ކ. މާލެ
|
14 މެއި 2023 | އާދީއްތަ 08:16
އީގަލްސް މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވެލެންސިއާގެ ކޯޗު ފެސްކޯ
އީގަލްސް މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވެލެންސިއާގެ ކޯޗު ފެސްކޯ
ދިވެހި ޕްރިމިއާ ލީގު
ވެލެންސިއާ ޓީމަށް އޮތް ދައްޗަކީ އޯލެވެލް އާއި އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް: ފެސްކޯ
 
ޓީމުގައި ތިބި 80 އިންސައްތަ ނުވަތަ 90 އިންސައްތަ ކުޅުންތެރިންނަކީ ވަރަށް ޒުވާން ކުޅުންތެރިން، ޚާއްސަކޮށް ސްކޫލް ކުދިން

ދިވެހި ޕްރިމިއާ ލީގުގައި ކުލަބު އީގަލްސްއާ ދެކޮޅަށް ނުކުންނައިރު، މިވަގުތު ކުލަބު ވެލެންސިއާ އަށް އޮތް ދައްޗަކީ އޯ ލެވެލް އިމްތިހާނާއި، އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް ކަމަށް އެ ޓީމުގެ ކޯޗު އަޙުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.

ލީގުގައި ވެލެންސިއާގެ ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ބަލިވެފަ އެވެ. އީގަލްސް މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ފެސްކޯ ބުނީ، ވެލެންސިއާ އަށް ކޮންމެ މެޗަކީ ވެސް މުހިންމު މެޗެއް ކަމަށެވެ. ޙާލަތު އޮތް ގޮތުން ވެލެންސިއާ އަކީ ލީގުގައި ރަނގަޅު ކުޅުމެއް ދެއްކުމުގެ އަޒުމު އަބަދު ވެސް ގެންގުޅޭ ޓީމެއްކަން ފާހަގަކޮށް އޭނާ ބުނީ، މިވަގުތަށް އުނދަގޫ ތަކެއް ހުރި ކަމަށެވެ. އެގޮތުން ޓީމުގައި ތިބި 80 އިންސައްތަ ނުވަތަ 90 އިންސައްތަ ކުޅުންތެރިންނަކީ ވަރަށް ޒުވާން ކުޅުންތެރިން ކަމަށާއި، ޚާއްސަކޮށް ސްކޫލް ކުދިން ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން އޯލެވެލް އިމްތިހާނު ފެށިގެން ކުރިއަށްދާ ކަމަށާއި، ވެލެންސިއާގެ ގިނަ ކުޅުންތެރިން އެ އިމްތިހާނުގައި ބައިވެރިވާ ކަމަށެވެ. އެހެންވެ އެ ކުޅުންތެރިންގެ ފަރިތަކުރުންތަކާ ކަންކަން ދަށް ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. މިވަގުތަށް އެކަން މެނޭޖުކުރަމުން އަންނަނީ އެ ކުޅުންތެރިންނަށް ވަރަށް ބޮޑު ލުޔެއް ދީގެން ކަމަށާއި، އެ ކުޅުންތެރިންނަށް ފަސޭހަ ގަޑިއަކު ފަރިތަކުރުންތަކަށް އައުމަށް ޓެކްނިކަލް ޓީމުން ވެސް ފުރުސަތު ދީފައިވާނެ ކަމަށް ފެސްކޯ ބުންޏެވެ.

ވެލެންސިއާ އަށް ދެން އޮތް ގޮޖެހުމަކީ އާދިއްތަ ދުވަހު ފަށާ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް ކަމަށް ފެސްކޯ ވަނީ ބުނެފަ އެވެ. އެ މުބާރާތުގައި ވެސް ވެލެންސިއާގެ ވަރަށް ގިނަ ކުޅުންތެރިން ބައިވެރިވާ ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް މެޗަށް ތައްޔާރުވުމަށް ވެލެންސިއާ އަށް މިއީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ. ޚާއްސަކޮށް ވެލެންސިއާ އިން ބޭނުންވާ ކުޅުންތެރިން ގިނަ ފަހަރު ލިބެން ނެތް ކަމަށާއި، މުބާރާތުގައި ބައިވެރިވިއިރު ވެސް އެކަން އެނގޭ ކަމަށެވެ. އެ ކުޅުންތެރިންނާއެކު މިހާ ހިސާބަށް އައިއިރު މިހާލަތު އައިސްދާނެކަން ވެސް އެނގޭ ކަމަށާއި، ތައްޔާރުވަމުން އައީ ވެސް އެގޮތަށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ނަމަވެސް ފެސްކޯ ބުނީ އަބަދުވެސް ކުޅުންތެރިންނަށް ފުރިހަމަ އަށް އިތުބާރު ކުރާ ކަމަށާއި، އެ ކުޅުންތެރިން ކުޅެމުން އަންނަނީ އޭނާ އާއި އޭނާގެ ޓެކްނިކަލް ޓީމުން ހިތްހަމަޖެހޭ ވަރަށް ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ މެޗަކަށްފަހު މެޗެއް އެ ކުޅުންތެރިން ކުޅުން ރަނގަޅުވަމުން އަންނަތަން ފެންނަ ކަމަށެވެ. ޚާއްސަކޮށް ކުޅުންތެރިންގެ އިތުބާރު ވަރަށް ބޮޑަށް އުފެދެމުން އަންނަ ކަމަށާއި، މެޗުގައި ދިމާވާ ހާލަތްތަކުގައި ބިރަކާ ނުލާ ދިމާކޮށްލަން ކެރުމަކީ އެ އުމުރުގައި ކުޅުންތެރިންގެ ފަރާތުން ފެނުމުން ކޯޗަކަށް ހިތްހަމަޖެހުން ލިބޭނެ އެއް ކަންތައް ކަމަށް ފެސްކޯ ބުންޏެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ކުޅުންތެރިންގެ ފަރާތުން ހެދެމުން އަންނަ ގޯސްތައް މެޗަކަށްފަހު މެޗެއް އަންނަނީ ރަނގަޅުވަމުންނެވެ. އެއާއެކު ޓީމެއްގެ ގޮތުގައި ކުޅޭ މަންޒަރު އެއް މެޗުން އަނެއް މެޗުގައި ފެންނާނެ ކަމަށާއި، ނަމަވެސް މިވަގުތަށް ހުރި ދަތިތަކާއެކު އެންމެ ބޭނުންވާ ޓީމު ތައްޔާރުކޮށް އަދިވެސް ދަނޑު މައްޗަށް ނުނެރޭވެ ކަމަށް އޭނާ ބުންޏެވެ.

ހަމަގައިމު ވެސް މެޗަކަށްފަހު މެޗެއް، ހެދެމުން އަންނަ މިސްޓޭކުތައް މަދުވަމުން އަންނަނީ. ޓީމެއްގެ ސިފައިގައި ކުޅޭތަން ހަމަ ގައިމު ވެސް މެޗަކަށްވުރެ މެޗަކުން ރަނގަޅުވަމުން މި ދަނީ. އަދިވެސް އެއް ފަހަރު ފާހަގަކޮށްލަން ބޭނުންވަނީ މިވަގުތަށް ހުރި ޑިފިކަލްޓީސްތަކާއެކު އެންމެ ރަނގަޅު، އަޅުގަނޑުމެން އެންމެ ބޭނުންވާ ޓީމު މިއުޅެނީ ތައްޔާރުކޮށް ދަނޑު މައްޗަށް ނުނެރެވިގެން.
އަޙުމަދު މުޖުތަބާ (ފެސްކޯ) / ކުލަބު ވެލެންސިއާގެ ކޯޗު

ނަމަވެސް ފެސްކޯ ޤަބޫލު ކުރާ ގޮތުގައި ވެލެންސިއާ ކުޅުންތެރިންގެ އޯލެވެލް އިމްތިހާނު ނިމުމާއެކު، އެ ކުޅުންތެރިން ސިކުނޑި ތާޒާ ވެގެން ދާނެ އެވެ. އެހެންކަމުން އެއީ ވެލެންސިއާގެ ފަރިތަކުރުންތަކަށް ލިބޭނެ ކުރިއެރުމެއް ކަމަަށް އޭނާ ދެކެ އެވެ. މީގެ އިތުރުން އެތުލެޓިކްސސް މުބާރާތުގައި ވެސް ބައިވެރިވާ ވެލެންސިއާގެ މުހިންމު ކުޅުންތެރިންނަށް ކާމިޔާބަށް އެދޭ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އޭނާ ބުނީ ވެލެންސިއާގެ ޓާގެޓަކީ ކުޅުންތެރިން ހަމައެކަނި ފުޓުބޯޅަ އަށް ހޭނުން ނޫން ކަމަށާއި، އެ ކުޅުންތެރިންނަށް ދެވެން ހުރި ހުރިހާ ދިމާލަކުން ކުރިއަށް ދިޔުމުގެ ފުރުސަތު ވެލެންސިއާ އިން ދޭނެ ކަމަށެވެ.

އިތުރަށް އޭނާ ބުނީ އަބަަދުވެސް ވެލެންސިއާގެ ޓާގެޓަކީ ކުރީ އަހަރަށްވުރެ ރަނގަޅު ނަތީޖާއެއް ނެރުން ކަމަށެވެ. އެހެންކަމުން މިއަހަރު ވެސް ޓާގެޓަކީ މިދިޔަ އަހަރަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރުން ކަމަށާއި، އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް ހުންނާނެ ކަމަށެވެ. އެހެންކަމުން މަޑުމަޑުން އެކަން ފުރިހަމަ ކުރާއިރު، ވެލެންސިއާގެ ސަޕޯޓަރުން އުންމީދު ކުރާ ވަރުގެ ޓީމެއް ފެންނާނެ ކަަމަށް ވެސް އޭނާ ބުންޏެވެ. މީގެ އިތުރުން އެއް ޓީމަކާ ދެކޮޅަށް ދެ ވަނަ ފަހަރަށް ނުކުންނައިރު، އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފެސްކޯ ބުނީ އެއީ އެޑްވާންޓޭޖަކަށް ވެސް ނުވަތަ ޑިސްއެޑްވާންޓޭޖަކަށް ވެސް ވެދާނެ ކަމަށެވެ. އެކަމުގައި ދެ ގޮތް ވެސް އޮންނާނެ ކަން ފާހަގަކުރަމުން ފެސްކޯ ބުނީ، ވެލެންސިއާ އިން އަބަދު ވެސް ވިސްނާނީ ޕޮޒިޓިވްކޮށް ކަމަށެވެ.

ވެލެންސިއާ އިން އީގަލްސްއާ ދެކޮޅަށް ނުކުންނާނީ އާދިއްތަ ދުވަހުގެ ރޭ 21:00ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް