ރ. ފުއްގިރި ހިޔާނާތުގެ މައްސަލާގައި، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރައްވާފައިވާ މައްސަލައިގެ ހުކުމްކުރުން މިރެއަށް ތާވަލްކޮށްފިއެވެ.
އެ މައްސަލަ ތާވަލްކޮށްފައިވަނީ މިރޭގެ 08:30ށެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދެވެ.
މި މައްސަލާގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ޔާމީނުގެ ފަރާތްޕުޅުން އިސްތިއުނާފީ ނުކުތާތައް ވަނީ ހުށަހަޅުއްވާފައެވެ. އެއީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭގޮތުން ދަށު ކޯޓުން ނިންމި ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރެއްވުމުން، ހައިކޯޓުންވެސް ދަށު ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައިވާތީ ހުށަހަޅުއްވާފައިވާ އިސްތިއުނާފީ ނުކުތާތަކެކެވެ.
ޔާމީނުގެ ފަރާތްޕުޅުން ހައިކޯޓަށް 3 ނުކުތާއެއް ހުށަހަޅުއްވާފައިވެއެވެ. އޭގެތެރޭގައި ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިތައް ޝަރީއަތަށް ބަލައިނުގަތުމަށް ޔާމީނުގެ ފަރާތްޕުޅުން އެދިވަޑައިގަތުމާއި، އެ ހެކިތައް ބަލައިނުގަންނަންވީ ސަބަބެއް އޮތްކަމަށް ނުފެންނަކަމަށް ދަށު ކޯޓުން ނިންމުމާ ގުޅިގެން އިސްތިއުނާފުކުރެއްވި ނުކުތާ ވަނީ ހުށަހަޅުއްވާފައެވެ. މީގެ އިތުރުން ހެތްކާބެހޭ ގާނޫނުގައި، ހެކި ބަލައިގަތުމާ ގުޅޭގޮތުން، އިސްތިއުނާފުކުރާ ފަރާތަށް މަސްލަހަތު ބޮޑު ފުރުސަތުތަކެއް އޮތްއިރު، އަލަށް އަމަލުކުރަންފެށި ގާނޫނުގައި ވާ ގޮތުގެ މަތިން، ހެކި ބަލައިގަތުމުގެ ފުރުސަތު ނުލިބޭކަމަށް ބަޔާންކުރައްވާފައިވެއެވެ.
ތިންވަނަ ނުކުތާއެއްގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ, ހެކި ހާމަކޮށްދިނުމަށް އެދި ހުށަހެޅުމާ ގުޅޭގޮތުން ގޮތް ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 129 ވަނަ މާއްދާ ނުބައިކޮށް މާނަކޮށްފައިވާކަމަށް ބަޔާންކުރައްވައި ހުށަހެޅުއްވި ނުކުތާއެކެވެ. ޔާމީނުގެ ފަރާތްޕުޅުން ވަނީ، އަދީބާއި ޒިޔަތަކީ ޔާމީނާމެދު އަދާވަތްތެރިކަން އޮތް ފަރާތްތަކެއްކަން ބަޔާންކުރައްވައި، އެމީހުންގެ ހެކިބަސް ބަލައިނުގަތުމަށް އެދިވަޑައިގެންފައެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލަ ކުރިއަށްގެންދަނީ އަހުމަދު ކްރިކް ރިޒާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައާ އެކުގައެވެ.