ފާއިތުވި ހަފްތާގައި ރާއްޖެއިން ކޮވިޑް-19 ޖެހިގެން އެކަކު ނިޔާވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މެއި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއިން 314 މީހުން ވަނީ ކޮވިޑް ޖެހިގެން ނިޔާވެފައެވެ. އޭގެކުރީ ހަފްތާ އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އޭޕްރީލް މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވެފައިވަނީ 313 މީހުންނެވެ.
ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި ހަފްތާގައި ކޮވިޑް ޖެހިފައިވަނީ 91 މީހުންނަށެވެ. އެއީ މާލެ ސަރަހައްދުން 48 މީހުންނާއި އަތޮޅުތަކުން 16 މީހުން އަދި އެހެނިހެން ހިސާބުތަކުން 27 މީހުންނެވެ. 16 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދީފައިވެއެވެ.
އޭގެކުރީ ހަފްތާ ކޮވިޑް ޖެހުނު މީހުންގެ އަދަދު ހުރީ 194 ގައެވެ. އެއީ މާލެ ސަރަހައްދުން 105 މީހުންނާއި އަތޮޅުތަކުން 42 މީހުން އަދި އެހެނިހެން ހިސާބުތަކުން 47 މީހުންނެވެ.
ތިން ހަފްތާ ވަންދެން ކޮވިޑް ޖެހުނު މީހުންގެ އަދަދު ސަތޭކައިން މަތީގައި ހުރުމަށްފަހު ފާއިތުވި ހަފްތާ ވަނީ އެ އަދަދު ސަތޭކައިން ތިރިވެފައެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 186،526ށް އަރާފައެވެ.
ވެކްސިންގެ ތަފާސްހިސާބުތަކަށް ބަލާއިރު މެއި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް 399،352 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވެއެވެ. ދެވަނަ ޑޯޒް 385،170 މީހުން ޖަހާފައިވާއިރު ބޫސްޓަރ ފުރަތަމަ ޑޯޒް 167،726 މީހުން ޖަހާފައިވެއެވެ. އަދި ބޫސްޓަރ ދެވަނަ ޑޯޒް 1563 މީހުން ވަނީ ޖަހާފައެވެ.