ސިފައިންގެ ޤާބިލްކަން އިތުރުކޮށް، ސިފައިން ޕްރޮފެޝަނަލް ބަޔަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިހު އެންމެ އިސްކަމެއް ދެއްވާ މަސައްކަތްޕުޅު ކަމަށާއި އެ މަގްސަދު ހާސިލުކުރެވޭނީ ސިފަންނަށް ބޭނުންވާ ތަމްރީނާއި ހުނަރު ލިބިދީގެން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެފަދައިން ވިދާޅުވީ އެމްއެންޑީއެފްގެ ފަޔަރ ފައިޓަރ ޓްރޭނިންގ ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ފަޔަރ ފައިޓަރުންނަށް ބޭނުންވާ ތަމްރީނު ދެމުންއައީ ހަމައެކަނި ރާއްޖޭގައި ނަމަވެސް މިހާރު ދުނިޔޭގެ އެކި ސަރަހައްދުތަކުން ފަޔަރަ ފައިޓަރުންނަށް ތަމްރީނާއި ހުނަރު ފޯރުކޮށްދެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ސިފައިން ޕްރޮފެޝަނަލް ބަޔަކަށް ހެދުމަކީ ރައީސްގެ ވަޢުދުފުޅެއްކަމަށްވާތީ މިހާރު އެ ސަރވިސް އަށް ބޭނުންވާ އެކި ފެންވަރުގެ ތަމްރީނުތައް ފޯރުކޮށްދެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން މިދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި އިންޑިއާ އާއި އިނގިރޭސިވިލާތުގެ ފަޔަރ ސަރވިސް ކޮލެޖާއި އެހެނިހެން ބައިނަލްއަޤުވާމީ ގައުމުތަކުގެ އެހީގައި ފަޔަރ ފައިޓަރުން ތަމްރީނުކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިއީ މިފަދަ މަސައްކަތްތަކަށް އެންމެ ބޮޑު ސަމާލުކަމެއް ދިން ސަރުކާރު ކަމަށާއި މި ސަރުކާރުން ހައިރައިޒް ފަޔަރ ފައިޓިންއާއި އާރބަން ސާރޗް އެންޑް ރެސްކިއުގެ ޤާބިލްކަން ގާއިމުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ.