ކ. މާލެ
|
20 މެއި 2023 | ހޮނިހިރު 08:44
ޕީއެސްޖީގެ ރައީސާއެކު މާކީނިއޯސް
ޕީއެސްޖީގެ ރައީސާއެކު މާކީނިއޯސް
ޓްވީޓަރ
ޕީއެސްޖީ
ޕީއެސްޖީގެ އެއްބަސްވުން މާކީނިއޯސް އައުކޮށްފި
 
ޕީއެސްޖީއާއެކު މާކީނިއޯސް ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގެ ޖޫން މަހު

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު މާކީނިއޯސް އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފި އެވެ.

އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ އަންނަ އަހަރު އެވެ. ނަމަވެސް މިއަހަރު ފެށުމާއެކު ޕީއެސްޖީން ވަނީ އައު އެއްބަސްވުމުގެ މަޝްވަރާތައް މާކީނިއޯސްއާއެކު ފަށައިފަ އެވެ. އެކަމުގައި މީގެ ކުރިން އެ ކުލަބަށް އޮތީ އޭނާއާއެކު އެއްބަސްވުމަކަށް އާދެވިފަ އެވެ. ނަމަވެސް ރަސްމީކޮށް ޕީއެސްޖީން އެކަން ހާމަކޮށްފައި ވަނި ހުކުރު ދުވަހު އެވެ.

ޕީއެސްޖީއާއެކު މާކީނިއޯސް ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ޕީއެސްޖީން ބޭނުންވަނީ ދިގު މުއްދަތަަކަށް އޭނާ އެ ކުލަބުގައި ބެހެއްޓުމަށެވެ. މާކީނިއޯސްގެ އެއްބަސްވުން އައު ކުރުމަށް ފަހު ވާހަކަ ދައްކަވަމުން ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީ ވިދާޅުވީ، އުމުރުން 19 އަހަރުގައި މާކީނިއޯސް ޕީއެސްޖީއާ ގުޅުނު ދުވަހުން ފެށިގެން މިހާތަނަށް އޭނާ ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. ޓީމާއެކު އަބަދު ވެސް މޮޅުވުމުގެ ރޫހު މާކީނިއޯސްގެ ކިބައިގައި ހުންނަ ކަމަށާއި، ޕީއެސްޖީން އޭނާގެ އެއްބަސްވުން އައު ކުރުމަށް ވިސްނީ އެ ހުރިހާ ކަމަކަށް ބެލުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިޓާލިއަން ލީގުގެ ރޯމާ ދޫކޮށް މާކީނިއޯސް ޕީއެސްޖީ އަށް ބަދަލުވީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް އެކުލަބަށް ކުޅެދިން 405 މެޗުގައި އޭނާ ވަނީ 38 ލަނޑު ޖަހައިފަ އެވެ. މާކީނިއޯސް ވަނީ ޕީއެސްޖީއާއެކު 26 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ފްރާންސް ލީގު ހަތް ފަހަރު، ފްރާންސް ކަޕް ހަ ފަހަރު، ކަޕް ލީގު ހަ ފަހަރު، ޓްރޮފީ ޑީ ޗެމްޕިއަންސް ހަތް ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ. ޕީއެސްޖީން 20-2019 ވަނަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅުނު ޓީމުގައި ވެސް މާކީނިއޯސް ހިމެނެ އެވެ. ތިއާގޯ ސިލްވާ ޕީއެސްޖީ ދޫކޮށްލުމާއެކު، މާކީނިއޯސް އަށް އެ ކުލަބުގެ ކެޕްޓަންކަން ލިބުނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

މާކީނިއޯސް އަންނަނީ 2013 ވަނަ އަހަރުން ފެށިގެން ބްރެޒިލްގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. މިހާތަނަށް ޤައުމީ ޓީމަށް 76 މެޗު ކުޅެދީ ފަސް ލަނޑު ޖަހާފައިވާއިރު، ކޮޕަ އެމެރިކާ މުބާރާތެއް ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް