ކ. މާލެ
|
15 މެއި 2023 | ހޯމަ 14:41
ފޯޅަވަހި މައްސަލައިގައި އެކުލަވާލި އިއްތިހާދުން އާދިއްތަ ދުވަހުގެރޭ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި
ފޯޅަވަހި މައްސަލައިގައި އެކުލަވާލި އިއްތިހާދުން އާދިއްތަ ދުވަހުގެރޭ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި
އަދަދު
ފޯޅަވަހި ކޯލިޝަން
ފޯޅަވަހި ކޯލިޝަންގެ މަންޒަރުން ޤާސިމް ފަނޑުވި ސަބަބަކީ ކޮބާ؟
މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވާ ގޮތަށް އޮތީ މުޅިން އެހެން ބޭފުޅުންތަކެއް
ބައްދަލުވުމުގައި ތިއްބެވި އެއް ބޭފުޅަކު ދައްކަވާ ވާހަކައަކާ ދެން ތިއްބެވި ބޭފުޅުން ދައްކަވާ ވާހަކައަކާ ދިމަލެއް ނުވޭ
ގާސިމް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅު ނުވާކަން މާ ކުރިންސުރެ ދިޔައީ ފެންނަމުން

ޗާގޯސް މައްސަލައާ ގުޅިގެން ސަރުކާރާ ދެކޮޅު ޕާޓީތަކުން އެކުވެ މަސައްކަތްކުރުމަށް މިވަނީ އިއްތިހާދެއް އެކުލަވާލާފައެވެ. އިއްތިހާދަށް ދީފައިވާ ނަމަކީ "ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދު" އެވެ.

މި އިއްތިހާދުން އާދިއްތަ ދުވަހުގެރޭވެސް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. ނަމަވެސް ނޫސްވެރިންގެ ބައްދަލުވުން ފެށި ނިމިގެން ދިޔައިރު ފެނުނީ އާދަޔާ ޚިލާފު މަންޒަރެކެވެ. ބައްދަލުވުމުގައި ތިއްބެވި އެއް ބޭފުޅަކު ދައްކަވާ ވާހަކައަކާ ދެން ތިއްބެވި ބޭފުޅުން ދައްކަވާ ވާހަކައަކާ ދިމަލެއް ނުވެއެވެ. މުޅި ނޫސްވެރިންގެ ބައްދަލުވުން ނިމިގެން ދިޔައިރު ހާމަވެގެން ދިޔަ އެއްޗަކީ ޗާގޯސް މައްސަލައިގެ ނިންމުމާ ގުޅޭގޮތުން ހުދު މި އިއްތިހާދުގެ މެމްބަރުންވެސް އެއްގަލަކަށް ނާރާ ކަމެވެ.

މިހެން ދިމާވާން ޖެހުނީ ސަބަބެއް ނެތިއެއް ނޫނެވެ. މި ދިމާވީ ތައްޔާރުނުވެ އިމްތިހާނަކަށް ވަނުމުން، ނުވަތަ ކުއްލިއަކަށް ޓީވީ ޕްރޮގްރާމަކަށް އަރަން ޖެހުމުން ވާ ކަހަލަ ގޮތެކެވެ.

ނޫސްވެރިންގެ ބައްދަލުވުން އޮތް ދުވަހުގެ އިރުއޮއްސުމާއި ހަމައަށްވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވާ ގޮތަށް އޮތީ މުޅިން އެހެން ބޭފުޅުންތަކެކެވެ. "ފިކުރެއްގެ ދިރުމުގެ" އިސްކޮށް އުޅުއްވާ މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއި، އެމްއެންޕީގެ ލީޑަރު ކާނަލް މުޙައްމަދު ނާޒިމްއެވެ.

ނަމަވެސް ގާސިމް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުނުވާކަން މާ ކުރިންސުރެ ދިޔައީ ފެންނަމުންނެވެ. ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. ގާސިމް ބޭނުންފުޅުވީ މި އިއްތިހާދުގެ އިސްކޮށް ޙަރަކާތްތެރިވާ ބޭފުޅަކީ ގާސިމް ގޮތުގައި ފެންނާށެވެ. ނަމަވެސް އެ ގޮތް އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަކަށް ހެވެއް ނޫނެވެ.

ޔާމީނު ބޭނުންފުޅުވީ ފޯޅަވަހި އިއްތިހާދުގެ ޙަރަކާތުގެ އިސްކޮށް އުޅުއްވާ ބޭފުޅެއްގެ ގޮތުގައި ކުރީގެ ބަންޑާރަނާއިބް ޑރ މުހައްމަދު މުނައްވަރު ފެނިގެންދާށެވެ. ފަހަރުގައި މިވަގުތު އޮތް ސަރުކާރާ އިދިކޮޅަށް ސިޔާސީ ގޮތުން ހިންގާ އެންމެ ބޮޑު އެއް ޙަރަކާތުގައި އެހެން ސިޔާސީ ޕާޓީއެއްގެ ލީޑަރެއް ފެނުމަކީ ޔާމީނުގެ އޮފްކަން ގެއްލިގެން ގޮސްދާނެ ކަމެއްކަމަށް ހުދު ޔާމީނަށްވެސް ޤަބޫލު ކުރެއްވެނީ ކަމަށްވެދާނެއެވެ.

ކޮންމެއަކަސް އެހިސާބުން ގާސިމް މަޑުމަޑުން ފެޔަށް ޖެހިވަޑައިގަންނަވަން ފެއްޓެވީއެވެ. އާދިއްތަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމަށްވެސް ގާސިމް ވަޑައިނުގަންނަވަން ނިންމެވީއެވެ. އެހިސާބުން ނަޝީދުވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވަން ނިންމެވީއެވެ.

ދެން ހުންނެވީ ކާނަލް ނާޒިމްއެވެ. ސިޔާސީ ޕާޓީތަކުގެ އިސްކޮށް އުޅުއްވާ އިދިކޮޅުގެ މި އިއްތިހާދުގައި އެންމެ ނަގާކިޔާ ނަޝީދާއި ގާސިމް މި ބައްދަލުވުމަށް ވަޑައިނުގަންނަވާތީ ނާޒިމްވެސް ނިންމެވީ މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގެންނެވުމަށެވެ.

އެހިސާބުން ދެން ޖެހުނީ އެގަހު ކޭލެއް މިގަހު ކޭލެއް ނުބަލައި، އަވަހަށް ނޫސްވެރިންގެ ބައްދަލުވުމަށް މީހުން ހަމަކުރާށެވެ. ކުއްލި ގޮތަކަށް ނޫސްވެރިންގެ ބައްދަލުވުމަށް އަރާވަޑައިގެން އެކި ފިކުރުގެ އެކި ބޭފުޅުން ވާހަކަ ދެއްކެވިއިރު، ބަލަން ތިބި މީހުންނަށްވެސް އެތަކެއް ސުވާލުތަކެއް އުފެދުނެވެ. އެއް ބޭފުޅަކު ވިދާޅުވީ ބޯޑަރު މައްސަލައިގައި ކުރި ލިބުނީ މޮރިޝަސްއަކަށް ނޫން ކަމަށެވެ. އިންޑިއާއަށް ކަމަށެވެ.

އެ ނޭވާގައި ހުންނަވަނިކޮށް ދެން އިން ބޭފުޅާ މައިކު ކައިރި ކުރައްވައި ވިދާޅުވަނީ އެއީ ހަގީގަތެއް ނޫން ކަމަށެވެ. މިކަމާ އިންޑިއާއާ ގުޅުމެއް ނެތް ކަމަށެވެ. ދެން އިންނެވި ބޭފުޅާ ވިދާޅުވަނީ ހިޔާލުތަފާތުވަނީ މި މައްސަލައިގެ ތަފްސީލުގައިކަމަށެވެ. ނުކުތާތައް އެއްގޮތް ކަމަށެވެ.

ކޮންމެއަކަސް، މި ނޫސްވެރިންގެ ބައްދަލުވުމުން ސާފުވި އެއްކަމެއް އޮތެވެ. އެއީ މިއީ ސީދާ ސިޔާސީ ޙަރަކާތެއް ކަމެވެ. ރިޔާސީ ރޭހަށް ދޮންކޮށް ފައްކާކުރާނެ ލީޑަރަކަށް ތިމާ ނުވަތަ ތިމާ ތާއީދު ކުރާ މީހާ ހެދުމުގެ މަޤްސަދުގައި ނުކުމެ އުޅޭ ބައެއްކަމެވެ. ހެއްވާ ކަމެކެވެ.

- ކޮމެންޓް