ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ފެލްޓުތަކުގެ ކުއްޔަށް ސަރުކާރުން ބޮޑު ލުޔެއް ދީފިއެވެ.
ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަދި އަރބަންކޯއިން ހާމަކޮށްފައިވާ ގޮތުގައި ހިޔާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި 7،500 ރުފިޔާ ކަނޑައަޅައިފައިވީ ނަމަވެސް މި މަހުން ފެށިގެން ކުރިއަށް އޮތް ހަތް އަހަރަށް ދައްކަން ޖެހޭނީ ކޮންމެ މަހަކު 5،300 ރުފިޔާއެވެ.
ހިޔާ ފްލެޓުތަކުގެ ކުއްޔަށް ސަރުކާރުން ލުއި ދިން ނަމަވެސް ޖުމްލަ ކުލި ދައްކަން ޖެހޭ އަދަދަށް ބަދަލެއް ނާންނާނެކަން އަރބަންކޯއިން ފާހަގަކުރެއެވެ. އެގޮތުން ކުރިން 25 އަހަރު ދުވަހުން ކުލި ދައްކާ ހަލާސް ކުރެވޭގޮތަށް އޮތްއިރު މިހާރު ދިން ލުޔާއެކު އެ މުއްދަތު 27 އަހަރަށް ބަދަލު ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ބަދަލާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ކުރީ ސަރުކާރުން ހިޔާ ފްލެޓުތައް ހަވާލުކުރަން ނިންމީ ފިނިޝިންގެ މަސައްކަތް ނުނިންމާ ކަމަށްވުމުން އެ މަސައްކަތަށް ފްލެޓު ލިބުނު ފަރާތްތަކުން ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހުނު ކަމަށެވެ. އެގޮތުން އެވްރެޖުކޮށް ކޮންމެ ފްލެޓަކުން ވެސް 130،000 ރުފިޔާ ގެ ލޯނު ނަގާފައިވާއިރު ކުލި ދެއްކުމުގައި ލުއިތަކެއް ހޯދައިދޭން އެ ފަރާތަތްކުން އެދެމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން ހިޔާ ފްލެޓުތަކުގެ ކުއްޔަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް އަބަދުވެސް މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރައްވައި އަކްރަމް ވިދާޅުވީ މި ބަދަލު ގެނައުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މިއީ ދިން ލުޔެއް ކަމަށާއި ކުލި ކުޑަނުކުރާކަން ފާހަގަކުރައްވައި އަކްރަމް ވަނީ މިއީ ރިޔާސީ އިންތިޚާބާ ގުޅިގެން ގެންނަ ބަދަލެއް ކަމަށް ދެކެވޭ ވާހަކަތައް ވެސް އޭނާ ދޮގު ކުރެއްވާފައެވެ.
ވަރަށް ގިނަ މަރުހަލާތައް ގޮސްފި، ތިން ފަހަރަށް ކުއްޔަށް ލުއިތަކެއް ދެވުނު. އިތުރަށް ޔޫނިއަނުން ރައީސްއާ ވަރަށްފަހުން ބައްދަލުކޮށް މަޝްވަރާ ކުރުމުން ރައީސް އެކަމާ ވިސްނަވާފައި ގޮތެއް މި ނިންމެވީ. ކުލި ކުޑަކުރީކީވެސް ނޫން. އަޅުގަނޑުމެން އަބަދުވެސް ބުނަމުން މިދަނީ ކުއްޔަށް ނެތޭ އިތުރު ބަދަލެއް ގެނެވޭކަށް.ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން
އަރބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވި ގޮތުގައި ސަރުކާރުން ހިޔާ ފެލްޓުތަކުގެ ކުއްޔަށް ގެންނަ ބަދަލު މި މަހުން ފެށިގެން އަންނާނެއެވެ. އަދި މިއީ ވަކި ފަރުދެއް ތަފާތު ކުރުމެއް ނެތި އެންމެނަށް ވެސް އަންނާނެ ބަދަލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އާތިފް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަތް އަހަރަށް 5،300 ރުފިޔާ ކުލީގެ ގޮތުގައި މަހަކު ނަގަން ނިންމީ ފްލެޓުތަކުގެ ފިނިޝިންއަށް ރައްޔިތުން ނަގާފައިވާ ލޯނަށް އެވްރެޖުކޮށް ކޮންމެ މަހަކު 2،200 ރުފިޔާ ދައްކަން ޖެހޭތީ އެ ފައިސާ ދެއްކުމަށް ލުއި ދިނުމަށް ކަމަށެވެ. ފިނިޝިންގެ މަސައްކަތަށް ރައްޔިތުން އެވްރެޖުކޮށް ލޯނު ނަގާފައިވަނީ 5-7 އަހަރާ ދެމެދުގެ މުއްދަތެއްގައި އަނބުރާ ދައްކާ ގޮތަށެވެ.
މީގެ އިތުރުން މި ލުއި ސަރުކާރުން ދިން ނަމަވެސް ކުރިން ނަގަމުން އައި މެއިންޓެނެންސް ފީ ކުރިއަށް އޮތް ހަތް އަހަރު ވެސް ކުލީގެ އިތުރަށް ދައްކަން ޖެހޭނެ ކަމަށް އާތިފް ވިދާޅުވިއެވެ. މެއިންޓެނެންސް ފީގެ ގޮތުގައި ދައްކަން ޖެހޭނީ 1000 ރުފިޔާއެވެ. އެހެންކަމުން މެއިންޓެނެންސް ފީއާއެކު ކުރިއަށް އޮތް ހަތް އަހަރު ކޮންމެ މަހަކު ހިޔާ ފްލެޓުތަކުން ދައްކަން ޖެހޭނީ 6،300 ރުފިޔާއެވެ.