ކ. މާލެ
|
4 މެއި 2023 | ބުރާސްފަތި 07:33
ބުޅާ
ބުޅާ
ޔޫސުފް ސޮފްވާން ރަޝީދު
ބުޅާ ފެސިލިޓީ
ބުޅާ ފެސިލިޓީ އަޅާނީ ބުޅާ ނިއުޓާ ކުރުމަށްފަހު ފަރުވާދެވޭ ގޮތަށް: މާލެސިޓީ ކައުންސިލު
ބުޅަލެއް ނިއުޓާކުރަން ސިޓީ ކައުންސިލުން ނަގަން ނިންމާފައި ވަނީ 1،500ރ.
ފަށައިގަންނައިރު 1000 ބުޅަލަށް ކޭޓަރކޮށް ކައުންސިލްގެ ބަޖެޓުން ޚަރަދު ކުރުމަށް ނިންމާފައިވޭ

މާލެސިޓީ ކައުންސިލުން އަޅަން ނިންމާފައިވާ ބުޅާ ފެސިލިޓީ އަޅާނީ ބުޅާ ނިއުޓާ ކުރުމަށްފަހު ފަރުވާދެވޭ ގޮތަށް ކަމަށް މާލެސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

ސިޓީ ކައުންސިލުން ނިންމީ މާލެ ތެރޭގައި އުޅޭ 1،000 ބުޅާ ބެލެހެއްޓޭ ވަރުގެ ފެސިލިޓީއެއް ހަދާށެވެ.

މާލޭ ސިޓީ ކައުންސިލްގެ 100 ވަނަ ރަސްމީ އާއްމު ޖަލްސާގައި މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ފަށައިގަންނައިރު 1000 ބުޅަލަށް ކޭޓަރކޮށް ކައުންސިލްގެ ބަޖެޓުން ޚަރަދު ކުރުމަށް ނިންމާފައިވާއިރު މިކަމަށް 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރަން ޖެހޭކަމަށެވެ. އެ ބަޖެޓުން ވެޓް ޝެލްޓާ އެޅުމާއި ނިއުޓާ ކުރުމަށް ބޭނުންވާ ތަކެތި ގަތުމުގެ އިތުރުން ފެސިލިޓީގެ ގޮތުގައި ބޭނުންކުރާ ތަން ހެދުން ނުވަތަ އަޕްގްރޭޑް ކުރުން ހިމެނޭ ކަމަށާއި، ބޭނުންވާ ވަސީލަތްތައް ގަތުމަށް ބޭނުންވާ ފައިސާ އާއި އަދި ފެސިލިޓީ ގޮތުގައި ބޭނުންކުރާތަން މަރާމާތު ކުރުމަށްދާ ޚަރަދު ހިމެނޭގޮތަށް މުއައްޒަފުންނާއެކު މިވަރުގެ ބަޖެޓެއް ހޭދަވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

ފަށައިގަންނައިރު 1000 ބުޅަލަށް ކޭޓަރކޮށް ކައުންސިލްގެ ބަޖެޓުން ޚަރަދު ކުރުމަށް ނިންމާފައިވަނީ. މިކަމަށް 1.7 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރަން މިޖެހެނީ. އޭގެ ތެރޭގައި ނިއުޓާ ކުރުމަށް ބޭނުންވާ ވަސީލަތްތައް ގަތުމަށް ބޭނުންވާ ފައިސާ އާއި އަދި ފެސިލިޓީ ގޮތުގައި ބޭނުންކުރާތަން މަރާމާތު ކުރުމަށްދާ ޚަރަދު ހިމެނޭގޮތަށް ހަމަޖެހިފައިވަނީ. މުއައްޒަފުންނާއި އެކު 1.9 މިލިއަން އަށް އަރާނެ.
ޑރ މުހައްމަދު މުއިއްޒު

ނިއުޓާ ކުރުމުގެ ޚިދުމަތުގެ ތަފްސީލް ދެއްވަމުން ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު އަދި ކައުންސިލްގެ އެންވަރމެންޓް ކޮމިޓީގެ ޗެއާމަން ރީހާން ނާޒިމް ވިދާޅުވީ ބުޅާ ގެނައުމަށްފަހު ބުޅާ ނިއުޓާކޮށްފައި މަގުމައްޗަށް ދޫކޮށްލުމުގެ ބަދަލުގަ ބުޅާތަކަށް ފަރުވާދިނުމާއި، ކާންދީ ބެލެހެއްޓުމުގެ ހުރިހާ ކަމެއް ކުރާނެކަމަށެވެ.

މޭޔަރު އިތުރަށް ވިދާޅުވީ މިކަމަށް ޓެކްނިކަލް ޓީމް މަސައްކަތް ކުރާނެ ތަނަކާ އާފްޓަރ ކެއާ ޝެލްޓަރާއެކު މަސްވެރިންގެ ޕާކުގައި މިތަން ހެދޭނެ ކަމަށް ފެންނާތީ ވަގުތީ ޝެލްޓާގެ ގޮތުގައި އެތަން ހަމަޖެއްސުމަށް ނިންމާފައިވާކަމަށެވެ. އަދި މި މަޝްރޫޢު ކުރިއަށްދާނީ އޮންނަ އުސޫލުގެ ތެރެއިން އާންމުކޮށް އިއުލާނުކުރެވިގެން ކަމަށް މޭޔަރު ވިދާޅުވިއެވެ.

އެ ތަނުގައި ބުޅަލެއް ނިއުޓާކުރަން ސިޓީ ކައުންސިލުން ނަގަން ނިންމާފައި ވަނީ 1،500ރ. އެވެ.

އަގާއި ގުޅޭގޮތުން މާލެ ސިޓީގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހް ވިދާޅުވީ އެ އަގު ނަގަނީ ބުޅާ ނިއުޓާ ކުރުމަށް ފަހު ކުރަން ޖެހޭ ޚަރަދުތަކަށް ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ކުރިން ވިލިމާލޭގައި ނިއުޓާ ކުރިއިރު ނަގަނީ ބުޅަލަކަށް 300ރ. އެ މީހުން ނިއުޓާ ކުރުމަށް ފަހު އާފްޓާ ކެއާއެއް ނުކުރާނެ. ކައުންސިލުން ނިއުޓާކުރާ ބުޅާ ނިއުޓާ ކުރުމަށް ފަހު ހަތަރު ފަސް ދުވަސް ވަންދެން ކުރަން ޖެހޭ ކަންކަން ކުރާނެ، ކާން ދިނުން، ބޭސް ދިނުން، އެ ހުރިހާ ކަމެއް ކުރާނީ ކައުންސިލުން، އެކަންކަން ކުރެވޭ ވަރެއްގެ އަގެއްގަ ހިފަންވާނީ
ސައިފް ފާތިހް

ކައުންސިލުން ނިންމާފައި ވަނީ ނިއުޓާކުރާ ކޮންމެ ބުޅަލެއް މައިކްރޯޗިޕް ކުރުމާއި ކޮންމެ ބުޅަލެއްގެ ކަރުގައި ކޮލާއެއް ނުވަތަ ކައުންސިލަށް ހާއްސަ ލޯގޯއެއް އަޅުވާ ގޮތަށެވެ. އަދި ނިއުޓާކުރާ ކޮންމެ ބުޅަލެއް ރަޖިސްޓްރީ ވެސް ކުރާނެ އެވެ.

ވަގުތީ ކްލިނިކްގައި ނިއުޓާ ކުރުމުގެ އިތުރުން އެކްސްރޭ ނެގުމާއި ބްލަޑް ޓެސްޓް ކުރުން ފަދަ ކަންކަން ވެސް ކުރިއަށް ދާނެ ކަމަށާއި މަގުމަތީ އުޅޭ ބުޅަލުގެ އިތުރުން ޕެޓްގެ ގޮތުން އާންމުން ގެންގުޅޭ ބުޅަލަށް ވެސް އެތަނުން ޚިދުމަތް ދޭން ނިންމާފައިވާ ކަމަށް ކައުންސިލުން ހާމަކުރިއެވެ.

ބުޅާ ފެސިލިޓީގައި މަސައްކަތް ކުރުމަށް ނަގަނީ ފަރުވާދޭ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން، ސިޓީ ކައުންސިލްގެ ދެ މުވައްޒަފުންނާއި އިއުލާން ކޮށްގެން ނަގާ ހަތަރު މުވައްޒަފުންނެވެ.

ކައުންސިލުން މީގެކުރިން ނިންމާފައި ވަނީ އަމިއްލަ ޚަރަދުގައި ވިލިމާލޭގައި ބުޅާ ފެސިލިޓީއެއް ހަދައިދޭނެ ބަޔަކު ހޯދުމަށެވެ. ތިން ފަހަރެއްގެ މަތިން އިއުލާނުކޮށްގެން ވެސް އޭރު ނުލިބުނު ނަމަވެސް މިހާރު އެކަމަށް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ދާއިމީ އިމާރާތް އަޅަން އެންމެ ރަނގަޅު ތަނަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކޮންމެވެސް ސަރަޙައްދެއް ކަމަށެވެ.

މާލޭ މަގުމަތީގައި އުޅޭ ބުޅާތައް ނުވިހާ ގޮތަށް ހަދައި ބުޅާތައް ބަލަހައްޓަން މަސްވެރިންގެ ޕާކުގައި ވަގުތީ ފެސިލިޓީއެއް ހަތަރު މަސް ތެރޭ ހަދަން ނިންމައި އެކަމަށް 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް ސިޓީ ކައުންސިލުން ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑައިގަތް ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.

- ކޮމެންޓް