ފަސް ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމަށް ކުރިމަތިލުމަށް ހުޅުވާލައި ކުރި އިއުލާނުގެ ދަށުން, މަގާމްތަކަށް ކުރިމަތިލެއްވި ފަރާތްތަކާ "ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"ން އިންޓަރވިއު ކުރުމަށްފަހު، ހޮވުނު ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ.
މަގާމުގެ ފަތްކޮޅު ދެއްވާފައިވަނީ ކޮމިޝަނުގެ ރައީސް އަލްއުސްތާޒާ ހިސާން ހުސައިނެވެ.
އެގޮތުން، ށ ޖުޑީޝަލް ދާއިރާއަށް އައްޔަންކުރުމަށް ކޮމިޝަނުން ނިންމާފައިވަނީ 2010 މޭ 30 ވަނަ ދުވަހު ފަނޑިޔާރުކަމަށް އައްޔަންކުރެވުނު ށ. މިލަންދޫ، ކެތީހައުސް، އަލްއުސްތާޒު ހަސަން ޝިޔާމެވެ. އަލްއުސްތާޒު ހަސަން ޝިޔާމް ހުންނެވީ ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގައެވެ.
1996 ފެބްރުއަރީ 13 ވަނަ ދުވަހު ފަނޑިޔާރުކަމަށް އައްޔަންކުރެވުނު ނ. ޅޮހީ، ސަންޝައިން، އަލްއުސްތާޒު އަހުމަދުގެ ހަސަން މަނިކު ވަނީ, ނ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމަށް އައްޔަންކޮށްފައެވެ. ދާއިރާ އިސް މެޖިސްޓްރޭޓްކަމަށް އައްޔަންކުރެވުނުއިރު އަލްއުސްތާޒު އަހުމަދު ހަސަން ހުންނެވީ ނ. ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގައެވެ.
ބ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމަށް ކޮމިޝަނުން އައްޔަންކުރުމަށް ނިންމާފައިވާ ބ. މާޅޮސް، ނަފާޕެލަސް، އަލްއުސްތާޒު އަބްދުއްރަޝީދު ޔޫސުފަކީ 1995ން 1998ށް ފަނޑިޔާރުކަމުގައި ހުންނަވައި، ވަކިވެވަޑައިގަތުމަށްފަހު 2013 ޖަނަވަރީ 08 ވަނަ ދުވަހު އަލުން ފަނޑިޔާރުކަމަށް އައްޔަންކުރެވިފައިވާ ބޭފުޅެކެވެ. މި ބޭފުޅާ ހުންނެވީ ބ. މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގައެވެ.
ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމުގައި ހުންނެވި ބ. ކިހާދޫ، ގާރޑެނިޔާވިލާ، އަލްއުސްތާޒު އަލީ ނަސީރަކީ 1994 އޮކްޓޫބަރު މަހުގެ 09 ވަނަ ދުވަހު ފަނޑިޔާރުކަމަށް އައްޔަންކުރެވިފައިވާ ބޭފުޅެކެވެ. މިބޭފުޅާ ހަމަޖެއްސުމަށް ނިންމާފައިވަނީ ވ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށެވެ.
މ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމަށް އައްޔަންކުރުމަށް ނިންމާފައިވާ މ. ކޮޅުފުށި، ލިލީމާގެ، އަލްއުސްތާޒު އަހުމަދު ނަޖީބަކީ މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓެވެ. އަލްއުސްތާޒު އަހުމަދު ނަޖީބު ފަނޑިޔާރުކަމަށް އައްޔަންކުރެވިފައިވަނީ، 2003 މާރިޗު 23 ވަނަ ދުވަހުއެވެ.