ފުރަތަމަ ފަހަރަށް ރާއްޖޭގެ ނޮމިނަލް ޖީޑީޕީ 100 ބިލިއަން ރުފިޔާ ހުރަސްކުރާނެކަމަށް، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ، ފުރަތަމަ ފަހަރަށް ރާއްޖޭގެ ނޮމިނަލް ޖީޑީޕީ 100 ބިލިއަން ރުފިޔާ ފަހަނައަޅައި ދާނެކަމަށެވެ. މިއީ ރާއްޖެއަށް ކުރިމަތިވެފައިވާ ގިނަ ކާރިސާތަކަށް ބެލުމެއްނެތި، އެއްވަރަކަށް ކުރިއެރުން ހޯދުމަށް ސަރުކާރުން ގެންގުޅޭ ރަނގަޅު މެކްރޯ އިގްތިސާދީ ސިޔާސަތުތަކުގެ ހެކިތަކެެއް ކަމަށެވެ.
އަމީރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ފެންނަމުން އަންނަ ނަތީޖާތަކާއި، ގުޅުންހުރި އެހެން ދާއިރާތަކަށް ޕޮޒިޓިވް ސްޕިލްއޯވަރގެ ސަބަބުން، 2023 ވަނަ އަހަރުގެ މައްޗަށް ދާނެކަމަށް ރިވައިޒްކޮށްފައިވަނީ، ކުރިން ލަފާކުރި ވަރު ކަމަށެވެ. އަދި މެދު ރާސްތާގައިވެސް އިގްތިސާދީ ކުރިއެރުން މައްޗަށް ގޮސްފައި އޮންނާނެ ކަމަށް ބެލެވޭ ކަމަށް އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއި, ޗައިނާއިން ބޭރަށް ދަތުރުކުރުން މަނާކުރި ނަމަވެސް، 2021 ވަނަ އަހަރާ އަޅާބަލާއިރު 2022 ވަނަ އަހަރު ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު 26.7 އިންސައްތަ އިތުރުވެ، 1.68 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި މިއީ 2019 ވަނަ އަހަރު ފެނުނު ޕްރީ ޕެންޑެމިކް ލެވެލްގެ 98.4 އިންސައްތަ ކަމަށް އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިއަހަރުވެސް ފަތުރުވެރިކަމުގެ ދާއިރާގެ ޕަރފޯމަންސް ވަރުގަދަވެ، މިއަހަރުގެ ފެށުނީއްސުރެ މިއަދާ ހަމައަށް ރާއްޖެ އައި މީހުންގެ އަދަދު 2022 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 17.5 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.
މީގެ އިތުރުން އާ ފްލައިޓް ރޫޓްތައް ފެށުމާއި، ޗައިނާގެ މާކެޓް ރަނގަޅުވަމުންދާކަމުގެ ހެޔޮ އިޝާރާތްތަކަށް ބަލާއިރު، 2023 ވަނަ އަހަރަށް 1.81 މިލިއަން އެރައިވަލް ލަފާކުރި ނަމަވެސް، 2023 ވަނަ އަހަރު އަންނާނެ އަންދާޒާކުރި އަދަދު މިހާރު މައްޗަށް ޖައްސާލާފައިވާ ކަމަށެވެ. އެގޮތުން މިހާރު 1.81 މިލިއަނުން 1.93 މިލިއަން ފަތުރުވެރިން އަންނާނެކަމަށް ވަނީ ލަފާކޮށްފައެވެ.