ކ. މާލެ
|
15 މެއި 2023 | ހޯމަ 07:44
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފާލަންޑު މެންޑީ
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފާލަންޑު މެންޑީ
ރޮއިޓަސް
އާސެނަލް
ރެއާލްގެ މެންޑީ ހޯދުމަށް އާސެނަލުން މަސައްކަތް ކުރަނީ
ރެއާލުން އޮތީ 17.5 މިލިއަން ޕައުންޑުގެ އަގަކަށް މެންޑީ ދޫކޮށްލުމަށް ތައްޔާރަށް

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ފާލަންޑް މެންޑީ ހޯދުމަށް އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލުން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 27 އަހަރުގެ މެންޑީ ރެއާލަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ހަދާފައި ވަނީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އެހެންކަމުން އެެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރު އެވެ. ރެއާލަށް ބަދަލުވެ މެންޑީ ވަނީ އެ ޓީމުގައި މޮޅު ކުޅުމެއް ވެސް ދައްކައިފަ އެވެ. ނަމަވެސް މި ސީޒަނުގެ ވަކި ހިސާބަކުން އަނިޔާވެ، ގިނަ ދުވަސްތަކެއް ވަންދެން އޭނާ ވަނީ ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ. ނަމަވެސް އަނިޔާ އިން ރަނގަޅުވެ އަނެއްކާ ވެސް މެންޑީ އަންނަނީ ރެއާލްގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެމުންނެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ކުރިއަށް އޮތް ސީޒަނަށް އާސެނަލުން އެ ޓީމު ވަރުގަދަ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، މެންޑީ އަކީ އެ ޓީމުން ބޭނުންވާ ކުޅުންތެރިޔެކެވެ. ޚާއްސަކޮށް ޔުއެފާ ޗެމްޕިއަންސް ލީގު ކުޅުމަށް ޓީމުގެ ސްކޮޑު ވަރުގަދަ ކުރާއިރު، ޑިފެންސް އަކީ އެންމެ އިސްކަމެއްދޭ އެއް ޑިޕާޓްމަންޓެވެ. ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން މެންޑީ ހޯދުމަށް އާސެނަލުން ކުރަމުން އަންނަ މަސައްކަތުގައި އެ ޓީމަށް ވަނީ "ފެހި ސިގްނަލް"އެއް ފެނިފަ އެވެ. މީގެ އިތުރުން ރެއާލުން އޮތީ 17.5 މިލިއަން ޕައުންޑުގެ އަގަކަށް މެންޑީ ދޫކޮށްލުމަށް ތައްޔާރަށް ކަމަށް ވެސް ބުނެފައިވެ އެވެ. ރެއާލާއެކު މެންޑީ ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮތް ނަމަވެސް، މެންޑީ ރެއާލް ދޫކޮށްލުމަކީ ވެސް ގާތް ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.

މީޣެ އިތުރުން މެންޑީ ހޯދުމުގެ ޝައުޤުވެރިކަން ޕްރިމިއާ ލީގުގެ ޓޮޓެންހަމުން ވެސް ގެންގުޅު ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މެންޑީ ބޭނުން ވަނީ ޗެމްޕިއަންސް ލީގުގައި ވާދަކުރާ ޓީމަކަށް ކުޅެން ކަމަށާއި، އެހެންކަމުން އާސެނަލަށް ބަދަލުވުމަކީ ގާތް ކަމެއް ކަމަށް ބުނެފައިވެ އެވެ.

- ކޮމެންޓް