުކޮށްފައި ވަނީ 26 އޮކްޓޯބަރު 2021 ގައެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި މިމަޝްރޫއުގެ ސައިޓް މަސައްކަތްތައް ފަށާފައިވާއިރު މަޑަވެއްޔާއި ހޯނޑެއްދޫ އަދި ދެ ފަޅުރަށުގެ ކޯޒްވޭއަށް ބޭނުންވާ މަގުތައް ސާފުކުރުމުގެ މަސައްކަތް އޭރުކޮށްފައިވެއެވެ.
އަދި ގދ. މަޑަވެލި - ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއުގެ ޖިއޯޓެކްނިކަލް ސަރވޭގެ މަސައްކަތް ފަށާފައި ވަނީ 12 ޑިސެމްބަރު 2022ގައެވެ.
84.17 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ އަމަލީ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ފަށާފައިވަނީ ހޯނޑެއްދުއާއި ކަންނިގިއްލާ އާއި ދެމެދުގައި އަޅާ ބްރިޖްގެ ފައުންޑޭޝަންގެ މަސައްކަތެވެ.
މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޑިޒައިން އެންޑް ބިލްޑު އުސޫލުން، 10 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.