2022 ވަނަ އަހަރު ފުރަތަމަ ލަފާކުރި މިންވަރަށް ވުރެ ބޮޑަށް، ރިއަލް ޖީޑީޕީ ކުރިއަރާފައިވާ ކަމަށް މެކްރޯ އެކޮނަމިކް އަޕްޑޭޓުން ދައްކައިފިއެވެ.
މެއި 2023 ގެ މެކްރޯ އިކޮނަމިކް އަޕްޑޭޓުގައި ބުނެފައިވަނީ ރާއްޖެއިން ވަނީ 2022 ވަނަ އަހަރު ފުރަތަމަ ލަފާކުރި މިންވަރު ފަހަނައަޅައި ރިއަލް ޖީޑީޕީގެ ކުރިއެރުން ވަރުގަދަކޮށް ހޯދާފައެވެ. ބަޖެޓް 2023 ގައި ލަފާކުރި ގޮތުގެ މެދުމިނުގެ ކޭސް ސިނާރިއޯއިން 2022 ވަނަ އަހަރަށް 12.3 ޕަސެންޓްގެ ކުރިއެރުމެއް ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް ކުއާޓަލީ ނޭޝަނަލް އެކައުންޓްތަކުން އަހަރީ އަދަދު ހުރީ 13.9 ޕަސެންޓުގައެވެ.
ޖީޑީޕީގެ ލަފާތަކުގައި ވެސް ފަތުރުވެރިކަމުގެ ދާއިރާއަށް އުންމީދީ، މެދުމިނުގެ އަދި، އެންމެ ދަށް، މި ތިން ކަމަށް ވެސް ބަލާފައިވެއެވެ. 2023 ވަނަ އަހަރަށް ބަލާއިރު، މި އަހަރުގެ އިސްލާހުކޮށްފައިވާ ބޭސްލައިން މިހާރު 9.4 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާއިރު، މިއީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 2023 ވަނަ އަހަރުގެ ބަޖެޓަށް ލަފާކުރި އުންމީދީ މަންޒަރަށް ވުރެ 1.1 ޕަސެންޓް އިތުރު އަދަދެކެވެ.
2024 ވަނަ އަހަރުގެ މެދުމިނުގެ ކޭސް ސިނާރިއޯގައި ރިއަލް ޖީޑީޕީ ކުރިއެރުމަކީ 6.0 ޕަސެންޓް ކަމަށާއި، މިއީ 2023 ވަނަ އަހަރުގެ ބަޖެޓް ޕްރޮޖެކްޝަނަށް ބަދަލެއް ނާންނަ ކަމަށް ވެސް ބުނެފައިވެއެވެ.
މީޑިއަމް ޓާމްގައި ރިއަލް ޖީޑީޕީ ގްރޯތް އެވްރެޖްކޮށް 6.8 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، މިއީ ފަތުރުވެރިކަމާއި، ދަތުރުފަތުރާއި، އިމާރާތްކުރުމާއި، މަސްވެރިކަން ފަދަ މުހިންމު ދާއިރާތަކުން ކުރިއަރާނެ ކަމެއް ކަމަށް ލަފާކޮށްފައިވެއެވެ.
މި ދާއިރާތަކުން ކުރިން ނުފެންނަ ކުރިއެރުންތަކެއް ފެނިފައިވަނީ، ފަތުރުވެރިން އަންނަ މިންވަރު އިތުރުވުމާއި، އިމާރާތްކުރުމުގެ ދާއިރާއިން ތަރައްޤީ އިތުރުވުމާއި، މަސްވެރިކަމުގެ ސިނާޢަތުގައި އުފެއްދުންތެރިކަން އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
ރާއްޖެއަށް ޕްރޮޖެކްޓް ކުރެވިފައިވާ ރިއަލް ޖީޑީޕީ ގްރޯތް މައްޗަށް ގެންނަ އިސްލާހުތަކުން ލަފާކުރެވޭ ވަރަށް ވުރެ އަވަސް ރިކަވަރީ އާއި ހަރުދަނާ ކުރިއެރުން ދައްކުވައިދޭ ކަމަށާއި މިއީ ގިނަ ނުރައްކާތަކާއި ގޮންޖެހުންތަކާ ކުރިމަތިލާއިރު އަޅާފައިވާ ފިޔަވަޅުތަކުގެ ވަރުގަދަކަމުން ދައްކުވައިދޭ ކަމެއްކަމަށް ބުނެފައިވެއެވެ.