ކޫއްޑޫއަށް މަސްގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ދަންފަޅިއަކަށް 120 ޓަނުގެ ބްރައިން ފްރީޒްކުރެވޭ ސިސްޓަމެއް ޤާއިމްކުރަން ނިންމާފައިވާ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.
މިފްކޯގެ ޖަރީރާ 103 ބޯޓު އޮޕަރޭޝަނަށް ގެނައުމަށް ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްމާއިލް ވިދާޅުވީ މިފްކޯއާއި އެސްޓީއޯ އާއި ގުޅިގެން ކޫއްޑޫއަށް މަސްގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ދަންފަޅިއަކަށް 120 ޓަނުގެ ބްރައިން ފްރީޒްކުރެވޭ ސިސްޓަމެއް ޤާއިމްކުރުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި އިތުރު މާކެޓުތަކަށް މަސް ފޮނުވުމަށް ފަސޭކުރުމަށް ފުރަތަމަ ފޭސްގައި 50 ރީފަރ ކޮންޓެއިނަރުގެ ޔާޑެއް ޤާއިމްކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
ދެކުނުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށާއި، ކޫއްޑޫގައި މިހާރުހުރި 2000 ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ ޖާގައިގެ އިތުރުން، އިތުރު 4000 ޓަނުގެ ކޯލްޑް ސްޓޯރެއް ޤާއިމްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ. އަދި ކޫއްޑޫ ބަނދަރު ބޮޑުކޮށް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި މަސައްކަތާއެކު އަންނާނެ ބަދަލުތައް ވެސް އޭނާ ފަހަގަކުރެއްވިއެވެ.
މިފްކޯގެ މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ އިރު، ރާއްޖެއަށް ގެނެވޭ ތިން ބޯޓުތަކުގެ ތެރެއިން އެއް ބޯޓަކީ ގދ. އަތޮޅުގައި ހަރަކާތްތެރިވާނެ ބޯޓެކެވެ. އެހެންކަމުން ފަރެސްމާތޮޑާ ހިސާބުގައި މަސްވެރިކަން ކުރުމަށް ހަރަކާތްތެރިވާ މަސްވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެއެވެ. ފަރެސްމާތޮޑާ ކައިރީގައި ބާއްވާފައިވަނީ ޖަޒީރާ 103 އެވެ. މިފްކޯއިން ގެނައި މި ބޯޓަކީ 120 މެޓްރިކްޓަނުގެ މަސް ގަނެ ފިނިކުރެވޭނެ ބޯޓެކެވެ. އަދި މި ބޯޓުގައި ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭނެ ކަމަަށް މިފްކޯއިން މައުލޫމާތުދެއެވެ.