ކ. މާލެ
|
4 މެއި 2023 | ބުރާސްފަތި 07:09
އެމްއާރްއެމްގެ ބައްދަލުވުމުގެ ތެރެއިން
އެމްއާރްއެމްގެ ބައްދަލުވުމުގެ ތެރެއިން
އަމްނާ އިމާދު
އެމްއާރުއެމްގެ ތެރޭގައި ބައިބައިވުން އުފެދުން
އެމްއާރުއެމްގެ އެތެރެ ބައިބައިވެ ބައެއް ބޭފުޅުން ޕާޓީން އިސްތިއުފާދެއްވަނީ
ދެ ގަޑިއިރަށްވުރެ ގިނައިރު ކުރިޔަށްދިޔަ ބައްދަލުވުމުގައި ޚިޔާލު ތަފާތުވުންތަކަށް ހައްލު ހޯދިފައިނުވޭ

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ އެތެރޭގައި ޚިޔާލުތަފާތުވުން ބޮޑުވެ ބައެއް ބޭފުޅުން ޕާޓީން އިސްތިއުފާދެއްވާކަން "ރާއްޖެއެމްވީ" އަށް ކަށަވަރުވެއްޖެއެވެ.

ކުރީގެ ބަންޑާރަ ނައިބުންނާއި އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން ބުދަ ދުވަހު ޗާގޯސްގެ މައްސަލައާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއާރުއެމްގެ ނައިބު ރައީސް އައިމިނަތު ނާދިރާ ޕާޓީގެ އެކްސޯގެ މެންބަރުންނަށް ނޭންގި ބައިވެރިވެވަޑައިގެންނެވި މައްސަލައިގައި ބުދަ ދުވަހުގެ ރޭ އެމްއާރުއެމުން ވަނީ ސިއްރު ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލުވުން ބާއްވާފައިވަނީ ޕާޓީގެ ތެރޭގައި ޚިޔާލުތަފާތުވުން އުފެދިފައިވާ މެންބަރުންނާއެކު ޚިޔާލުތަފާތުވުންތައް ނައްތާލާ މައްސަލަ ހައްލުކުރުމަށެވެ. މޫކައި ސުއިޓްގައި ދެ ގަޑިއިރަށްވުރެ ގިނައިރު ކުރިޔަށްދިޔަ ބައްދަލުވުމުގައި ޚިޔާލު ތަފާތުވުންތަކަށް ހައްލު ހޯދިފައިނުވާކަމަށް މިކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ރާއްޖެއެމްވީއަށް މައުލޫމާތު ދިނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނާދިރާ ބައިވެރިވަޑައިގެންނެވީ އެކްސޯގެ މެންބަރުންނަށް އެންގުމަކާ ނުލާ ކަމަށްވިޔަސް ޕާޓީގެ ޒައީމް ރައީސް މައުމޫން އަބްދުލްޣައްޔޫމުގެ ލަފާފުޅާ އެކުކަމަށް ވެސް މައުލޫމާތު ލިބިއެވެ. ބައްދަލުވުމަށްފަހު ބޭރަށް ވަޑައިގެންނެވި ވަގުތު ބައްދަލުވުމާއި ގުޅޭގޮތުން "ރާއްޖެއެމްވީ"ން އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނާއި ސުވާލުކުރުމުން ވިދާޅުވީ ބައްދަލުވުމުގެ މައުލޫމާތު ފަހުން ހިއްސާކުރައްވާނެކަމަށާއި މިއީ ޕާޓީގެ އެތެރޭގެ ބައްދަލުވުމެއްކަމަށެވެ.

ބައްދަލުވުން ހޫނުވެ ބައްދަލުވުން ނުނިމެނީސް ރައީސް މައުމޫންގެ ޕާސަނަލް ސެކެޓްރީ އަހުމަދު ޞަފްވާން ވަނީ ބައްދަލުވުމުން ނުކުމެވަޑައިގަންނަވާފައެވެ. އަދި ޞަފްވާން ވަނީ ޕާޓީން އިސްތިއުފާދެއްވާފައި ކަމަށް މައުލޫމާތު ލިބެއެވެ. މީގެއިތުރުންވެސް ސަރުކާރުގައި ތިއްބެވި އެމްއާރުއެމްގެ ބައެއް ބޭފުޅުންވެސް ޕާޓީން އިސްތިއުފާދެއްވަން ނިންމަވާފައިވާކަމަށް ވަނީ މައުލޫމާތުލިބިފައެވެ. މިބައްދަލުވުމުގައި ރައީސް މައުމޫންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނާއެކު ކޯލިޝަން ހެދުމަށް އެމްއާރުއެމް އަށް ދައުވަތު އަރުވާފައެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން އެމްއާރުއެމް އިން އަދި ވަކިގޮތެއް ނުނިންމާއިރު އެމްއާރުއެމް އާއި އެމްޑީޕީ އާއެކު ފުރަތަމަ މަޝްވަރާ ބައްދަލުވުން ވަނީ އަންގާރަ ދުވަހުގެ ރޭ ކުރިޔަށް ގެންގޮސްފައެވެ. މީގެއިތުރުން ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމާފައިވާ ޖުމްހޫރީ ޕާޓީންވެސް ވަނީ އެމްއާރުއެމް އާއެކު ވާހަކަތައް ބާއްވާފައެވެ.

ރިޔާސީ އިންތިޚާބުގައި އެމްއާރުއެމް އިން ވަކިން ވާދަކުރުމާއި ގުޅޭގޮތުން އެމްއާރުއެމްގެ ތެރޭގައި ވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ.

- ކޮމެންޓް