އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތުގެ ތިންވަނަ ސެމީގައި ސީދާ ތިން ސެޓުން ސިފައިން ބަލިކޮށް ވެމްކޯ ފައިނަލަށް ދަތުރުކޮށްފިއެވެ.
ފައިނަލުގެ ފަހު ޖާގަ ކަށަވަރުކުރުމަށް ކުޅުނު ތިން ވަނަ ސެމީ ފައިނަލް މެޗު ނިމުނީ ގިނަ ބަޔަކު ހީވެސް ނުކުރާގޮތަށެވެ. ގުރޫޕު ސްޓޭޖުގައި ވެމްކޯ އާއި ސިފައިން ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ސިފައިން މޮޅުވިނަމަވެސް، ވެމްކޯ އިން ކުރިން ހެދުނު ގޯސްތައް ރަނގަޅުކޮށް ސީދާ ތިން ސެޓުން ސެމީ ކާމިޔާބުކުރީއެވެ.
މެޗުގެ ފުރަތަމަ ސެޓު ވެމްކޯއިން ކާމިޔާބުކުރީ 25-21 ގެ ނަތީޖާއަކުންނެވެ. ދެވަނަ ސެޓުގައި ވެމްކޯއިން ކުޅުން އިތުރަށް ރަނގަޅުކޮށް، ފަސޭހަކަމާއެކު ސެޓު ކާމިޔާބުކުރީ 25-15 ގެ ނަތީޖާއަކުންނެވެ. ކޮންމެހެންވެސް ނެގުން މަޖުބޫރު ތިންވަނަ ސެޓުގައި ސިފައިން ކުޅުން ރަނގަޅުކުރި ނަމަވެސް، ވެމްކޯއިން ވަނީ 25-21 އިން ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވެފަައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ ވިނީތު ކުމާރެވެ.
ވެމްކޯއިން ތިންވަނަ ސެމީއިން ޖާގަ ހޯދީ ފުރަތަމަ ސެމީގައި 3-1 ގެ ނަތީޖާއަކުން ޕޮލިސް ބަލިކުރުމަށްފަހުއެވެ. ދެވަނަ ސެމީގައި އާބަންކޯ އަތުން ބަލިވުމުން ސީދާ ފައިނަލަށް ދިޔުމުގެ ފުރުސަތު ސިފައިންނަށް ގެއްލުނީއެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ ނުވަ ޓީމެއް ވަނީ ބައިވެރިވެފައެވެ. ވެމްކޯ އާއި އާބަންކޯ ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 20:30 ގައެވެ.