ކ. މާލެ
|
13 މެއި 2023 | ހޮނިހިރު 12:33
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު، އިމްރާން ޚާން
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު، އިމްރާން ޚާން
ހިންދުސްތާނީ ޓައިމްސް
އިމްރާން ޚާން ހައްޔަރުކުރުން
އިމްރާން ޚާން ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލައިފި
އެއްވެސް ދައުވާއަކާ ގުޅިގެން، 17 މެއިގެ ނިޔަލަށް އޭނާ ހައްޔަރު ނުކުރެވޭނެ
އޭނާގެ މައްޗަށް އުުފުލާފައިވާ ދައުވާތައް އެގޮތުގެ މަތިން ދެމި އޮންނާނެ
އިމްރާން ޚާން ވިދާޅުވީ، ފުލުހުން އޭނާ ހައްޔަރުކުރީ ޓެރަރިސްޓެއްހެން ކަމަށް

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން، ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލައިފިއެވެ.

ހުކުރު ދުވަހު އިމްރާން ޚާން ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާއިރު، ކޯޓުން ބުނެފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ފަހުން ކޯޓަށް ހުށަހަޅާފައިވާ އެއްވެސް ދައުވާއަކާ ގުޅިގެން، 17 މެއިގެ ނިޔަލަށް އޭނާ ހައްޔަރު ނުކުރެވޭނެ ކަމަށެވެ.

އެހެންނަމަވެސް އޭނާގެ މައްޗަށް އުުފުލާފައިވާ ދައުވާތައް އެގޮތުގެ މަތިން ދެމި އޮންނާނެއެވެ.

އިމްރާން ޚާން ވިދާޅުވީ، ފުލުހުން އޭނާ ހައްޔަރުކުރީ ޓެރަރިސްޓެއްހެން ކަމަށާއި، އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރު "ކިޑްނެޕް" ކޮށްފައިވަނީ އެންމެންގެ ކުރިމަތީގައި ކަމަށެވެ.

އިމްރާން ޚާންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަަމަ އޭނާއަށް އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލޭނެއެވެ.

އިމްރާން ޚާން ކަފާލާތުގެ ދަށުން ދޫކޮށްލާފައި މިވަނީ, އޭނާ ހައްޔަރުކުރީ ރަނގަޅަށް ނޫންކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުންވެސް ނިންމާފައިވަނިކޮށެވެ.

އެގައުމުގެ ޕެރަމިލިޓަރީ ފުލުހުންގެ ގިނަ އަދަދެއްގެ ބަޔަކު ނިކުމެ އިމްރާން ހައްޔަރުކުރީ ކޮރަޕްޝަންގެ ތުހުމަތެއްގައި ހައިކޯޓަށް ހާޒިރުވެވަޑައިގެންނެވި ވަގުތު، އެތަނުގައެވެ.

މިދިޔަ އަހަރު މަގާމުން ވަކިކުރެވުނުފަހުން އިމްރާން ޚާންގެ މައްޗަށް ވަނީ ކޮރަޕްޝަންގެ އެތައް ދައުވާއެއް އުފުލާފައެވެ. އަދި އެންމެފަހުން މޭ 1 ވަނަ ދުވަހު އެންޓިކޮރަޕްޝަން ބިއުރޯއިން ވަނީ އިމްރާން ހައްޔަރުކުރުމުގެ އަމުރެއްވެސް ނެރެފައެވެ.

އިމްރާން ހައްޔަރުކުރުމަށް، ރޭންޖަރސް ކިޔާ ފުލުހުންގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އިސްލާމްއާބާދުގެ ހައިކޯޓަށް ބާރާއެކު ވަދެގެންފައެވެ. އަދި އެތަނުގެ ވަކީލުންނާއި އެހެންވެސް މުވައްޒަފުންނަށް އެކި "އަނިޔާ"ތައް ކުރިކަމަށްވެސް ޚަބަރުތައް ބުނެއެވެ. ރޭންޖަރސް ބާރުގެ ބޭނުންކޮށް، އިމްރާން ހުންނެވި ތަނަށް ވަނުމަށްފަހު އިމްރާން ވަށާލައި، ކޮއްޕަމުން ކަހަލަ ގޮތަކަށް ނެރެ، އެމީހުންގެ ވެހިކަލަކަށް އަރުވާ މަންޒަރު ފެންނަ ވީޑިއޯއެއް، ޕީޓީއައިގެ އެކައުންޓުން ޓްވީޓްކޮށްފައި ވެއެވެ. 

އުމުރުފުޅުން 70 އަހަރުގެ އިމްރާން ޚާން މަގާމުން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ އެޕްރިލްމަހު މަޖިލީހުގައި ނެގުނު، އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ. އެދުވަހުން ފެށިގެންވެސް އޭނާ ގެންދަވަނީ އަވަސް އިންތިޚާބަކަށް ގޮވާލައްވައި ކެމްޕެއިން ކުރައްވަމުންނެވެ.

މިހާރު އޮތް ގޮތުން ޕާކިސްތާނުގެ އިންތިޚާބް ބާއްވާނީ އަންނަ އޮކްޓޯބަރު މަހުއެވެ.       

- ކޮމެންޓް