ކ. މާލެ
|
6 މެއި 2023 | ހޮނިހިރު 19:12
ބަނދެފައި އޮއްވައި ފެނުނު ފެހުރިހި
ބަނދެފައި އޮއްވައި ފެނުނު ފެހުރިހި
ރާއްޖެއެމްވީ
ފެހުރިހި ސަލާމަތްކުރުން
ކުރި ތުރާލެއް ނެތް، އެކަމަކު މި ފެހުރިއްސަށް ވޭނީ އަނިޔާއެއް
 
ފެހުރިހި ސަލާމަތްކުރުމުގައި 3 ދިވެހި ޑައިވަރުންނާއި، ސަފާރީގައި އެވަގުތު ތިބި 12 ޑައިވަރުން ހަރަކާތްތެރިވި

ކަނޑުގެ އައްސޭރި ފަށުގައިވާ މި ދިވެހި ރާއްޖޭގެ މުއްސަނދި ކަނޑުގެ ފަޅު ފިލުވާލައިދޭ އެންމެ ބިޔަ އެއް ދިރުމަކީ ފެހުރިހި، ނުވަތަ "ވޭލްޝާކް"އެވެ. ރާއްޖޭގައި އުޅޭ މިޔަރުގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑު، އަދި ކަނޑުގައި އުޅޭ އެންމެ ބިޔަ މަހަކީވެސް ފެހުރިއްސެވެ. މިއީ ހަމަ ގައިމުވެސް ރާއްޖޭގެ ކަނޑުގެ އެންމެ ފުރިހަމަ، އެންމެ މަގްބޫލު އެއް ދިރުމަށް ވާނެއެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުން އެތައް ބަޔަކު މި ދިރުމުގެ ޗާލޫކަން ދެކިލުމަށް ފީނައި އުޅެއެވެ. އެގޮތުން 2014 ވަނަ އަހަރު ކޮށްފައިވާ ދިރާސާއަކުން އެނގޭގޮތުން، ވޭލްޝާކް ޓޫރިޒަމުން ރާއްޖޭގެ އިގުތިސާދަށް އަހަރަކު 9.4 މިލިއަން ޑޮލަރު ވަދެއެވެ. އެހެންކަމުން އިގްތިސާދީގޮތުން ބަލާނަމަ ފެހުރިއްސަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މީހުން ހިތްޖައްސުވާ އެއް ބަހާއެވެ.

ރާއްޖޭގައި ފެހުރިހި ހިފުމާއި، މެރުމާއި އެއަށް ގޯނާކުރުމަކީ މަނާކަމެކެވެ. މީގެއިތުރުން ރާއްޖޭގެ ކަނޑުފަޅުގައި އެންމެ ގިނައިން ފެހުރިހި ޖަމާވާކަމަށް ރެކޯޑްކުރެވިފައިވާ ސަރަހައްދު 2009 ވަނަ އަހަރު ވަނީ ހިމާޔަތްކޮށްފައެވެ. މިއީ އަހަރުގެ ހުރިހާ ދުވަސްތަކެއްގައި ބިޔަ ފެހުރިހިތައް އައިސް ޖަމާވާ ސަރަހައްދެކެވެ. އަދި މިއީ ރާއްޖޭގައި ފާހަގަކޮށްލެވެން އޮތް މިފަދަ ހަމައެކަނި ތަނެވެ.

ކަނޑުފަޅުގެ ތިލަ ހިސާބުތަކުން ފެންނަ ފެހުރިއްސަކީ އާއްމުކޮށް 8 މީޓަރު ނުވަތަ 25 ފޫޓް ހުންނަ މަހެކެވެ. އެހެންނަމަވެސް ސައިޒުން ކިތަންމެ ބޮޑުވިނަމަވެސް މިއީ އެއްވެސް ހާލެއްގައި އިންސާނުންނަށް ނުރައްކާތެރި މިޔަރެއްނޫނެވެ. ފެތުންތެރިންނާއި ފީނުންތެރިން ގަޔާވާ މި މިޔަރާ އެހާ ގައިގޯޅިވެ އުޅެވެނީ މި ސަބަބާހުރެއެވެ. ހިތާމައަކީ މިފަދަ އެކުވެރި ދިރުމަކަށްވެސް އަޅުގަނޑުމެންގެ ތެރެއިން ބައެއްގެ ގޯނާއާއި ފުރައްސާރައިން މިންޖުނުވެވުނުކަމެވެ.

ފެހުރިއްސަކީ އެއްވެސް މީހަކަށް ގޯނާއެއް އަދި އުނދަނގުލެއް ކުރާ އެއްޗެއް ނޫނެވެ. ފެހުރިއްސަކީ މަޑުމައިތިރި ޖަނަވާރެކެވެ. އެހެންކަމަށް ވާއިރު، ބޮޑު ސިންގާ ވަލަކުން ބަނދެފައި އޮތް ފެހުރިއްސެއް ރާއްޖެއިން ފެނުނު ޚަބަރު ވެގެން ދިޔައީ, މޫދާއި މޫދުގެ ދިރުންތަކަށް ލޯބިކުރާ އެތައް ބަޔަކަށް ލިބުނު ހިތްދަތި ޚަބަރަށެވެ. ބަޔަކު ވަނީ އެ ފެހުރިހި ސަލާމަތްކޮށްފައެވެ. އެ ފެހުރިހި ސަލާމަތްކޮށްފައިވަނީ ތ. އަތޮޅު ފަހަލަ ކައިރިންނެވެ. ވީޑިއޯއިން ފެންނަގޮތުން އެ ފެހުރިހީގެ ބޮލުގައި އަޅުވާފައި އޮތް ވާގަނޑު ކަނޑާލައި ނެގުމުގެ މަސައްކަތްކުރީ ފަން އަޒުލް ފްލީޓް ސަފާރީގެ ދިވެހި ޑައިވަރުންނެވެ. މި މަސައްކަތުގައި 3 ދިވެހި ޑައިވަރުންނާއި، ސަފާރީގައި އެވަގުތު ތިބި 12 ޑައިވަރުން ވަނީ ހަރަކާތްތެރިވެފައެވެ. ގާތްގަނޑަކަށް 35 މިނިޓުގެ މަސައްކަތުން އެ ފެހުރިހީގައި އައްސާފައި އޮތް ވާ ނައްޓައި މިނިވަންކުރިއެެވެ. އެ މީހުންގެ މަސައްކަތަށް ޝުކުރު ހައްގެވެ.

މިފަދަ ދިރޭ އެއްޗަކަށް އެހައި ވޭނީ އަނިޔާއެއް ދޭން ޖެހުނު ސަބަބެއް ނުވިސްނެއެވެ. ގާނޫނަކުންވެސް އެއަށް ލިބުނު ހިމާޔަތެއް ނެތެވެ. ވީޑިއޯއިން ފެންނަގޮތުގައި، ވާ އެއްސުމުގެ ސަބަބުން އޭތީގެ ބޮލުގައި އައްސާފައި ހުރި ތަންތަން ހުރީ ކަނޑައިގެން ގޮސްފައެވެ. މިފަދަ މައުސޫމް ޖަނަވާރަކަށް އެފަދަ އަނިޔާއެއް ދޭން ހެޔޮވާނެހެއްޔެވެ؟ އެހައި ރަހުމަތްތެރި އެހާމެ އޮޅު މަހަކަށް، ސަމާސާއެއް ކޮށްލުމުގެ ނިޔަތުގައި ނޫނީ އެ ނޫންވެސް ބޭނުމަކު، މިވަރުގެ އަނިޔާއެއް ދޭން ކެރުނީތީ ހައިރާންވެއެވެ. އަނގައިން ނުުބުނެވޭ، ތަދުވާކަން ބަޔާން ނުކުރެވޭ ޖަނަވާރެއް ވަލުން އައްސައި އަނިޔާކުރުމަށްފަހު، ވާނެ ގޮތެއް ވާން ދޫކޮށްލުމަކީ، ދިރުންތަކުން ފުރިފައިވާ މި ރާއްޖޭގައި އަޅުގަނޑުމެން އެއްވެސް ގޮތަކަށް ދެކެން ބޭނުން މަންޒަރެއް ނޫންކަން ގައިމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
50%
50%
0%
ކޮމެންޓް