ކ. މާލެ
|
12 މެއި 2023 | ހުކުރު 04:12
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. ނާޒްނީން އަންވަރު
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. ނާޒްނީން އަންވަރު
ހެލްތު މިނިސްޓްރީ
ރާއްޖޭގެ ސިއްހީ ހާލަތު
"ރާއްޖޭގައި %96 މީހުންނަށް ސާފު ބޯފެން ލިބެން އެބަހުރި، އެއީ ކާމިޔާބެއް"
އޭނާ ވިދާޅުވީ ޑަބްލިއުއެޗްއޯއިން ފާއިތުވި 3 އަހަރު ހޭދަކުރީ ކޮވިޑް-19އިން އަރައިގަތުމަށް އެހީތެރިވުމުގައި ކަމަށް
ކޮވިޑް-19 އަށް ފަހު ކުރިން ދުވަހަކު ވެސް ބޭނުން ނުވާވަރަށް ދުނިޔެއަށް ޑަބްލިއުއެޗްއޯގެ ބޭނުންތެރިކަން ޖެހިފައިވާ ކަމަށް ޑރ.ނާޒްނީން ވިދާޅުވި

ރާއްޖޭގައި %96 މީހުންނަށް ސާފު ބޯފެން ލިބެން އެބަހުރި ކަމަށާއި އެއީ ފާހަގަކޮށްލެވޭ ކާމިޔާބެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. ނާޒްނީން އަންވަރު ވިދާޅުވެއްޖެއެވެ.

ސިއްހަތު ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ ގައިން ގަޔަށް އަރާ ބަލިތައް މަދުކުރުމަށާއި، ނައްތާލުމުގައި ރާއްޖެއިން ވަރަށް ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. މީގެ އިތުރުން މި ރީޖަންގައި މީހުން ދިރި އުޅޭނެ ކަމަށް ލަފާކުރާ އެވްރެޖް އުމުރު އެންމެ މަތި ގައުމަކަށް ރާއްޖެ ވުމަކީ ރާއްޖެއިން ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ނާޒްނީން ވިދާޅުވީ ޑަބްލިއުއެޗްއޯއިން ފާއިތުވި 3 އަހަރު ހޭދަކުރީ ކޮވިޑް-19އިން އަރައިގަތުމަށް އެހީތެރިވުމުގައި ކަމަށެވެ. އޭނާ ވިދާޅުވީ ކޮވިޑް-19 އަށް ފަހު ކުރިން ދުވަހަކު ވެސް ބޭނުން ނުވާވަރަށް ދުނިޔެއަށް ޑަބްލިއުއެޗްއޯގެ ބޭނުންތެރިކަން ޖެހިފައިވާ ކަމަށެވެ. ކޮވިޑަށް ފަހު ވަރަށް ގިނަ އުނދަނގޫ ކަންކަމާއި ދަތިތަކާއި ދިމާވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ދަތިތަކުން އަރައިގަތުމަށް ޑަބްލިއުއެޗްއޯ އިން ކުރަމުންދާ މަސައްކަތްތަކަށް އާއްމުންގެ އެހީ އާއި އެއްބާރުލުން ލިބުން ވަރަށް މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑރ.ނާޒްނީން ވަނީ ރާއްޖެ އާއި ޑަބްލިއުއެޗްއޯއާ ދެމެދު އޮތް ގުޅުމަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޑަބްލިއުއެޗްއޯ އަށް ރާއްޖޭގެ ފަރާތުން ލިބެމުންދަނީ ވަރަށް ފުރިހަމަ އެއްބާރުލުމެއް ކަމަށް ފާހަގަކުރައްވާ އެކަމަށް ޓަކައި އޭނާ ވަނީ ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސައިންސާއި، ތަހުލީލާއި، ޑިޖިޓަލް ޓެކްނޮލޮޖީ ފަދަ ކަންކަމުގެ އަލީގައި ނޫނީ ސިއްހީ ދާއިރާ ކުރި ނާރާނެކަން ގަބޫލުކޮށް އެ ޖަމިއްޔާއާއެކު ރާއްޖެއިން މަސައްކަތްކުރަމުން ދިއުމަކީ އުފާކުރައްވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް