ކ. މާލެ
|
3 ޖޫން 2024 | ހޯމަ 23:01
ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު ކޯޓަށް ހާޒިރުވެވަޑައިގަންނަވަނީ (ފައިލް ފޮޓޯ)
ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު ކޯޓަށް ހާޒިރުވެވަޑައިގަންނަވަނީ (ފައިލް ފޮޓޯ)
ރޮއިޓާސް
އިމްރާން ޚާންގެ ހުކުމް
ދައުލަތުގެ ސިއްރު ލީކް ކުރި ކަމަށް އިމްރާން ޚާންގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލް ކޮށްފި
އިތުރު ހުކުމެއް އޮތުމާއެކު އަދިވެސް އިމްރާން ހުންނަވާނީ ޖަލުގައި

ދައުލަތުގެ ސިއްރު މައުލޫމާތު ލީކް ކުރި ކަން ސާބިތުވާ ކަމަށް ބުނެ ޕާކިސްތާނުގެ ކޯޓަކުން އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން އާއި ކުރީގެ ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރެއިޝީގެ މައްޗަށް ކޮށްފައިވާ ހުކުމް ޕާކިސްތާނުގެ ހައިކޯޓުން ބާތިލް ކޮށްފިއެވެ.

މި ދެބޭފުޅުންގެ މައްޗަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކުރީ މި އަހަރުގެ ޖެނުއަރީ މަހު އެ ގައުމުގެ އާއްމު އިންތިޚާބަށް ކުޑަތަން ވެފައި ވަނިކޮށް ރާވަލްޕިންޑީގެ ޖަލުގައި ގާއިމް ކުރި ޚާއްސަ ކޯޓަކުން މައްސަލަ ބެލުމަށްފަހުގައެވެ.

އިމްރާން ޚާން ލީކު ކުރެއްވި ކަމަށް ބުނާ ދައުލަތުގެ ސިއްރަކީ އޭޕްރީލް 2022 ގައި އޭނާ މަގާމުން ދުރުކުރީ ޕާކިސްތާނުގެ އަސްކަރިއްޔާ އާއި އެމެރިކާ ގުޅިގެން ރޭވި ރޭވުމެއްގެ ދަށުންކަން ސާބިތު ކުރުމަށް އޭނާ ހާމަ ކުރެއްވި ޑިޕްލޮމެޓިކް މެއިލެކެވެ. އޮފިޝަލް ސީކްރެޓްސް އެކްޓްގެ ދަށުން ގާއިމް ކުރި ޚާއްސަ ކޯޓުން މައްސަލަ ބެލުމަށް ފަހު ކުރި ހުކުމުގައިވަނީ އެމެރިކާއަށް ޕާކިސްތާނުން ކަނޑައަޅާފައި ހުންނެވި ކުރީގެ ސަފީރު ފޮނުއްވި އެ ލިޔުން ހާމަ ކުރުމަކީ ދައުލަތުގެ ސިއްރެއް ހާމަ ކުރުން ކަމަށެވެ.

އިމްރާންޚާން އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތައް ތަކުރާރު ކޮށް ދޮގު ކުރައްވަމުން ވިދާޅުވެފައިވަނީ، އޭނާ މަގާމުން ވަކި ކުރީ ޕާކިސްތާނުގެ ސިޔާސީ ވާދަވެރިންނާއި، އަސްކަރިއްޔާގެ ވެރިންން އެމެރިކާގެ އެހީތެރިކަން ހޯދައިގެން ރޭވި ރޭވުމުއްގެ ދަށުންކަން އެނގޭ ހެކި އެ ލިޔުމުގައި ވާކަމަށެވެ.

އިމްރާން ޚާން ގެ މި ވާހާކަތައް އެމެރިކާ އިންވެސް އަދި ޕާކިސްތާނުގެ އަސްކަރިއްޔާ އިންވެސް ވަނީ ދޮގުކޮށްފައެވެ.

ކުރީގެ ކްރިކެޓް ތަރި އިމްރާން ޚާން ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވީ އޮގަސްޓް 2018ން އޭޕްރީލް 2022އަށެވެ. އޭނާ އަށް މަގާމް ގެއްލުނީ ގާނޫނު ހަދާ މަޖިލީހުގައި ނެގި އިތުބާރު ނެތް ކަމުގެ ވޯޓާއެކުގައެވެ. ހުސްވި އަހަރުގެ އޮގަސްޓް މަހުން ފެށިގެން އެކި ބާވަތުގެ ކުށުގެ ތުހުމަތުގައި ކުރެވޭ ޝަރީއަތްތަކުގެ ސަބަބުން އޭނާ ހުންނަވަން ޖެހިފައިވަނީ ޖަލުގައެވެ.

އިސްލާމް އާބާދުގެ ހައިކޯޓުން އިމްރާން ޚާންގެ މައްޗަށް ކުރި ހުކުމް ބާތިލް ކުރި ކަމުގައި ވިޔަސް އަދިވެސް އެހެން ހުކުމެއް އޮތުމާއެކު އޭނާ އަށް ޖަލުން ނުކުންނެވޭނެ ގޮތެއް އަދި ނެތް ކަމަށް ވެއެވެ. މިހާރު ހިނގަމުންދާ ހުކުމަކީ، އެންމެ ފަހުން އޭނާ ކުރެއްވި ކައިވެންޏަކީ އިސްލާމް ދީނުގެ ހަމަތަކާ ޚިލާފަށް ކުރެއްވި ކައިވެންޏެއް ކަމަށް ބުނެ ކޮށްފއިވާ ހުކުމެކެވެ.

- ކޮމެންޓް